ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 12:29
ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް
ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް
ފޭސްބުކް
އަނަސްގެ މަރު
އަނަސް މަރާލި މައްސަލައާ ގުޅިގެން ހަ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި
ކުޑަކުއްޖަކު ހިމެނޭ ގޮތަށް ތިން މީހަަކަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ
އަނެއް ތިން މީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ
ކުޑަކުއްޖާގެ މައްޗަށް އެހެން މާރާމާރީއަކާ ގުޅިގެން ވެސް ދައުވާ ކޮށްފަ

ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

އަނަސްގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ހިމެނެ އެވެ. އެ ކުއްޖާ ހިމެނޭ ގޮތަށް ތިން މީހެއްގެ މައްޗަށް ދައުލަތުން ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އަނެއް ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. 

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް އިތުރު މައްސަލައަކާ ގުޅިގެން ވެސް ދާދިފަހުން ވަނީ ދައުވާ ކޮށްފަ އެވެ. އެގޮތުން ޖުލައި 25 ވަނަ ދުވަހު ސުޕްރީމް ކޯޓު ކައިރިން މީހެއްގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި އެ ކުއްޖާގެ މައްޗަށް ދައުލަތުން ވަނީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް މަރާލާފައިވަނީ އޭނާ ފަހާ ދުވަމުން ގޮސް، ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.

އަނަސްގެ މަރާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒުއާއި، މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު ހިމެނެ އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅެނިކޮށެވެ. އެގޮތުން އަފްރާހު ހައްޔަރުކޮށްފައިވަނީ މާލޭ ގެއެއްގެ ތެރޭގައި ފިލައިގެން އުޅެނިކޮށް މިމަހުގެ 8 ވަނަ ދުވަހު އެވެ. 

އަނަސްގެ މަރާ ގުޅިގެން، އޯގަސްޓް 3 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ އަނަސް މަރާލީ އޭނާގެ ކުށަކުން ނޫން ކަމަށާއި އޮޅިގެން އެހެން މީހަކު ކަމަށް ހީކުރެވިގެން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް