ކ. މާލެ
|
18 އޮކްޓޯބަރ 2017 | ބުދަ 11:31
ރާއްޖެޓީވީގައި އަލިފާން ރޯކޮށްލި މީހުން ރާއްޖެޓީވީގެ ދޮރު ހަލާކުކޮށްލުމަށް މަސައްކަތް ކުރަމުން ދަނީ
ރާއްޖެޓީވީގައި އަލިފާން ރޯކޮށްލި މީހުން ރާއްޖެޓީވީގެ ދޮރު ހަލާކުކޮށްލުމަށް މަސައްކަތް ކުރަމުން ދަނީ
ރެޑް ބުލް
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ
ރާއްޖެ ޓީވީ ރޯކޮށްލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި
ރިޔާއަތް ކޮށްފައިވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ފުލުހުންެގެ އިހުމާލު އޮތްކަމަށް ބުނެ އާއިލާއިން ހުށަހެޅި މައްސަލައަށް
ރާއްޖެ ޓީވީ ރޯކޮށްލުމުން 11.65 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު
ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިމައްސަލަ މުރާޖައާ ކުރުމަށް ހުށަހަޅާނަން: ރާއްޖެޓީވީ

ރާއްޖެޓީވީ ރޯކޮށްލުމުގެ ސަބަބުން ލިބުނު 11.65 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ބެލެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.

މިމައްސަލަ ސިވިލް ކޯޓަށް ބަލައި ނުގަންނަން ނިންމާފައިވަނީ ސިވިލް ކޯޓުގެ ރެޖިސްޓްރާ އެވެ. 

އޮކްޓޯބަރު 7، 2013 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީ ރޯކޮށްލީ ފުލުހުންގެ އިހްމާލުން ކަމަށް ކަނޑައަޅައި ދިނުމަށާއި އެހެންވެ، ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށް ރާއްޖެ ޓީވީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ، މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލުވާ ކަމަށްބުނެ އޭނާގެ ބައްޕަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށް ރިއާޔަތްކޮށެވެ. 

ޔާމީން ރަޝީދުގެ ބައްޕަ ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލީ، ފުލުހުންގެ ގާނޫނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނާ ހަވާލާދީ އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެހެންވެ، ރާއްޖެ ޓީވީ ރޯކޮށްލި މައްސަލައަކީ ވެސް ފުލުހުންގެ އިހްމާލު ހިމެނޭ މައްސަލައެއް ކަމަށް ބުނާއިރު، އެ މައްސަލަ އާއި ޔާމީން ރަޝީދުގެ ބައްޕަ ހުށަހެޅި މައްސަލައާ އެއްގޮތް ކަމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާ ވަނީ ކަނޑައަޅައިފަ އެވެ. 

ސިވިލް ކޯޓުގެ ރެޖިސްޓްރާގެ ނިންމުމުގައި ވަނީ ދައުވާ ފޯމުގެ މައުލޫމާތުތަކުން މިއީ ރާއްޖެޓީވީއަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ބިރުދައްކަމުން ގެންދިއުމުގެ ސަބަބުން އެކަން ފުލުހުންނަށް އަންގައި، ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށް، ފުލުހުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާ ނުކުރުމުގެ ސަބަބުން، ތޫނު ހަތިޔާރާއި އަލިފާން ރޯކުރުމަށް ބޭނުންކުރާ ޒާތުގެ ތަކެއްތި ހިފައިގެން ގްރޫޕަކުން ގޮސް ރޯކޮށްލި ހާދިސާއެއްކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖެޓީވީ ރޯކޮށްލުމުން 11،656،833.62ރ ގެ ގެއްލުން ލިބިފައިވާތީ އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްކަމަށް ކަނޑައަޅައި، ގެއްލުން ލިބުނީ ފުލުހުންގެ އިހުމާލުން ކަމަށް ވުމުންނާއި ޒިންމާ އަދާނުކުރުމުގެ ސަބަބުން ކަމަށް ވާތީ، މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ފުލުހުން ކަމަށް ކަނޑައަޅައިދީ، އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ފުލުހުންގެ ނަންގަވައި ދިނުން އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެނގޭ ކަމަށް ވެސް ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.

މިމައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރެޖިސްޓްރާ ނިންމާފައިވާ ނިންމުމުގައި ވަނީ ރާއްޖެޓިވީން ހުށަހަޅާފައިވާ މި ދައުވާ އާއި އެއްގޮތަށް ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އައިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެމައްސަލާގައި ނިންމާފައިވަނީ މަދަނީ މުއާމަލާތްތައް އިސްތިސްނާވާ ގޮތުގައި ފުލުހުންގެ މައްޗަށް ރައްދުކޮށް ހުށަހެޅޭ ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރި ނުވަތަ ދޫކޮށްލި އަމަލުގެ މައްސަލަތަކާއި ޝަކުވާތައް ހުށަހަޅަންޖެހެނީ ސިވިލް ކޯޓަށް ނޫން ކަމަށާއި އެފަދަ މައްސަލަތަކުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅަފައިވާ ކަމަށެވެ. އަދި އެމައްސަލަ ކަނޑައަޅާފައިވާ އުސޫލް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ކޮށްފައިނުވާ ކަމަށް ވެސް ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.

އެހެންކަމުން ރާއްޖެޓީވީން ހުށަހަޅާފައިވާ ދައުވާއަކީ ވެސް ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އާއިލާއިން ހުށަހެޅި މައްސަލައާއި އެއްބާވަތެއްގެ މައްސަލައެއް ކަމަށް ބެލެވެން އޮތުމުން ޔާމީން ރަޝީދުގެ އާއިލާއިން ހުށަހެޅި މައްސަލާގައި އެ ކޯޓުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރާއްޖެޓީވީން ހުށަހަޅަފައިވާ ދައުވާއަކީ ވެސް ސިވިލް ކޯޓުގެ އިހުތިސާސްގެ ލިބިގެންނުވާ މައްސަލައެއް ކަމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.

ސިވިލް ކޯޓުގެ ރެޖިސްޓްރާ އެގޮތަށް ނިންމިއިރު، ރާއްޖެޓީވީ ރޯކޮށްލި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ އޭރު އޮތް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބެލުމަށް ފަހު ދެ ފުލުހެއްގެ އިހުމާލެއް އޮތް ކަމަށް ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައި ވެއެވެ. ނަމަވެސް ފަހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންެ ވަނީ އެމައްސަލަ އަނބުރާ ފޮނުވާލާފަ އެވެ.

ސިވިލް ކޯޓްގެ ރަޖިސްޓްރާގެ މި ނިންމުން އިސްތިއުނާފު ކުރުމަށް ރާއްޖެ ޓީވީން ވަނީ ނިންމައިފަ އެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް