ކ. މާލެ
|
15 އޮކްޓޯބަރ 2017 | އާދީއްތަ 10:38
ރާއްޖެޓީވީ ޖޫރިމަނާ ކުރުމާ ގުޅިގެން ހުޅުވާފައިވާ އަބުރުފުޅު ފަންޑު
ރާއްޖެޓީވީ ޖޫރިމަނާ ކުރުމާ ގުޅިގެން ހުޅުވާފައިވާ އަބުރުފުޅު ފަންޑު
މުހައްމަދު ޝަރުހާން
އަބުރު ޖޫރިމަނާ
ފަސްލައްކަ ރުފިޔާގެ ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް ރާއްޖެޓީވީން ކޯޓުގައި އެދިއްޖެ
އެދިފައިވަނީ މައްސަލަ ބަލައި ނިމެންދެން ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް
ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލަ ވެސް ވަނީ ކޯޓަށް ހުށަހަޅާފަ
މިހާތަނަށް ޖުމްލަ 1.7 މިލިއަން ރުފިޔާގެ ޖޫރިމަނާ ކޮށްފައިވޭ

ގައުމީ ސަލާމަތަށް ނުރައްކާ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރި ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް ރާއްޖެޓީވީން ކޯޓުގައި އެދިއްޖެ އެވެ.

ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލަ ވެސް ކޯޓަށް ހުށަހަޅާފައިވާއިރު، ރާއްޖެޓީވީއިން ސިވިލް ކޯޓަށް އާދިއްތަ ދުވަހު ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ޖޫރިމަނާކުރި މައްސަލައިގައި ވަކި ގޮތެއް ޝަރީއަތުން ކަނޑައަޅަންދެން ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރަކަށެވެ.

ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ ޖުލައި 28، 2017 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. 

ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ މިޖޫރިމަނާކޮށްފައިފަނީ މެމްބަރު މުސްތަފާ "ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކުރުމަށް ގޮވާލައްވާ ދައްކަވާފައިވާ ވާހަކައަކީ، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިއު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިއްވަރު ލިބޭ ގޮތަށް، އަދި ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫެރިއްޔާގެ ޤާނޫން އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް"ކަމަށް ބުނެ ހުށެހެޅިފައިވާ މައްސަލައެއް ބެލުމަށްފަހުގައި ކަމަށެވެ.

މިމައްސަލައިގައި ޖަވާބުދާރީވަމުން ރާއްޖެ ޓީވީއިން ވަނީ މިމައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާގައި މެމްބަރު މުސްތަފާގެ ވާހަކަފުޅުން 3 ނުކުތާއެއް ފާހަގަކޮށްފައިވާއިރު، އެ ޓްރާންސްކްރިޕްޓްގެ ފުރަތަމަ ނުކުތާ ފިޔަވައި ބާކީ ދެ ނުކުތާ ގެނެސްދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު މުސްތަފާ ބަހުން ބަހަށް ވިދާޅުވި ގޮތަށް ނޫންކަމަށާއި، މީހަކު ދެއްކި ވާހަކައެއް ދެއްކި ގޮތަށް ލިޔާނަމަ އޮންނަންވާނީ ދެއްކި ޢިބާރާތުން ބަހުން ބަހަށް ކަމަށާއި، މީހަކު ދެއްކި ވާހަކައެއް އަމިއްލައަށް ދޭހަވިގޮތަށް ތަރުޖަމާކޮށްގެން ލިޔާނަމަ، އޭގައި އޮންނާނީ އަމިއްލަ ރަޢުޔުކަމަށްވާތީ، ރާއްޖެ ޓީވީއިން ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި ދެއްކި ވާހަކަ އޮޅުވާލައި، އުނި އިތުރު ގެނެސްފައިވާކަން ފާހަގަކޮށްފައެވެ.

މި ކަމާ ގުޅިގެން ރާއްޖެ ޓީވީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ފިޔަވަޅަކީ ރާއްޖެ ޓީވީ އަށް އަނިޔާވެރި ވުމަށް ގާނޫނީ އިމުގެ ބޭރުން ޒާތީވެ ސިލްސިލާކޮށް ކުރަމުން ގެންދާ މަސައްތަކުގެ ތެރެއަށް އިތުރުވި ބޮޅެއްކަމަށް ދެކޭ ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަން އިންސާފުގެ ހަމައިން ނެއްޓިފައިވާކަމާއި، މައްސަލަތައް ބެލުމުގެ ގާބިލްކަމެއް ކޮމިޝަންގައި ނެތްކަން އެ ކޮމިޝަންގެ ކޮންމެ ނިންމުމަކުން ހާމަވާ ކަމަށް އެ ބަޔާނުގައިވަނީ ބުނެފަ އެވެ. 

ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައިގެ އިތުރުން، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައާއި އެއް މިލިއަނ ރުފިޔާއިން ޖުރިމަނާ ކުރި މައްސަލަ ވެސް ސިވިލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
15 އޮކްޓޯބަރ 2017 | އާދީއްތަ 14:47
ހ މ ޒ
އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލް ހެދުމަށް ސަރުކާރުން ނިންމާފައިވަނީ ހިތަދޫގައި ހަދާފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކޮށްގެންނެވެ. އައްޑޫގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމިންގެ ރިޔާސީ ވައުދެކެވެ!؟