ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 12:36
ކަސްޓަމުން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ކަސްޓަމުން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ކަސްޓަމްސް
އާ ވައްތަރެއްގެ މަސްތުވާތަކެތި
ސްކޫލްތަކުގައި ދައުރުވަމުންދާ ކަމަށްބުނާ ޒާތުގެ މަސްތުވާތަކެތި ތަކެއް އަތުލައިގަނެފި
އަތުލައިގަތީ އައްޑޫ ސިޓީއަށް ޕޯސްޓް ކުރަނިކޮށް
ފުލުހުން ވަނީ އެފަދަ ޑްރަގެއް ދައުރު ނުވާކަމަށް މީގެކުރިން ބުނެފައި
މަސްތުވާތަކެއްޗާއި މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ

ބައެއް ސްކޫލްތަކުގައިވެސް ދައުރުވަމުން ދާކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވާ ޒާތުގެ ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އައްޑޫ ސިޓީއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ. 

އެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ނެވެ. ކަސްޓްމްސްއިން ބުނީ މަސްތުވާތަކެތި އަތުލައިގަނެފައި ވަނި ޕޯސްޓްގެ ޒަރީއާއިން އައްޑޫ ސިޓީއަށް އެތެރެކުރަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. 

އަތުލައިގަނެފައި ވަނީ އެކި ޑިޒައިންތަކުގެ 503.5 ގުޅަ އެވެ. ކަސްޓަމްސް އިން ބުނީ އާދިއްތަ ދުވަހު އަތުލައިގަނެވިފައިވާ  ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. 

ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި ހިމެނޭ އެ ޕާރުސަލާއެކު އެ ޕާރުސަލްގެ ވެރިފަރާތް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. 

"ނިއު ޑްރަގް އިން ސްކޫލްސް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ފެތުރެމުންދާ އެފަދަ އެއްވެސް މައްސަލައެއް ނުވަތަ އެ މެސެޖްގައި ބަޔާންކޮށްފައިވާ ހާލަތަށް ނިސްބަތްވާ މައްސަލައެއް އެއްވެސް ސްކޫލަކުން ނުވަތަ ޓީޗަރެއްގެ ފަރާތުން އަދި ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރާތަކުން ވެސް ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށް ދާދިފަހުން ފުލުހުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ފުލުހުން ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވާ އެމެސެޖްގެ އަސްލަށް ބަލާރު ވެސް އެއީ ހަގީގަތެއް އެކުލެވިގެންވާ މައުލޫމާތެއް ނޫން ކަމަށް ފުލުހުންނަށް ޔަގީންކުރެވޭ ކަމަށެވެ. 

ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ އެ މެސެޖްގައި ބުނެފައި ވަނީ "ސްޓްރޯބެރީ ކްއިކް" ނަމަކަށް ކިޔާ ޑްރަގެއް ސްކޫލްތަކުގައި ދައުރުކުރަމުންދާ ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ޗޮކްލެޓް ނުވަތަ ކޭންޑީއެއްގެ ގޮތުގައި މީހުން އެ ޑްރަގު ދެމުންދާ ކަމަށާއި އޭގެ ރަހަތައް ހުންނަނީ ކުޑަކުދިން ގަޔާވާ ކަހަލަ ރަހަތަކުގައި ކަމަށެވެ.  އެހެންކަމުން ގޮތް ނޭނގޭ މީހުން ދޭ އެފަދަ ތަކެތި ބޭނުން ނުކުރުމަށް ދަރިވަރުންނަށް ވަނީ ނަސޭހަތްތެރި ވެފައެވެެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް