މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި ވާހަކަތަކެއް ދައްކަމުން ދާތީ އެކަމާ ރުޅިގަދަވެ އެ ސަރވިސްއާ ބެހޭ ގޮތުން އަސްލެއް ނެތް ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާ ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.
އެސަރވިސްއިން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގައިދީއަކަށް ވަކި ފަރުވާއެއް ދިނުމަށް އެ ސާވިސްއިން އެއްވެސް އިރަކު މަޖުބޫރު ނުކުރާނެ ކަމަށެވެ. ގައިދީން ޑޮކްޓަރަށް ދައްކާނީ އެމީހަކު އަމިއްލައަށް އެދުމުން ކަމަށާއި ޑޮކްޓަރާ ވާހަކަ ދައްކާނީ ވެސް އެމީހަކު އަމިއްލައަށް ކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.
ކަރެކްޝަނުން ބުނީ ޖަލުގައި ބަންދުކުރެވިފައި ތިބޭ މީހުންނަށް ލިބިދޭން ޖެހޭ އަސާސީ ސިއްޙީ ފަރުވާއަކީ އަސާސީ ޙައްޤެއް ކަމަށާއި އެހެންކަމުން ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އެސަރވިސްއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ބަހައްޓާ ކަމަށެވެ. އެގޮތުން ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ގޮތުން 22 ޖުލައި 2017 ގައި ވާނީ ސިއްޙީ ފަރުވާގެ ނަމުގައި އާޓިކަލްއެއް އެސަރވިސްގެ ޕްރިޒަންސް ސްޓޯރީ ވެބްސައިޓުގައި ޝާއިޢު ކޮށްފައި ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ޖަލުގައި ތިބޭ މީހުންގެ ބޭސްފަރުވާއާ ބެހޭގޮތުން އެކިއެކި ވާހަކަތައް ދެއްކުން އިތުރުވެފައިވާ ކަމަށާއި އެސަރވިސް ބަދުނާމްކޮށް ބައެއް ވާހަކަތައް ފަތުރަމުންދާ ކަމަށް ބުނެފައިވެއެވެ.
އެސަރވިސްއިން ބުނީ ކަރެކްޝަނަލް ސަރވިސއިން ގައިދީންނަށާއި ބަންދު މީހުންނަށް ދެމުން ގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޙަޤީގަތާ ޚިލާފް ވާހަކަތައް ދައްކަމުން ގެންދާ ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި އެސަރވިސްއިން އެއްވެސް ގައިދީއަކަށް ނުވަތަ ބަންދު މީހަކަށް ވަކިފަރުވާއެއް ދިނުމަށް މަޖްބޫރު ނުކުރާނެ ކަމަށާއި ޖަލުގައި ބަންދުކުރެވިފައިވާ މީހަކު ޑޮކްޓަރަށް ދައްކާނީ އެމީހަކު އެކަމަށް އެދުމުން ކަމަށެވެ. އަދި އެމީހަކަށް ވަކި ބޭހެއް ދިނުމަށް ނުވަތަ ވަކި ކަންތައްތަކެއް ކުރުމަށް އެސަރވިސްއިން ޑޮކްޓަރަކަށް ނާންގާނެ ކަމަށެވެ.
މީގެ އިތުރުން ވަކި ކަހަލަ ފަރުވާއެއް ދިނުމަށް ނުވަތަ ސްކޭނެއް ކުރުމަށް ނުވަތަ އިންޖެކްޝަނެއް ޖެހުމަށް ވެސް އެ ސާވިސްއިން ޑޮކްޓަރަށް ނާންގާނެ ކަމަށާއި އެ ކަންކަން ނިންމާނީ ގައިދީ ބަލާ ޑޮކްޓަރު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކަރެކްޝަންގެ މެޑިކަލް އޮފިސަރު ބެލުމަށް ފަހު އިތުރު ފަރުވާ ދޭން ޖެހޭ ނަމަ ހިދުމަތްދޭ މަރުކަޒުގައި ނަންނޯޓުކޮށް ނަންބަރަކަށް އެދޭ ކަމަށާއި އަދި ދައްކާނީ ކޮން ޑޮކްޓަރަކަށް ކަން ނިންމާނީ ހިދުމަތްދޭ މަރުކަޒަކުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ބައެއް ކަހަލަ ފަރުވާތަކަކީ އާއިލާގެ ހުއްދައާއެކު ނޫނީ ނުދެވޭ ފަރުވާ ކަމަށާއި އާއިލާއިން އިންކާރު ކުރާ ނަމަ އެ ފަރުވާއެއް ނުދޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ގައިދީން ޑޮކްޓަރަށް ދެއްކުމަށްފަހު ދޭ ލިއުންތައް އާއިލާއާއި ހިއްސާ ކުރާނެ ކަމަށާއި އެ ލިއުންތައް ނުދީ ނުހިފަހައްޓާ ކަމަށް ވެސް ބުނެފައިވެއެވެ.
ކަރެކްޝަނުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުދީފައި މިވަނީ ކުރީގެ ނައިބް ރައީސް އަދީބުގެ ގަޔަށް އިންޖެކްޝަނެއް ޖެހުމަށް ކަރެކްޝަނުން މަސައްކަތް ކުރި ކަމަށް އާއިލާއިން ބުނުމުގެ އިތުރުން ޖަލު ހުކުމެއް ތަންފީޒް ކުރަމުންދަނިކޮށް ގައިދީއަކު މަރުވުމުގައި ކަރެކްޝަންގެ އިހުމާލް އޮތްކަމަށް ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.