ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 18:42
ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ސިފައިން ހަރަކާތްތެރިވަނީ
ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ސިފައިން ހަރަކާތްތެރިވަނީ
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
ސިފައިން ލައްވައި މަޖިލިސް ޚަރާބު ކުރަނީ ޤާނޫނާއި ޚިލާފަށް: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލިސް ވަނީ ހިޞާރުކޮށްފައި
ސިފައިން އަމަލުކުރަނީ ރަނގަޅަށް ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވޭ
މަޖިލީހުގައި ޑިފެންސް މިނިސްޓަރ ހުންނެވި ނަމަ "ކޮންމެވެސް މީހެއްގެ ދަތްދޮޅު ދުއްވާލީމުސް" ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ

ސިފައިން ލައްވައި މަޖިލިސް ޚަރާބު ކުރަނީ ޤާނޫނާއި ޚިލާފަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހިޞާރުކޮށް، އެ މަޖިލިސް ޚަރާބުކުރުމުގައި ދިވެހި ސިފައިން ލައްވައި އަމަލު ކުރުވަނީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ ކޮންމެ ދުވަހަކު ސިފައިން ދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހަރަކާތްތެރިވެ، ސަރުކާރަށް ތާޢީދު ނުކުރާ މެންބަރުންނަށް އެކި ޒާތުގެ ދުއްތުރާތައް ކުރަމުންނެވެ.

މަޖިލީހުގެ ތެރެއިން ސިފައިންގެ މިފަދަ އަމަލުތައް ފާޅުކަންބޮޑު ގޮތެއްގައި ފެންނަން ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހަށް ވަޑައިގަތުމާއި ގުޅިގެންނެވެ. އޭގެ ފަހުން ޖުލައި 31 ވަނަ ދުވަހުވެސް މަޖިޅިހުގައި ވަނީ މިފަދަ ކަންތައްތަކެއް ހިނގާފައެވެ.

އެދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސިފައިން ވަދެ، މެންބަރުންގެ ގަޔަށް އަތްލައި ހިންގި ކަންތައްތަކަށް ފަހު، މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ އޮފިސަރުންނާ  އޯގަސްޓް 1 ވަނަ ދުވަހުގެރޭ ބައްދަލުކުރައްވައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ، ސިފައިން މަސައްކަތް ކުރަމުން ދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެ މަސައްކަތުގައި ގޯހެއް ނުހަދާ ކުރިއަށް ދެވޭނެ ކަމުގެ ސައްތައިންސައްތަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅު ލީކުވެފައިވާއިރު، މިނިސްޓަރު ވިދާޅުވެފައި ވަނީ ސިފައިންގެ ލީޑަޝިޕުން މަސްލަހަތު ގެއްލޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ސިފައިންގެ ވެރިންގެ ޓޮލަރެންސް މާބޮޑުވާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑަށް ވުރެ މިތަނުގައި ތިއްބެވި ވެރިންގެ ޓޮލަރެންސް މާބޮޑުވާނެ، އެހެންނޫންނަމަ މިއަދަކީ އަޅުގަނޑު އެތަނަށް ގެންގޮއްސަ ހުރި ނަމަ މިއަދު އަޅުގަނޑު ކޮންމެވެސް މީހެއްގެ ދަތްދޮޅި ދުއްވާލީމުސް. އެކަމަކު އަޅުގަނޑަށް އެނގޭ އެއަށް ވުރެ މާރަނގަޅަށް މާ ރީތި އަދި ހަގީގަތުގައި އަޅުގަނޑުމެން އަބަދުވެސް އަޑުއަހާ ގޮތަށް ކެތްތެރިކަމާއެކީގައި ވަރަށް އިޚްލާސްތެރިކަމާއެކީގައި މަސައްކަތް ކުރައްވަމުން ތި ގެންދެވީ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ކޮންމެވެސް މީހެއްގެ ދަތްދޮޅު ދުއްވާލީމުސް ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، ބެލެވޭ ގޮތުގައި އެ އިޝަރާތް ކުރައްވަނީ އެ ދުވަހުގެ ޖަލްސާގައި އިހުތިޖާޖް ކުރި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް