ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 11:10
ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަދަން ޓްރާންސްޕޯޓް ލިންކުން ބޭނުންކުރަމުންދާ ލޯންޗެއް
ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަދަން ޓްރާންސްޕޯޓް ލިންކުން ބޭނުންކުރަމުންދާ ލޯންޗެއް
ގޫގުލް
އެސްޓީއެލްގެ އޮޑިޓް
ސަދަން ޓްރާންސްޕޯޓް ލިންކުގެ ޚިޔާނާތުގެ މައްސަލަތަކެއް، ފައިސާ ޖަމާކުރީ އަމިއްލަ އެކައުންޓްތަކަށް!
350،958 ރުފިޔާ އެސްޓީއެލްގައި ފެންނަން ނެތް، އެމްޕީއެލްގެ އެކައުންޓަށް ޖަމާނުކުރޭ
67،000 ރުފިޔާ އަމިއްލަ ބައެއް ފަރުދުންގެ އެކައުންޓްތަކަށް ޖަމާކޮށްފަ
ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖަރާ ގުޅުންހުރި ދެ ފަރާތެއްގެ އެކައުންޓަށް

ސަދަން ޓްރާންސްޕޯޓް ލިންކް(އެސްޓީއެލް) ގެ ތެރޭގައި ހިންގާފައިވާ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް އޮޑިޓަރ ޖެނެރަލް ފެންމަތި ކުރައްވައިފިއެވެ.

ސަދަން ޓްރާންސްޕޯޓް ލިންކަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ދަށުން އައްޑު އަތޮޅާއި ފުވައްމުލަކުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް 2015 ވަނަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު އުފައްދާފައިވާ ތަނެކެވެ. 

މި އޮޑިޓް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 21 އިން ފެށިގެން 2016 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހާ ދެމެދު ހިންގާފައިވާ ވިޔަފާރީގެ މުއާލަތާތްތަކެވެ. އެސްޓީއެލްގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލައެއް ބަލައިދިނުމަށް އެދި އެމްޕީއެލް އިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން އޮޑިޓަރ ޖެނެރެލްގެ އޮފީހުން ކުރި އޮޑިޓުން ޚިޔާނާތުގެ ތިން މައްސަލައެއް ފާހަގަކުރެވުނެވެ.

ފުރަތަމަ މައްސަލައެއްގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ފެރީ ދޯންޏާއި ލޯންޗުގެ ޓިކެޓް ވިއްކައިގެންނާއި އުޅަނދުތައް ކުއްޔަށް ދޫކޮށްގެންނާއި ކާގޯ އުފުލައިގެން އާމްދަނީގެ ގޮތުގައި އެސްޓީއެލްއަށް ލިބިފައިވާ ފައިސާގެ ތެރެއިން 350،958 ރުފިޔާ އެމްޕީއެލްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމާއި އެ ފައިސާ އެސްޓީއެލްގައި ފެންނަން ނެތް މައްސަލައެވެ. 

މި ފައިސާގެ ތެރެއިން 246،958 ރުފިޔާއަކީ ރަސީދުތަކުން ބަލައިގަންފައިވާ ފައިސާގެ ތެރެއިން ގެއްލިފައިވާ ފައިސާއެވެ. އޭގެ ތެރޭގައި ހިމެނީ 2016 ވަނަ އަހަރުގެ މާޗް މަހު ލިބުނ 96،000 ރުފިޔާ އާއި، އޭޕްރީލް މަހު ލިބުނު 100،682 ރުފިޔާގެ އިތުރުން މެއި މަހު ލިބުނު 49،407 ރުފިޔާއެވެ.   

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ފައިސާ، އޮފީހުގައި ފެންނަން ނެތި، ގެއްލެން މެދުވެރިވެފައިވަނީ ކަނޑައޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފައިސާ ލިބޭ ދުވަހާއި ޖެހިގެން އަންނަ ދުވަހު އެ ފައިސާ ބޭންކަށް ޖަމާނުކޮށް ހުރުމުގެ ސަބަބުން ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުން ކުރުމުގެ ފުރުޞަތު އޮތުމުންކަން ފާހަގަކުރެވޭ ކަމަށެވެ. އެސްޓީއެލްއަކީ އެމްޕީއެލްގެ ހެޑް އޮފީހުގެ ބެލުމުގެ ދަށުން ހިންގަމުންދާ ތަނަކަށް ވާއިރު އެތަނަށް ލިބިފައިވާ އާމްދަނީ ހެޑް އޮފީހުން އެކަށީގެންވާ ވަރަށް މޮނިޓަރ ކޮށްފައިނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.  

އެމްޕީއެލްގެ އިންޓަރނަލް އޮޑިޓް ރިޕޯޓުގައިވެސް މި މައްސަލަ ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް ޖަމާކޮށްފައިނުވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކުރާ ފައިސާގެ ތެރޭގައި 2016 ވަނަ އަހަރުގެ މެއި 14 ވަނަ ދުވަހު ރަސީދުތަކުން އެސްޓީއެލްއަށް ބަލައިގަނެފައިވާ 13،693 ރުފިޔާ ހިމަނާފައިނުވާތީ، އެއީ ރިޕޯޓުގައި ރަސީދުތަކުން ބަލައިގަނެ ޖަމާކޮށްފައިނުވާ ކަމަށް ބަޔާން ކޮށްފައިވަނީ 233،265 ރުފިޔާއެވެ.

ދެވަނަ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެސްޓީއެލް އިން މަދުވާ ފައިސާގެ ތެރެއިން 67،000 ރުފިޔާ އަމިއްލަ ބައެއް ފަރުދުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ މައްސަލައެވެ. ތިން ވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ ފެރީ ދޯންނާއި ލޯންޗު ކުއްޔަށް ހިފާފައިވާ ފަރާތްތަކުގެ ތަފްސީލު އެ އުޅަނދުތަކުގެ ދުވަހު ޔައުމިއްޔާ ފިޔަވައި އެހެން އެއްވެސް ލިޔުމަކުން ފެންނަން ނެތް މައްސަލައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެސްޓީއެލްގެ ފެރީ ދޯންޏާއި ލޯންޗްތައް ކުއްޔަށް ހިފުމާގުޅޭ ގިނަ ލިޔުންތައް އެތަނުގެ ރެކޯޑްތަކުން ފެންނަން ނެތުމުގެ ސަބަބުން އެ އުޅަނދުތަކުން ކޮށްފައިވާ ދަތުރުތަކުގެ ފައިސާގެ މުޢާމަލާތުތަކާ ގުޅޭ ލިޔެކިއުންތައް އަމިއްލަ ފަރުދުންނާއި އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ހޯދައިގެން ބެލިބެލުމުގައި، ފެރީ ދޯންޏާއި ލޯންޗް ކުއްޔަށް ދޫކޮށްގެން އެސްޓީއެލްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 67,000 ރުފިޔާ އަސްލު ނޫން ރަސީދު ބޭނުންކޮށްގެންނާއި އެއްވެސް ރަސީދެއް ނެތި ބަލައިގަތުމަށްފަހު އެ ފައިސާ އެސްޓީއެލްއާ ހަވާލުނުކޮށް އަމިއްލަ ބައެއް ފަރުދުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެއެވެ.

އަމިއްލަ ބައެއް ފަރުދުންގެ އެކައުންޓްތަކަށް ޖަމާކުރި ފައިސާގެ ތެރޭގައި ހިމެނެނީ އަމިއްލަ ކުންފުންޏަކަށް ލޯންޗު ކުއްޔަށް ދޫކޮށްގެން ލިބުނު 45،000 ރުފިޔާއާއި ޖަމިއްޔާއަކަށް ލޯންޗު ކުއްޔަށް ދޫކޮށްގެން ލިބުނު 22،000 ރުފިޔާއެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ގޮތުގައި މި ދަތުރުތަކުން ލިބިފައިވާ ޖުމްލަ 67,000 ރުފިޔާ ޖަމާކޮށްފައިވާ ބޭންކް އެކައުންޓުތަކުގެ މަޢުލޫމުތު ބެލިއިރު، މި ފައިސާ ޖަމާކޮށްފައިވަނީ އޭރު އޮފީސް ހިންގުމާ ހަވާލުވެގެންހުރި ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖަރާ ގުޅުންހުރި ދެ ފަރާތެއްގެ އެކައުންޓަށްކަން ފާހަގަކުރެވުނު ކަމަށެވެ.

މީގެ އިތުރުން އެސްޓީއެލްގެ ލިޔެކިއުންތަކަށް ބަލާއިރު 23 މާޗު 2016 ގައި އަމިއްލަ ކުންފުންޏަކަށް ލޯންޗު ކުއްޔަށް ދޫކުރި ކަމަށާއި އެ ދަތުރުގެ އަގަށްވާ 12,000 ރުފިޔާ އެސްޓީއެލްއަށް ބަލައިގަނެފައިވަނީ އަސްލު ނޫން ރަސީދެއް ޚިދުމަތް ހޯދި ފަރާތަށް ދީގެން ކަމާއި އެ ފައިސާ ބަލައިގަތުމަށްފަހު ޖަމާކޮށްފައިވަނީ ކޮން އެކައުންޓަކަށްކަން އެނގެން ނެތްކަމާއި އެ ފައިސާއަށް ވީނުވީއެއް އެސްޓީއެލްގެ ރެކޯޑުތަކުން އެނގެންނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

އަމިއްލަ ފަރާތަަކަށް 2016 ވަނަ އަހަރުގެ ޖެނުއަރީ، ފެބްރުއަރީ އަދި މާޗު މަހު ލޯންޗް ކުއްޔަށް ދޫކޮށްގެން ޖުމްލަ 25,000 ރުފިޔާ އެސްޓީއެލްއަށް ލިބެންޖެހޭ ކަމަށް ލިޔެކިއުންތަކުން ފާހަގަކުރެވިފައިވާއިރު، އެ ފައިސާ އެސްޓީއެލްއަށް ލިބިފައިވާކަން އެއްވެސް ލިޔެކިއުމަކުން ފެންނަން ނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް