ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 15:24
ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާ ގުޅިގެން "އަބުރުފުޅު ފަންޑް" ހުޅުވާލުން
ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާ ގުޅިގެން "އަބުރުފުޅު ފަންޑް" ހުޅުވާލުން
މުހައްމަދު ޝަރުހާން
ރާއްޖެ ޓީވީ
ޤާނޫނުއަސާސީން ލިބިދޭ ހައްޤުތަކަށް ބްރޯޑްކޮމްއިން ހުރަސްއަޅާ މައްސަލަ ބަލައިދޭން ރާއްޖެ ޓީވީން އެދިއްޖެ
ބްްރޯޑްކޮމްއިން މައްސަލަތައް ބެލުމުގައި ހަމަހަމަކަމެއް ނެތް
ބްރޯޑްކޮމްގެ ނިންމުތަކުގެ ތަފްޞީލް ހޯދުމަށް އެކޮމިޝަނުގައި ވެސް އެދިފައިވޭ
އެމައްސަލަތައް ހުށަހެޅި ފަރާތްތައް ހޯދުމަށް ބްރޯޑްކޮމްގައި އެދިފައިވޭ

ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް ޤާނޫނާ ޚިލާފަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުރަސްއަޅަމުންދާ މައްސަލަ ރާއްޖެ ޓީވީން މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅައިފިއެވެ.

ރާއްޖެ ޓީވީން މިމައްސަލަ ހުށަހަޅާފައި ވަނީ، ފަސް  ލައްކަ ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކުރަން ބްރޯޑްކޮމްއިން ނިންމާފައި ވަނީ އަދުލު އިންސާފުގެ ހަމަތަކާ ޤާނޫންއަސާސީ އާއި ޤާނޫންތަކާއި ޚިލާފަށް ކަމަށް ދަންނަވައި، މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަންއަށް ރާއްޖެ ޓީވީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައެވެ. މިސިޓީގައި ރާއްޖެ ޓީވީން ވަނީ ބްްރޯޑްކޮމްއިން މައްސަލަތައް ބެލުމުގައި ހަމަހަމަކަމެއް ނެތުމާއި، ވަކި ފަރާތަކަށް ޖެހިގެން ކަންކަން ނިންމަމުންދާކަން ތަކުރާރުކޮށް ފާހަގަކުރެވޭ މައްސަލަ ބަލައިދިނުމަށް ވެސް މީޑިއާ ކައުންސިލަށް އެދިފައެވެ.

މިމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައި ވަނީ، މީޑިއާ ކައުންސިލްގެ ޤާނޫންގެ 2 ވަނަ މާއްދާގައި ކައުންސިލްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި، އެމިނިވަންކަމަށް އުނިކަމެއް އަންނަ ކަންކަން ބަލައި ފިޔަވަޅު އެޅުން ހިމެނިފައިވާތީއެވެ. އެހެން ކަމުން ބްރޯޑްކޮމް އިން ޤާނޫނާއި ޚިލާފަށް ރާއްޖެ ޓީވީއާ މެދު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މިނިވަން ނޫސްވެރިކަމެއް ކުރުމަށް އެޅޭހުރަހާއި، އެމައްސަލަތައް ބެލުމުގައި ހަމަހަމަކަން ނެތުމާއި، ރާއްޖެޓީވީއަށް ބޮޑެތި އަދަބު ދިނުމަށް އެކޮމިޝަނުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ މަައްސަލަ ހުޅުވާލެވިފައިވާ މަޖިލީހެއްގައި ބަލައިދިނުމަށް ރާއްޖެ ޓީވީން ވަނީ މީޑިއާ ކައުންސިލަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ރާއްޖެ ޓިވީއާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލާފައިވާތި އާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވާތީ، ބްރޯޑްކޮމްގެ ނިންމުތަކުގެ ބައެއް ތަފްޞީލް ހޯދުމަށް އެކޮމިޝަނުގައި ވެސް ރާއްޖެ ޓީވީން ވަނީ އެދިފައެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ ސޮއެކުރައްވައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި އެދިފައި ވަނީ ރާއްޖެ ޓީވީ ޖޫރިމަނާކުރި ތިން މައްސަލައިގައި ރާއްޖެ ޓީވީއާ ދެކޮޅަށް މައްސަލަ ނިންމި މަދަނީ މިންގަނޑު ސާފުކޮށްދިނުމަށެވެ. އަދި މިމައްސަލަތަކުގެ ތަހުގީގް ބިނާކުރި އަސާސްތައް ބަޔަންކޮށްދިނުމާއެކު، އަބުރުގެ ޤާނޫންގެ ދަށުން މައްސަލަ ބެލުމަށާއި ތަހުގީގްކުރުމަށް އެދި މައްސަލަ ހުށަހެޅުމަށް އެކޮމިޝަނުން އެކަށައަޅައި އަމަލުކުރާ އުޞޫލު ހާމަކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ހަމައެއާ އެކު ރާއްޖެ ޓީވީ މިހާތަނަށް 1.7 މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއިރު، އެއް މިލިއަން ރުފިޔާއާއި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލަތަކުގައި، އެމައްސަލަތައް ހުށަހެޅި ފަރާތްތައް ހޯދުމަށް ވެސް ބްރޯޑްކޮމްއަށް ރާއްޖެ ޓީވީން ފޮނުވި ސިޓީގައި ވަނީ އެދިފައެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއާ ދެކޮޅަށް މައްސަލަތަކުގައި ވަކިކޮޅަށް ބުރަވަމުންދާ ކަމަށް ތުހުމަތުކުރެވިފައިވާ މިދަނޑިވަޅުގައި، ޖޫރިމަނާކުރި ތިން މައްސަލައިގައި، މައްސަލަ ނިންމި ބައްދަލުވުންތަކުގެ ކޮމިޝަންގެ ހާޒިރީ އާއި ވޯޓުދިން މެމްބަރުންގެ ރައުޔު ހާމަކޮށްދިނުމަށް ވެސް ރާއްޖެ ޓީވީން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް