ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 19:20
އަމީތު. ރާއްޖެއިން ނަގާފައިވާ ލޯނުތަކުގެ އަދަދާއިމެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވޭ
އަމީތު. ރާއްޖެއިން ނަގާފައިވާ ލޯނުތަކުގެ އަދަދާއިމެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވޭ
ރާއްޖެ އެމްވީ
މަޝްރޫއުތަކަށް ލޯނު ނެގުން
ބޮޑެތި އަދަދުތަކުން ރާއްޖެ ދަރަނިވެފައި، ދަރަނި އަދާކުރެވޭނެ ގޮތެއް ނެތް!
ލޯނުތައް އުޅެނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގައި
ލޯނުތައް ދެއްކޭނެ ސިޔާސަތެއް ސަރުކާރުގެ ނެތް
ލޯނުތައް ނަގަމުންދާއިރު، މަޝްރޫޢުތަކަށް ފައިސާ ހޭދަކުރާ ގޮތާއި މެދު ސުވާލުތަކެއްވަނީ އުފެދިފައި

ބޭރުގެ އެކި ބޭންކްތަކުންނާއި ފަންޑުތަކުން ބޮޑެތި އަދަދުތަކުން ސަރުކާރުން ލޯނުތައް ނަގަމުންދާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެއަރޕޯރޓުގެ ޓަރމިނަލް އެޅުމަށް އަބޫދާބީ ފަންޑުން ލޯނު ހޯދުމުގެ އެއްބަސްވުމުގައި ސޮއެކުރުމާއި ގުޅޭގޮތުން އަންގާރަ ދުވަހު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ލޯނުގެ މައްޗަށް ލޯނު ނަގައި، ކުރިއަށް އޮތް އެތައް ޖީލެއްވެސް ދަރަނިވެރިވެފައިވާކަމަށެވެ. އަމީތު ވިދާޅުވީ ލޯނުތައް ނެގުމަކީ ހުރިހާ ސަރުކާރަކުންވެސް ކުރާ ކަމެއްކަމަށާއި، އެހެން ނަމަވެސް އެކަމުގައި ރައީސް ޔާމީންގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ނޭނގުމަކީ މައްސަލައެއްކަމަށެވެ. އެގޮތުން ލޯނަށް ފައިނޭންސް ކުރާނެގޮތާއި، ލޯނު ދެއްކުމުގެ ކެޕޭސިޓީ ހުރިވަރު އެނގޭނެ އުޞޫލުތަކެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ލޯނުގެ މައްޗަށް ލޯނު ނަގަމުންދާއިރު، ހަޤީގަތުގައި އަޅުގަނޑުމެންގެ ބަޖެޓްގައި ނެތް ކެޕޭސިޓީއެއްގެ މައްޗަށް ލޯނު މިނަގަނީ"، އަމީތު ވިދާޅުވިއެވެ. މިހާތަނަށް ސަރުކާރުން ނަގާފައިވާ ބައެއް ލޯނުތަކަށްވެސް އަމީތު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޗައިނާގެ އެގްޒިމް ބޭންކާއި އިންޑިއާގެ އެގްޒިމް ބޭންކުގެ އިތުރުން ޑުބާއީ ފަންޑާއި، އަބޫދާބީ ފަންޑު، އަދި ސައޫދީ ފަންޑާއި ކުވެއިތު ފަންޑުން ނަގާފައިވާ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ލޯނުތަކުގެ ވާހަކަ އަމީތު ފާހަގަކުރެއްވިއެވެ.

ޓަރމިނަލްގެ މަސައްކަތްކުރުމަށް އަބޫދާބީ ފަންޑުން 50 މިލިއަނެއްހާ ޑޮލަރުގެ ލޯނު ހޯދުމަށް އެއްބަސްވުމުގައި ސޮއެކުރެއްވިއިރު، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލޓޑގެ ބަޖެޓުންވެސް މި މަސައްކަތަށް 100 ވަރަކަށް މިލިއަން ޑޮލަރު ހޭދަކުރެއެވެ.

އެއަރޕޯރޓްގެ މަސައްކަތަށް އެކަނިވެސް އެތައް ސަތޭކަ މިލިއަން ޑޮލަރަކުން ލޯނު ނަގާފައިވާއިރު، ހުޅުމާލޭ 2ވަނަ ފިޔަވަހީގެ މަސައްކަތަށްވެސް ބޮޑެތި ލޯނުތަކެއް ނަގާފައިވާކަން އަމީތު ފާހަގަކުރެއްވިއެވެ. އެގޮތުން 7000 ހައުސިންގ ޔުނިޓް އެޅުމަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނަގާފައިވާއިރު، ރިވެޓްމަންޓް ޖެހުމަށާއި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅާލުމަށް އަޅާ 7 ބްރިޖްގެ މަސައްކަތަށް 80 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ. އަދި މަގުތައް ހެދުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރު ނަގާފައިވާއިރު، ހުޅުލެއާއި މާލެއާއި ދެމެދު އަޅާފައިވާ ބްރިޖާއި ހުޅުމާލެ ގުޅާލުމަށް ހަދާ ލިންކް ރޯޑް ހަދަނީ 24 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

ބޮޑެތި އަދަދުތަކުން ލޯނުނަގަނީ ތަރައްޤީއަށްކަމަށް ސަރުކާރުން ބުނާއިރު، އޭގެ އަގު އަދާކުރަން ޖެހެނީ ދިވެހި ރައްޔިތުންކަން އަމީތު ފާހަގަކުރެއްވިއެވެ. "ސަރުކާރުން އެބަ ވިދާޅުވޭ ފުޅާވެގެން މިދަނީ ރާއްޖޭގެ ޓޫރިޒަމް ސެކްޓަރކަމަށް. ޓޫރިޒަމްގެ މައިދޮރެއް ހުޅިވިގެންދާކަމަށް. އެހެން ނަމަވެސް މި މައިދޮރުން ވަންނަ ގިނަ އަދަދެއްގެ ފައިސާ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ އެތަކެއް އަހަރުތަކެއްވަންދެން ލޯނުތައް ދެއްކުމަށް. އެހެންކަމަށްވާނަމަ ކޮބައިތޯ އަޅުގަނޑުމެންގެ އިޤްތިޞާދަށް އެއިން ލިބޭ ފައިދާއަކީ"، އަމީތު ވިދާޅުވިއެވެ.

ބޮޑެތި އަދަދުތަކުން ސަރުކާރުން ލޯނުތައް ނަގަމުންދާއިރު، ޕްރޮޖެކްޓްތައް ހިންގުމުގައި ސަރުކާރުން ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގަމުންދާކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ 143 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްގެން އައިޖީއެމްއެޗްގެ އައު އިމާރާތް އަޅާއިރު، 53 މިލިއަން ޑޮލަރަށް އެތަން އަޅައިދޭން އެއް ފަރާތުން ހުށަހަޅާފައިވެއެވެ. އައިޖީއެމްއެޗްގެ އައު އިމާރާތުން ދޭ ޚިދުމަތްތަކުގެ މަސައްކަތުގެ ޚަރަދު ނުލައި، ހަމައެކަނި އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތަށް 143 މިލިއަން ޑޮލަރު ޚަރަދުކުރާއިރު، ހުޅުމާލޭގައި އެއަށްވުރެ ފުރިހަމަޔަށް ހުރިހާ ޚިދުމަތްތަކާއިއެކު އަޅާ މަތީ ފެންވަރުގެ ހޮސްޕިޓަލް އަޅަން 100 މިލިއަން ޑޮލަރުވެސް ނާރާކަން އަމިތު ފާހަގަކުރެވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ އެތައް ޖީލަކަށް ރާއްޖެ ދަރަނިވެރި ވެފައިވާއިރު، މިލޯނުތައް އަނބުރާ ދެއްކޭނެ ސިޔާސަތެއް ރާއްޖޭގައި ނެތުމުންކަމަށެވެ. އަދި ބްރިޖްގެ މަޝްރޫޢުއަށްވެސް ބޮޑެތި އަދަދުތަކުން ލޯނު ނަގާއިރު، ކުޑަ މުސާރަ ލިބޭ އާއްމު ރައްޔިތުންގެ އަތުން ކުޑަ އަގެއް ނަގައިގެން އެލޯނު ދެއްކޭނެ ގޮތެއް ނޯންނާނެތީކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް