ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 00:28
ޒައިދުލް އަމީން - ރައީސް ޔާމީނަށް ތާޢީދު ކުރެއްވުމަށް ވަނީ ނިންމަވާފަ
ޒައިދުލް އަމީން - ރައީސް ޔާމީނަށް ތާޢީދު ކުރެއްވުމަށް ވަނީ ނިންމަވާފަ
ޓްވިޓަރ
ޒައިދުލް އަމީން
ކިހާ ޅެން ފަރިއްސަށް، ޒައިދުލް އަމީން ރައީސް ޔާމިނު ފަޅިއަށް
ރައީސް ޔާމީނަށް ތާޢިދު ކުރެއްވިކަން އިޢުލާނު ކުރެއްވީ ޓްވިޓަރ ގައި

ޕީޕީއެމް ދެފަޅިވީއިރު ރައީސް މައުމޫނާއި އެކު ތިއްބެވި ޕާޓީގެ އިސްފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރެއިން އެ ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު ޒައިދުލް އަމީން ރައީސް ޔާމީނަށް ތާޢީދުކުރައްވަން ނިންމަވައިފިއެވެ.

ނިމިގެން ދިޔަ ދައުރުގައި މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޒައިދު މިފަދައިން އިޢުލާނުކުރެއްވީ، ހޯމަ ދުވަހުގެރޭ ކުރެއްވި ޓްވީޓް ތަކެއްގައެވެ.

"ސިޔަސީ މައިދާނުގައި އަޅުގަނޑު 2008 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް ކުރަމުން އައި ތާޢީދު އަނބުރައި ގެނެސްފިން. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ހިމެނޭގޮތަށް މަސައްކަތް ކޮށްގެން ގެނައި ސަރުކާރު، މި ސަރުކާރު ދަމަހައްޓައި ރައީސް ޔާމީން ގެންނަވަމުންދާ ތަރައްޤީ އާއި އެކު 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޔާމީން ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރުމަށް ނިންމައިފިން. ތަރައްޤީ އާއި އެކު ރައްޔިތުން. #ރައީސްޔާމީން2018"، ޒައިދުގެ ޓްވީޓްތަކުގައި ބުނެފައިވެއެވެ.

4 ޓްވީޓަކަށް ބަހާލައިގެން ޒައިދް މި ޓްވީޓްތައް ކުރެއްވިއިރު ކޮންމެ ޓްވީޓަކާއިއެކުވެސް ޤައުމީ ދިދައިގެ ފޮޓޯއެއް ހިމަނުއްވާފައިވެއެވެ.

ރައީސް މައުމޫނާއި އެކު ހުންނަވަނިކޮށް، ފަނޑިޔާރަކު ބްލެކްމެއިލް ކުރި ކަމަށް ތުޙުމަތުކޮށް، ޒައިދު ހައްޔަރުކޮށް، އޭނާގެ މައްޗަށް ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ ކޮށްފައިވެއެވެ.

ޒައިދުގެ މައްޗަށް ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާ ކޮށްފައި ވަނީ ފަނޑިޔާރަކު ދެއްކެވި ވާހަކަތަކެއް ރެކޯޑްކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެއެވެ. ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ ކޮށްފައިވަނީ ފަނޑިޔާރަކު ދިރިއުޅުއްވާ އެޕާޓްމެންޓަށް ގޮސް، ފަނޑިޔާރު ދެއްކެވި ވާހަކަތަކެއް ސިއްރުން ރެކޯޑް ކުރި ކަމަށް ބުނެއެވެ. ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ ކޮށްފައި ވަނީ ފަނޑިޔާރު ދެއްކެވި ވާހަކަތަކުގެ ރެކޯޑިންގ ވިއްކަން އުޅުނު ކަމަށް ބުނެއެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުގެރޭ ޒައިދު ހައްޔަރުކޮށް، ޖަލުގައި ބެހެއްޓުމަށްފަހު ކުޑަ ދުވަސްކޮޅަކަށް ގޭބަންދަށް ބަދަލުކުރި ނަމަވެސް، ޝަރީޢަތް ނިމެންދެން އޭނާ ގޭބަންދުގައި ބަހައްޓަން ނިންމާފައިވަނީ މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު، މާލެއިން ބޭރަށް ނުދިއުމަށް، 30 ދުވަހުގެ މުއްދަތަށް ޝަރުތުކޮށް، އޭނާ ގޭބަންދުންވެސް ދޫކޮށްލުމަށް ޝަރީޢަތުން ވަނީ ނިންމާފައެވެ.

ރައީސް ޔާމީނަށް ތާޢީދު ކުރެއްވުމަށް ޒައިދު ނިންމެވިއިރު، އޭނާ ހައްޔަރުގައި ހުންނެވިއިރު، އޭނާ މިނިވަން ކުރުމަށް ރައީސް މައުމޫން ފެކްޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ހައްޔަރުގައި ހުރިއިރު ޒައިދު ވަނީ އޭނާ ހައްޔަރުކުރީ ރައީސް މައުމޫނާއި ދެކޮޅަށް ހެކި އުފެއްދުމަށް، ސަރުކާރުން ސިޔާސީ ބޭނުމެއްގައި ކަމަށް ދޭހަވާގޮތަށް ބަޔާނެއްވެސް ނެރުއްވާފައެވެ.

ހައްޔަރުގައި ހުރެ، މި އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ނެރުނު ބަޔާނުގައި ޒައިދު ވިދާޅުވީ، ހައްޔަރުގައި ބަހައްޓައިގެން ބަޔާން ނެގިއިރު، ހައްޔަރުކޮށްގެން އުޅެނީ ކޮންފަރާތްތަކެއް ބްލެކްމެއިލް ކުރަންއުޅުނު ކަމުގެ ތުހުމަތުގައިކަން ފުލުހުންގެ ފަރާތުން ބުނެދީފައިނުވާ ކަމަށެވެ.

ހައްޔަރުކުރި މައްސަލަ ސާފުނުވާއިރު ފަހުން ފުލުހުން މަސައްކަތްކޮށްފައިވަނީ، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް މިހާރުގެ ސަރުކާރާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާއްވަވަމުންދާ ކަމަށް ބުނެ، ޒައިދު ލައްވައި ބަޔާނެއް އުފެއްދުމަށް ކަމަށް ޒައިދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޒައިދު ވިދާޅުވީ ޕީ.ޕީ.އެމްގެ އޮފީހުން ގެއްލިފައިވާކަމަށްބުނާ ހާޑް ޑިސްކާއި، ފުލުހުން ބޭނުންވެގެން އުޅޭ ވީޑިއޯ އަކާއި ގުޅޭ ގޮތުން ސުވާލުކޮށް އެ ހާޑްޑިސްކް އާއި ވީޑިއޯއެއް ވާނީ ރައީސް މައުމޫންގެ އަތްޕުޅުގައިކަމަށް ބުނެ ބަޔާން ދިނުމަށް ފުލުހުން އެދިފައިވާ ކަމަށެވެ.

"މި ބައްދަލުވުންތަކުގައި އަޅުގަނޑާއި ސުވާލުތައް ކުރަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްއެވެ. އޭގެ އިތުރުން މިހާރު އަޅުގަނޑު ވަކީލަކީ ސަރުކާރުގެ ސިޔާސަތު ތަކާއި އިދިކޮޅު ފިކުރުގެ ވަކީލެއް ކަމަށާއި އެ ވަކީލު މި މައްސަލައިގައި އިތުރަށް ބޭނުން ނުކުރުމަށާއި އަދި ވަކީލު ބަދަލު ކުރުމަށް އެދުނެވެ. އެކަމުގެ މަޢުލޫމާތު އަދި އެހެން އެއްވެސް ފަރާތަކަށް ދީފިނަމަ އަޅުގަނޑު ގޭގެ ބަންދުން ޖަލަށް ބަދަލުކުރެވޭނެ ކަމަށް ބުނެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވަނީ އަޅުގަނޑަށް އަންގާފައެވެ." ޒައިދުގެ ބަޔާނުގައި އޭރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް، މިހާރު ރައީސް މައުމޫން ގެ އެއްވެސް ބާރެއް ނެތްކަމަށާއި ރައީސް މައުމޫންއަށް ތާއީދުކުރުން ހުއްޓާލައި، ސަރުކާރާއި ގުޅުމަށް އެދިފައިވާކަމަށް ޒައިދުގެ ބަޔާނުގައި ބުނެފައިވެއެވެ.

"އޭގެ އިތުރުން އަޅުގަނޑު މިސަރުކާރުން ބޭނުންވާ ކޮންމެ ވަޒީފާއެއް ހަމަޖައްސައި ދެވިދާނެ ކަމަށްވެސް ދެންނެވިއެވެ. ރައީސް މައުމޫން ހައްޔަރުކުރުމަށްޓަކައި އަޅުގަނޑުގެ ބަޔާން ކޮންމެހެންވެސް ބޭނުންވާ ކަމަށާއި، އެކަމުގައި އެއްބާރުލުން ނުދީފިނަމަ "ޝުމްބާ ގޮންގް" ޖަލުގައި ޝަރީޢަތެއް ނެތި އޮންނަހެން އަޅުގަނޑުވެސް އޮންނަން ޖެހޭނީ ޖަލުގައި ކަމަށް ކިތަންމެ ފަހަރަކު އަޅުގަނޑު ގާތުގައި އެބޭފުޅާ ވިދާޅުވިއެވެ." ޒައިދުގެ ބަޔާނުގައި އޭރު ވިދާޅުވެފައިވެއެވެ.

ޒައިދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ މައްސަލަ ގާތްގަނޑަކަށް އޮބިފައިވާއިރު، މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަވަސް މުއްދަތެއްގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސް މަޤާމަކުން އޭނާ ފެންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 އޮކްޓޯބަރ 2017 | އަންގާރަ 08:36
ޜާޝިދު
ޒައިދު ޢަކީ ކާކު ރައީސް މައުމޫނަށް ކުރާތާއީދު އަނބުރާގެންދަން ... ތިހެން ބުނެގެން ކުރާނެ އެއްވެސް އަސަރެއް ކުރާނެ ކަމަކަށް މަ ޤަބޫލެއް ނުކުރަން. ޒައިދުގެ އަގު ރައްޔިތުން ކުރިމަތީ ވެއްޓިއްޖެ ޝައްކެއްވެސްނެތް.