އެމްޓީސީސީގެ "އެޗް އާރް އެވޯޑްސް 2017" ބާއްވައި 10 މުވައްޒަފަކަށް ސްކޮލަރޝިފް ރަސްމީގޮތުން ހަވާލުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ހޮޓެލް ޖެންގައި އެޗް އާރް އެވޯޑްސްގެ ނަމުގައި ފުރަތަމަ ފަހަރަށް މި ހަފްލާ މި އަހަރު ބޭއްވި ނަމަވެސް، ތަފާތު ނަންނަމުގައި ފާއިތުވެ ދިޔަ އަހަރުތަކުގައި އެމްޓީސީސީއިން ވަނީ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަފްލާތައް ބާއްވާފައެވެ.
މިއަހަރު މި ބޭއްވި ހަފްލާއަކީ ދިގު މުއްދަތެއްގައި ކުންފުންޏަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އިތުރުން ކުންފުނިން ރިޓަޔާ ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރުމާއި އެކު ކުންފުނީގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހޯއްދެވި މުވައްޒަފުންނަށް ސްކޮލަރޝިފް ރަސްމީގޮތުން ހަވާލުކުރުމަށް ބޭއްވި ހަފްލާއެކެވެ.
ދިގު މުއްދަތުގެ އެވޯޑް 3 ކެޓެގަރީ އަކުން 23 މުވައްޒަފުން ހާސިލްކޮށްފައިވެއެވެ. އެއީ 25 އަހަރު ޚިދުމަތް ކުރައްވައިގެން ސިލްވަރ ކެޓެގަރީ ޙާސިލް ކުރެއްވި ބޭފުޅަކާއި، 20 އަހަރު ޚިދުމަތް ކުރައްވައިގެން ބްރޮންޒް ކެޓެގަރީ ޙާސިލް ކުރެއްވި 4 ބޭފުޅަކާއި 15 އަހަރު ޚިދުމަތް ކުރައްވައިގެން ބްލޫ ކެޓެގަރީ ޙާސިލް ކުރެއްވި 18 ބޭފުޅެކެވެ. މީގެ އިތުރުން މި ޙަފްލާގައި ދިގު މުއްދަތެއްގައި ކުންފުނީގައި ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔާ ކުރެއްވި 10 ބޭފުޅަކަށް ރިޓަޔަމެންޓް އެވޯޑް އެރުވުނެވެ.
2001 ވަނަ އަހަރު ރަސްމީ ގޮތުން ފެށުނު މި ޕްރޮގްރާމްގެ ދަށުން 2016 ވަނަ އަހަރާއި ހަމަޔަށް އެކި އެކި ދާއިރާތަކުން 50 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖެއިން ބޭރުގައި ތަމްރީންކުރެވިފައި ވެއެވެ. އަދި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލުކުރަން ބޭނުންވާ މުވައްޒަފުންނަށް އެފުރުސަތުވެސް ހުޅުވާލެވުނެވެ.
ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އިތުރުން ކޮންމެ އަހަރަކުވެސް ބަޖެޓްކުރެވިގެން ގިނަ އަދަދެއްގެ މުވައްޒަފުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރުމުގެ ފުރުސަތު ދެމުންގެންދެއެވެ.
1980 ވަނަ އަހަރު ވުޖޫދަށް ގެނެވުނު ރާއްޖޭގެ ފުރަތަމަ ޕަބްލިކް ލިމިޓެޑް ކުންފުނި ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އާންމު ދަތުރުފަތުރުގެ ސިނާއަތުގެ އެންމެ ބޮޑު ޙިއްސާއެއް އަދާކުރާ ސަރުކާރު ޙިއްޞާވާ ކުންފުންޏެވެ.
ފާއިތުވެ ދިޔަ 36 އަހަރުގެ ތެރޭގައި އެމްޓީސީސީވަނީ ދަތުރުފަތުރުގެ ދާއިރާއާއި، ކޮންސްޓްރަކްޝަންގެ ދާއިރާ އާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައެވެ.