ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 16:48
މީރާ
މީރާ
އަޒުމޫން އަހުމަދު
މީރާގެ ތަފާސް ހިސާބު
ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ބިލިއަނަކަށްވެސް ނާރާ!
އާމްދަނީ ބިލިއަނަކަށް ނާރަނީ ސެޕްޓެމްބަރު މަހާއި ޖޫން މަހު

މިއަހަރުގެ މިހާތަނަށް ދެވަނަޔަށް އެންމެ ދަށް އާމްދަނީއެއް މީރާއަށް ލިބުނީ މިދިޔަ ސެޕްޓެމްބަރު މަހު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމު ކޮށްފައިވާ  ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 989.7 (ނުވަސަތޭކަ އަށްޑިހަ ނުވައެއް ޕޮއިންޓް ހަތެއް) މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީއަށް ވުރެ 10.4 އިންސައްތަ ދަށް އަދަދެކެވެ. އަދި ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް މީރާއިން އަންދާޒާކުރި އަދަދަށް ވުރެ 10.7 އިންސައްތަ އަދަދެކެވެ. މީރާއިން ބުނީ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައި ވަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި ރަށްތަކުގެ ކުލި ބަލައިގަންނަ ފަހު ދުވަސް އޮކްޓޯބަރު މަހުގެ 1އަށް ލަސްކުރުމާއި ގުޅިގެން ކަމަށެވެ.

ސެޕްޓެމްބަރު މަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ވަދެފައިވަނީވެސް ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެގޮތުން ކުލީގެ ގޮތުގައި 216.8 މިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވެއެވެ. މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ވަދެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީގެ ގޮތުގައެވެ. ޓީޖީއެސްޓީގެ ގޮތުގައި 292.9 މިލިއަން ރުފިޔާ ބަަަލައިގެންފައިވެއެވެ. އަދި އާއްމު ޖީއެސްޓީގެ ގޮތުގައި 180 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ސެޕްޓެމްބަރ މަސް ފިޔަވައި މީރާގެ އާމްދަނީ ބިލިއަނަކަށް  ނާރާނީ ހަމައެކަނި ޖޫން މަހުއެވެ. އެމަހު ލިބިފައިވަނީ 906.3 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ޖެނުއަރީ މަހާއި ޖުލައި މަހު ދައުލަތުގެ އާމްދަނީ ފުރަތަމަ ފަހަރަށް ދެ ބިލިއަނަށް އަރާފައިވެއެވެ. މީރާގެ އާމްދަނީ އިތުރުވެފައިވަނީ އެމްޑީޕީގެ ސަރުކާރުގައި ގެނެސްފައިވާ ޓެކްސް ނިޒާމުގެ ތެރެއިންނެވެ. އެގޮތުން އާއްމު ޖީއެސްޓީ، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އަދި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއާއި ވިތުހޯލްޑިންގ ޓެކްސްއިން ދައުލަތަށް ލިބޭ އާމްދަނީ ދަނީ އިތުރުވަމުންނެވެ. މިހާރުގެ ސަރުކާރުން ތަޢާރަފްކުރި ރެމިޓެންސް ޓެކްސްއިން އެވްރެޖްކޮށް މަހެއްގެ މައްޗަށް ދައުލަތަށް ވަންނަނީ 10 ވަރަކަށް މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް