ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 18:32
ވިޔަފާރިކުރުމުގައާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ކުރެވޭ ވިޔަފާރީގެ އެކި މުޢާމަލާތްތަކުގައި މަކަރުވެރި ޢަމަލުތައް ހިންގުން ފަހަކަށް އައިސް ވަނީ އިތުރު ވެފައި
ވިޔަފާރިކުރުމުގައާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ކުރެވޭ ވިޔަފާރީގެ އެކި މުޢާމަލާތްތަކުގައި މަކަރުވެރި ޢަމަލުތައް ހިންގުން ފަހަކަށް އައިސް ވަނީ އިތުރު ވެފައި
ގޫގުލް
ވިޔަފާރިކުރުން
އޮންލައިންކޮށް ވިޔަފާރި ކުރާއިރު ސަމާލުވުމަށް ފުލުހުން އެދެފި
ނުރައްކާ އެންމެ ބޮޑުކަމަށް ފާހަގަކުރެވިފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރީގެ ގުޅުން ދަމަހައްޓަމުން ދާ ފަރާތްތަކަށް

އޮންލައިންކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކާ ކުރެވޭ ވިޔަފާރީގެ އެކި މުޢާމަލާތްތަކުގައި މަކަރުވެރި ޢަމަލުތަކަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ނެރުނު އިލްތިމާސެއްގައި ބުނެފައިވަނީ، ވިޔަފާރިކުރުމުގައާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ކުރެވޭ ވިޔަފާރީގެ އެކި މުޢާމަލާތްތަކުގައި މަކަރުވެރި ޢަމަލުތައް ހިންގުން ފަހަކަށް އައިސް އިތުރުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ފަރާތްތަކުން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގާ ވިޔަފާރިތަކުގައި އެކި ޚިދުމަތްތަކަށް އެފަރާތްތަކަށް ފައިސާ ދެއްކުމުގެ ގޮތުން، މުޢާމަލާތް ކުރުމާއި ޚިދުމަތްދޭ ފަރާތާ ގުޅުމެއް ނެތް އެކައުންޓްތަކަށް ފައިސާ ޓްރާންފަރ ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ފާއިތުވި މަސްތަކުގައި މިބާވަތުގެ މައްސަލަތައް ފުލުހުންގެ ސައިބަރ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓަށް ހުށަހަޅާފައިވާ މިންވަރު އިތުރުވެގެން ގޮސްފައިވާ ކަމަށާއި، ތަހުޤީޤު ކުރަމުންދާ މިބާވަތުގެ އެކި މައްސަލަތަކުގައި، ކޮށްފައިވާ ތަފާތު މުޢާމަލާތްތަކުގެ އަގު ޖުމްލަ 638،168 ޔޫއެސް ޑޮލަރަށް އަރާ ކަމަށެވެ.

ފުލުހުން ބުނީ، މިފަދަ މަކަރުވެރި ޢަމަލުތައް ހިންގުމުގައި ބޮޑަށް ޙަރަކާތެރިވަނީ ރާއްޖެއިން ބޭރުމުގެ އެކި ފަރާތްތަކާ ގުޅިގެން ކުރެވޭ ވިޔަފާރިތަކުގެ ތެރެއިންކަމަށްވާއިރު، މިފަދަ ޢަމަލުތަކުގެ ނުރައްކާ އެންމެ ބޮޑުކަމަށް ފާހަގަކުރެވިފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރީގެ ގުޅުން ދަމަހައްޓަމުން ދާ ފަރާތްތަކަށް ކަމަށެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން އެފަދަ ގުޅުންތަކުގެ ފައިދާ ނަގައި، ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންފަރކޮށްފައި ހުންނަކަން  ފާހަގަކުރެވިފައިވާ ކަމަށާ، އެގޮތުން ވިޔަފާރީގެ މުޢާމަލާތްކުރާ އީމެއިލްއަކީ ރަނގަޅު އީމެއިލްތޯ ޔަޤީން ނުކޮށް އެފަރާތްތަކާ މުޢާމަލާތްކުރުމާއި، މުދަލަށް އޯޑަރު ދިނުމަށްފަހު ފައިސާ ޓްރާންފަރކުރަންޖެހޭ ހިސާބަށްގޮސް، ފައިސާ ޓްރާންފަރ ކުރަންޖެހޭ އެކައުންޓަކީ މުދަލަށް އޯޑަރުދިން ކުންފުނީގެ އެކައުންޓްތޯ ޔަޤީންނުކޮށް ފައިސާ ފޮނުވުމަކީ މިފަދަ މައްސަލަތައް ހިނގަން މެދުވެރިވާ ސަބުބުތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މިމައްސަލަތަކަކީ ވިޔަފާރިކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، ޚާއްޞަ ސަމާލުކަމެއް ދީފިނަމަ ހުއްޓުވިދާނެ މައްސަލަތަކެއް ކަމަށާ، ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރީގެ ގުޅުން ދަމަހައްޓައި އިތުބާރު އޮތްކަމުގައި ވީނަމަވެސް މުޢަމަލާތްކުރާ އީމެއިލް، އަދި ވަކިން ޚާއްޞަކޮށް ފައިސާ ފޮނުވާ އެކައުންޓްގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ ފައިސާ ފޮނުވުމުގެ ކުރިން އެ އެކައުންޓަކީ ފައިސާ ފޮނުވަންޖެހޭ ފަރާތުގެ އެކައުންޓްތޯ އެފަރާތަކާ ގުޅައިގެން ޔަޤީންކުރުމަށްފަހު ފައިސާގެ މުޢާމަލާތް ކުރުމަކީ މިފަދަ މައްސަލަތައް ހުއްޓުވައި، ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް