ކ. މާލެ
|
18 އޮކްޓޯބަރ 2017 | ބުދަ 07:36
ވިލާކޮލެޖުގެ ލޯގޯ، އެ ކޮލެޖުން މި އަހަރު އެ ކޮލެޖަށް 10 އަހަރުވަނީ ފުރިފަ
ވިލާކޮލެޖުގެ ލޯގޯ، އެ ކޮލެޖުން މި އަހަރު އެ ކޮލެޖަށް 10 އަހަރުވަނީ ފުރިފަ
ފޭސްބުކް
ވިލާ ކޮލެޖު
ވިލާ ކޮލެޖަށް 10 އަހަރު: ހުވަފެނަކީ ވިލާ ކޮލެޖަކީ ފޯޖީ ޔުނިވަސިޓީއަކަށް ވުން
ވިލާ ކޮލެޖުން މި ރަސްމިޔާތުގައި  ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓެޓްރިޖިކް ޕްލޭން ނެރެފައި
ވިލާ ކޮލެޖު ހުޅުވާފައިވަނީ 2007 ވަނަ އަހަރު
އެކި ލެވެލްތަކުގެ 60 އަށްވުރެ ގިނަ ޕްރޮގުރާމް މިހާރު ހިންގަމުންދޭ

ދެކޭ ހުވަފެނަކީ ވިލާ ކޮލެޖް ކުރިއަށް އޮތް 10 އަހަރުގެ ދުވަސް ތެރޭގައި ފޯރތް ޖެނަރޭޝަން (ފޯޖީ) ޔުނިވަސިޓީއަކަށްވުން ކަމަށް އެ ކޮލެޖްގެ ރެކްޓާރ ޑރ އަހުމަދު އަންވަރު ވިދާޅުވެއްޖެ އެވެ.

 

ވިލާކޮލެޖް އަހަރީ ދުވަސް ފާހަގަ ކުރުމަށް އަންގާރަ ދުވަހުގެ ރޭ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިޔާތުގައި ޑރ. އަންވަރު ވިދާޅުވީ ފޯރތު ޖެނަރޭޝަން ޔުނިވަސިޓީއަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގައި އެ ކޮލެޖްގެ އިސްވެރިންގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި ހަމައެކަނި ހިއުމަން ރިސޯސް އާއި ބިޒްނަސް ސްޑަޑީސް ފަދަ ޕްރޮގުރާމްތައް ހިންގުމުގެ ބަދަލުގައި ގައުމެއްގެ ތަރައްގީއަށް ބޭނުންވާނެ އެހެނިހެން އާ ޕްރޮގުރާމްތަކާ މެދު ވިސްނަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

 

މީގެ އިތުރުން ޑރ. އަންވަރު ވިދާޅުވީ ވިލާކޮލެޖުން ކާމިޔާބުތަކެއް ހާސިލްކޮށްފި ކަމަށާއި އެހެން ނަމަވެސް ވިލާ ކޮލެޖްގެ ޗެއާމަން ގާސިމް އިބްރާހިމްގެ ގެންދަވަން ބޭނުންފުޅުވާ ފެންވަރުގައި އަދިވެސް ނުހިންގެވޭ ކަމަށެވެ.

 

" އެ ބޭފުޅާ ބޭނުންފުޅުވާ ވަރަށް އަދިވެސް ނުގެންދެވޭ. އެ  ވިދާޅުވެފައިވަނީ ޕްރޮފެސަރުން، ބޭރު ގައުމުތަކުގެ ޔުނިވަސިޓީގެ ޕްރޮފެސަރުން ގެނެސް މިތާގައި ބައިތިއްބައިގެން ކިޔަވާދިނުމުގެ ކަންތައް ގެންދާށޭ، އަދިވެސް އެކަން އަޅުގަނޑުމެނަށް ވަނީ ފުރިހަމަ ނުކުރެވި. އެހެންވީމަ އަދިވެސް އެ ބޭފުޅާ ( ގާސިމް) ބޭނުންވާ ވަރަށް ގެންދެވުނު ކަމަށް ނުބެލެވޭނެ،" ޑރ. އަންވަރު ވިދާޅުވި އެވެ.

 

މި ރަސްމިޔާތުގައި އެ ކޮލެޖްގެ ވައިސް ރެކްޓާރ އަލީ ނަޖީބު ވިދާޅުވީ ފާއިތުވި 10 އަހަރުގެ ތެރޭގައި މުހިންމު ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ ކޮލެޖުން ރާއްޖޭގެ އެކި ރަށްތަކަށް ފުޅާކުރެވިފައިވުމާއި ޒަމާނީ ތައުލީމަށް ރާއްޖެއަށް އާ ކަންތައްތަކެއް ތައާރަފުކޮށްފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

 

"ވިލާ ކޮލެޖު އެންމެ ފުރަތަމަ ފަށައިގެންއިރު އަމިއްލަ ކޮލެޖަކަށް ޑިގްރީއަށް ކިޔަވާދެވިދާނެ ކަމަށް ގަބޫލުކުރަމުންދިޔަ މީހުން ވަރަށް މަދު. އަޅުގަނޑުމެން އެކަން ބަދަލުކޮށްލީ. އަޅުގަނޑުމެން ޔަގީންކޮށްދީފިން ވިލާކޮލެޖް ފަދަ އެހެން މުވައްސަސާތަކަށް ވެސް ހަމަ ޑިގްރީ ހިންގިދާނެކަން އަދި ހާއްސަކޮން އިންޓަނޭޝަނަލް ޑިގްރީ ހިންގިދާނެ ކަމަށް ވަރަށް ގަބޫލު ނުކުރައްވާނެ. އަޅުގަނޑުމެން އެކަންކޮށްފައި އެކަން ވަރަށް ބޮޑަށް މި އޮތީ އެސްޑަބްލިޝް ކޮށްދީފަ،" އޭނާ ވިދާޅުވި އެވެ.

 

ވިލާކޮލެޖު ހިންގުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ސިޔާސީ އަދި އިގުތިސާދީ ގޮންޖެހުންތައް ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

 

ވިލާ ކޮލެޖު ހުޅުވާފައިވަނީ 2007 ވަނަ އަހަރެވެ. އަދި މި އަހަރު ފާހަގަ ކުރަމުންދަނީ އެ ކޮލެޖުގެ 10 ވަނަ އަހަރީ ދުވަހެވެ. އެންމެ ޕްރޮގުމާއަކާ އެކު ފެށި އެ ކޮލެޖުން މިހާރު އެކި ލެވެލްތަކުގެ ތަފާތު 60 އަށްވުރެ ގިނަ ޕްރޮގުރާމް ހިންގަމުންދާ ކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ.

 

ވިލާ ކޮލެޖުން މި ރަސްމިޔާތުގައި ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓެޓްރިޖިކް ޕްލޭނެއް ވެސް ނެރެފަ އެވެ.  އަދި އަހަރީ ކޭ ކްވެސް ފާޅާފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް