ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 07:10
ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ކުށްކުރާ މީހުންނަށް ސަރުކާރުން ފިޔަވަޅު ނާޅާނެކަން އެމީހުންނަށް އެނގޭ: ރިޔާޒް
ރައްޔިތުންނަށް އެބަ ފެނޭ ވެރިކަމުގައި ތިބި މީހުން ޤާނޫން އަސާސީއާ ޤާނޫންތަކަށް ބޯ ނުލަނބާކަން
ފުލުހުންނަކީ ޤާބިލް ތޫނުފިލި ބައެއް. ސިޔާސީ މީހުން އެމީހުންނަށް ނުފޫޒް ފޯރުވާ

ބޮޑެތި ކުށްވެރިންނަށް ސަރުކާރުން ފިޔަވަޅު ނާޅާނެކަން އެ މީހުންނަށް އެނގުމަކީ ރާއްޖޭގައި މީހުން މެރުންފަދަ ބޮޑެތި ކުށްތައް ކުރުން ޢާއްމުވި ސަބަބުކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރކަންވެސް ހުންނެވި ރިޔާޒު، ރާއްޖެ ޓީވީން އާދީއްތަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވިދާޅުވީ މި ޤައުމު މިއޮތީ ވަރަށް ކަންބޮޑުވާން ޖެހޭ ހާލަތެއްގައި ކަމަށާއި ހުރިހާ ކަމަކުންވެސް މިއޮތީ ޤައުމު ފެއިލްވެފައި ކަމަށެވެ.  ޤާނޫނުއަސާސީއާއި ޤާނޫންތަކާ އެއްގޮތަށް ހިނގާ އެއްވެސް ކަމެއް ނެތި މުޅި ދައުލަތް ފެއިލްވެފައިވާ ކަމަށާއި އެއްވެސް ވަރަކަށް ހެޔޮވެރިކަމެއް ޤާއިމް ނުކުރެވިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެއްވެސް ތަނެއްގައި ޢަދްލު އިންސާފް ޤާއިމް ނުކުރެވޭނަމަ އެތަނެއްގައި ކުށް ކުރުން ވަރަށް ގިނަ ވާނެ ކަމަށާއި ޚާއްޞަކޮށް ޤަބޫލް ކުރާ އުސޫލުތަކެއް ނެތުނީމާ ކުށްކުރުން އިތުރުވެގެންދާނެ ކަމަށެވެ.

" ރައްޔިތުންނަށް އެބަ ފެނޭ ވެރިކަމުގައި ތިބި މީހުން ޤާނޫން އަސާސީއާ ޤާނޫންތަކަށް ބޯ ނުލަނބާކަން. އަދި ކުށްކުރާ މީހުންނަށް އެބައެނގޭ އެކަން ނުކުރާކަން. ޤާނޫނު އަރާ ހަމަކޮށްފާނެކަމަށް އެއްވެސް ވަރެއްގެ ބިރެއް ޖެހިލުމެއްނެތި ކުށްކުރާމީހުން ކުށްކުރަމުންދަނީ" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ޤައުމީ ހިމާޔަތް ހޯދަދޭނެކަމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ އެއްވެސް ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުން ގޭންގްތަކުގެ މީހުންގެ ބޭނުން ހިފާތަން ފެންނަ ކަމަށެވެ. ޚާއްޞަކޮށް ސިޔާސީ މީހުންނަށް ބިރުދެއްކުމަށްޓަކައި ސަރުކާރުން ގޭންގްތަކުގެ މީހުން ބޭނުންކުރާ ތަން ފެންނަ ކަމަށާއި އެމީހުންނާމެދު އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ ސިޔާސީ މީހުންނަށް ބިރުދައްކަން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ގޭންގް މީހުންގެ ބޭނުން ހިފާތަން. އެއީ ޝައްކެތް ނެތް މިންވަރަށް އެނގޭ ކަންކަން." ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ދިވެހި ފުލުހުންނަކީ ޤާބިލް ތޫނުފިލި ބައެއް ކަމަށާއި ގޭންގް ކުށްތައް ވެސް އަދި އެހެނިހެން ކުށްތައްވެސް ހުއްޓުވުމުގެ ޤާބިލްކަން ފުލުހުންގެ ހުންނާނެ ކަމަށެވެ. ނަމަވެސް އެމީހުންނަށް މިނިވަންކަމާއެކު މިހާރު އެކަން ކުރެވޭކަށް ނޯންނަ ކަމަށާއި ސިޔާސީ މީހުން އެމީހުންނަށް ނުފޫޒް ފޯރުވަމުންދާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް