އެމްޓީސީސީގެ ރައިޓްސް އިޝޫގެ ޙިއްޞާގެ މުއާމަލާތްތައް ބެލެހެއްޓުމަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީ ( އެމްއެސްޑީ) އާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ބުދަ ދުވަހު މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީގެ ރައިޓްސް އިޝޫ ޙިއްޞާގެ މުއާމަލާތު ކުރުމަށް ސާރވިސް އެޖެންޓެއްގެ ގޮތުގައި އެމްއެސްޑީ ކަނޑައަޅައި، އެމްއެސްޑީ މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙިއްޞާގެ މުއާމަލާތް ކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
އެއްބަސްވުމުގެ ދަށުން އެމްއެސްޑީއިން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ތެރޭގައި ރައިޓްސް ޓްރާންސްފަރ ފޯމް އަދި ރައިޓްސް އިޝޫގެ ޙިއްޞާ އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން، އަދި އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލްއަށް އެމްޓީސީސީގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
މި އެއްބަސްވުމާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެމްޓީސީސީގެ ޙިއްޞާދާރުންނާއި ހިއްސާ ބައްލަވައިގަންނަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުންނަށް ހިއްސާ ބައްލަވައިގަތުމުގައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާލެއާއި އަތޮޅުތެރޭގައި ބޭއްވޭ ރޯޑް ޝޯތަކުގައި ވެސް ހިއްސާ ބައްލަވައިގަތުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
ރައިޓްސް އިޝޫގެ ދަށުން އެމްޓީސީސީގެ ޙިއްޞާ ގަނެވޭނީ 9 އޮކްޓޯބަރ 2017 ގެ 1600 ގެ ނިޔަލަށް ޙިއްޞާދާރުންގެ ގޮތުގައި ދަފްތަރުވެފައިވާ ފަރާތްތަކަށް ނުވަތަ ޙިއްޞާދާރަކު އިޙްތިޔާރު ކުރާ ގޮތަކަށް އެ ޙިއްޞާދާރެއްގެ ޙިއްޞާ ގަތުމުގެ ހައްޤު ދެވިފައިވާ އެހެން ފަރާތަކަށެވެ.
އެމްޓީސީސީގެ ރައިޓްސް އިޝޫގެ ޙިއްޞާ ވިއްކުމަށް ހަމަޖެހިފައި ވަނީ 19 އޮކްޓޯބަރ 2017 އިން ފެށިގެން 3 ޑިސެމްބަރ 2017 ގެ ނިޔަލަށެވެ. އެމްޓީސީސީގެ ޙިއްޞާ ވިއްކުމަށް ހަމަޖެހިފައިވަނީ ޙިއްޞާއެއް 62 ރުފިޔާއަށެވެ.
1980 ވަނަ އަހަރު ވުޖޫދަށް ގެނެވުނު ރާއްޖޭގެ އެންމެ ގިނަދުވަސްވީ ޕަބްލިކް ލިމިޓެޑް ކުންފުނި ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އާންމު ދަތުރުފަތުރުގެ ސިނާއަތާއި މަސްވެރިކަމާއި އޮޑިދޯނިފަހަރުގެ ސިނާއަތުގެ އެންމެ ބޮޑު ޙިއްސާއެއް އަދާކުރާ އާންމު ރައްޔިތުންނާއި ސަރުކާރު ޙިއްޞާވާ ކުންފުންޏެވެ.