ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 11:48
ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ޔުނިޓްގެ ފުލުހުން ހަރަކާތްތެރި ވަނީ
ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ޔުނިޓްގެ ފުލުހުން ހަރަކާތްތެރި ވަނީ
ގޫގުލް
ޖާނުން ފިދާވުމުގެ ހަމަލާ
ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅުނު މީހާއަށް ވީގޮތެއް ނޭނގުނު!
އޭނާ ހައްޔަރުކުރީ ސެޕްޓެމްބަރު 14 ގައި
ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތުޖެހީ 10 ދުވަހަށް
ފުރަތަމަ ބަންދުކުރި މުއްދަތުގެ ހަމަވުމުން ދެން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރިކަމެއް ނުވަތަ ދޫކޮށްލީ ކަމެއް ނޭނގޭ

 

ދިވެހިރާއްޖޭގައި ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހްމަތުގައި ދިވެއްސެއް ހައްޔަރުކުރި މައްސަލައިގެ އެއްވެސް މައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން ދެކޮޅު ހަދައިފި އެވެ.

ތަކުރާރުކޮށް އެކިދުވަސް މަތިން ފުލުހުންގެ މީޑިއާއަށް ގުޅުމުން އޮފިޝަލް ވެސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު މައްސަލައިގެ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ. 

"ރާއްޖެއެމްވީ" އިން  ފުލުހުންގެ ކިބައިން އެދުނީ އެމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވޭތޯ އާއި އޭނާ އެ މައްސަލައިގައި ފުލުހުންނަށް ހިއްސާކުރެވެން އޮތް މައުލޫމާތެއް ހިއްސާ ކޮށްދިނުމަށެވެ. 

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރުކުރި މީހާގެ ބަންދާއި ގުޅޭ މައުލޫމާތުގެ އިތުރުން އެމައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ. 

އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާކަން، ނުވަތަ ދޫކޮށްލާފައިވާކަން އަދި އެމައްސަލަ ތަހުގީގު ކުރަމުންދާކަމުގެ މައުލޫމާތު ވެސް މިވަނީ ލިބޭގޮތް ނުވެފައެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ 37 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ  14 ވަނަ ދުވަހު މާލެއިން ނެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިރުޝާދުގެ މަތިން ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅޭ ކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ފުރަތަމަ ޖަހާފައި ވަނީ 10 ދުވަހެވެ. އެހެންކަމުން ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ދެން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރިކަމެއް އަދި ނުކުރާކަމެއް ނޭނގެ އެވެ. އަދި ފުލުހުން ވެސް އެކަން ހާމަކުރަން މިވަނީ ދެކޮޅު ހަދާފަ އެވެ. 

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރި ފުތަރަމަ ދުވަހުވެސް ފުލުހުން ބުނެފައިވަނީ ޖާނުންފިދާވުވުމުގެ ހަމާލާއެއް ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހްމަތުގައި މީހަކު ހައްޔަރު ކޮށްފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވުމަށް ވަނީ ފަށާފަ އެވެ. 

ބައެއް މީޑިއާތަކަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށާފައި މިވަނީ، ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމްގެ ޙަމަލާތައް ދިނުން އިތުރުވެފައިވާތީ އެކަމާ ގުޅިގެން އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް މިކަން މި ކުރަނީ ރާއްޖެއަށް ޓެރަރިޒަމްގެ އިންޒާރެއް ނުވަތަ ނުރައްކަލެއް އޮވެގެން ނޫން ކަމަށާ މިއީ ސަލާމަތީ ގޮތުން އަޅަމުންދާ ޚާއްޞަ ފިޔަވަޅުތަކެއް ކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައިވެއެވެ.

އެއަރޕޯޓުން ފުރާ މީހުންގެ ފޮށިތަންމަތި ފަދަ ތަކެތި ބަލާ ފާސްކުރުމުގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރެވި، ދަތުރުވެރިންގެ ހަށިގަނޑު ބަލާ ފާސްކުރުމުގެ މަސައްކަތް  ވެސް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އެޅުއްވި ހާއްސަ ފިޔަވަޅުތަކެއް ކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
13 އޮކްޓޯބަރ 2017 | ހުކުރު 21:11
ތިމަންނަ
މިހާރު އޭނާ ޖާނުންފިދާވެ ނިމުނީއެވެ. ފިދާވި މީހުންގެ ޚަބަރެއް ނުވާނެއެވެ.