ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 08:16
މޮރިޝަސް ކޮމާޝަލް ބޭންކް(އެމްސީބީ)
މޮރިޝަސް ކޮމާޝަލް ބޭންކް(އެމްސީބީ)
މުހައްމަދު ޝަރުހާން
ލޯނު ނުދެއްކުން
ހަތް މަހުގެ ތެރޭގައި ލޯނު ނުދައްކައިފި ނަމަ ގޯއްޗެއް ވިއްކާލުމުގެ ހައްގު އެމްސީބީއަށް ކޯޓުން ދީފި
1.28 މިލިއަން ރުފިޔާގެ ލޯނެއް ނެގުމަށް ހ. އަލިނަރުހިޔާ ރަހުނު ކޮށްފަ
ލޯނަށް ހަތަރު މީހަކު ގެރެންޓީ ދީފައިވޭ، އެމީހުންގެ މައްޗަށް ވެސް ހުކުމުގެ އަސަރު
ހަތް މަހުގެ ތެރޭގައި ޖޫރިމަނާއާއެކު ނުދެއްކިއްޖެ ނަމަ ގޯތި ވިއްކާލުމުގެ ހައްގު

މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން އަމިއްލަ ކުންފުންޏަކަށް ހަމަޖައްސައިދިން ކްރެޑިޓް ފެސިލިޓާއަކަށްވާ ފައިސާ ޖޫރިމަނާއާއެކު ހަތް މަސް ދުވަހުގެ ތެރޭގައި ނުދައްކަފި ނަމަ މާލެއިން ގޯއްޗެއް ވިއްކާލުމުގެ ހައްގު ސިވިލް ކޯޓުން އެ ބޭންކަށް ދީފި އެވެ.

ރާގު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް 1،280،000 ރުފިޔާ (އެއް މިލިއަން ދެލައްކަ އަށްޑިހަހާސް ރުފިޔާ) ގެ އޯވަރ ޑްރާފްޓް ކްރެޑިޓް ފެސިލިޓީއެއް އެމްސީބީން ހަމަޖައްސައިދިނީ "ހ. އަލިނަރުހިޔާ" ގޯތި ރަހުނު ކުރުމުންނެވެ. އަދި އެ ފިސިލިޓީއަށް ހަތަރު މީހަކު ޔަގީންކަން ދީފައި ވެއެވެ. އެ ހަތަރު މީހުންނަކީ، މއ. ރާގުންޑާގޭ، އަހުމަދު ޝިފާނާއި، ހ. ޝާޒް، މުހައްމަދު ޒިހާމާއި، ދަފްތަރު 3202 މޫސާ އިބްރާހިމް ދީދީގެ އިތުރުން ހ. އަލިނަރުހިޔާ އަބްދުލް ލަތީފް އަބްދުﷲ އެވެ.

ރާގު ކުންފުންޏަށް 2010 ވަނަ އަހަރުގެ ތެރޭގައި ކްރެޑިޓް ފެސިލިޓީ ހަމަޖައްސައިދިންއިރު، އެއްބަސްވުމާ އެއްގޮތަށް އެކުންފުނިން ފައިސާ ދައްކާފައިނުވާތީ އެމްސީބީން އެކުންފުނީގެ މައްޗަށް ދައުވާކުރި އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އޮކްޓޯބަރު، 1، 2015 ގެ ކްރެޑިޓް ފެސިލިޓީއަށް 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށާއި މި މައްސަލައިގައި ހިމެނޭ އެންމެހާ ފައިސާ ދައްކައި ނިމެންދެން މައްސަލަ ބިނާކޮށްފައިވާ އެންމެހާ އެއްބަސްވުންތައް ދެމި އޮންނާނެ ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ މި މުއާމަލާތާ ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު އެންމެހައި ފައިސާ، ހަތް މަސް ދުވަހުގެ ތެރޭގައި އެމްސީބީއަށް ދައްކައި ޚަލާސްކުރުަމަށް ރާގު ކުންފުންޏަށާއި، ލޯނަށް ޔަގީންކަން ދީފައިވާ ފަރާތްތަކަށް އަންގާ ކަމަށެވެ. ހަތް މަސްދުވަހުގެ މުއްދަތު ހަމަވާއިރު، ފައިސާ އެއްކޮށް ދައްކައި ޚަލާސް ކުރެވިފައިނުވާ ނަމަ، ރަހުނު ކުރެވިފައިވާ ގޯތި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ވިއްކާލުމުގެ ހައްގު އެމްސީބީއަށް ލިބިގެންވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް