ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 18:53
ފާރިސް ހައްޔަރުކޮށް، ޖަލަށް ލާފައި ވަނީ ސިޔާސީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނިކޮށް
ފާރިސް ހައްޔަރުކޮށް، ޖަލަށް ލާފައި ވަނީ ސިޔާސީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނިކޮށް
ޓްވިޓަރ
ފާރިސް މައުމޫން
ފާރިސް ގެއަށް، ދައްތަ ޔުމްނާ އުފަލުން ބްލަޝްވަނީ
ގެއަށް ބަދަލުކޮށްފައިވަނީ ބުދަދުވަހު
ބަދަލު ކޮށްފައިވަނީ ޖަލުގެ މަރާމާތެއް ކުރުމަށް ގޭބަންދަށް
މަރާމާތު ނިމުނުހާ އަވަހަކަށް އަނބުރާ ޖަލަށް ގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުނޭ

ރިޝްވަތުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ޖަލު ބަންދުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ގޭބަންދަށް ބަދަލުކުރުމާ ގުޅިގެން ގިނަ ބަޔަކު ފާރިސްއަށް މަރުހަބާ ކިޔަމުން އެބަދެއެވެ.

ބުދަ ދުވަހުގެ ހަވީރު ފާރިސް ގެއަށް ބަދަލުކޮށްފައިވާއިރު، ފާރިސްއާ އެކު ސިޔާސީ ކަންކަމުގައި އެންމެ ގާތުން މަސައްކަތްކުރައްވާ ފާރިސްގެ ދައްތާފުޅު، ޔުމްނާ މައުމޫން ވަނީ ފާރިސް ގޭބަންދަށް ބަދަލުކުރުމުން، ޙަމްދުކުރާކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. މި ޓްވީޓްގައި ޔުމްނާ ވަނީ އިންތިހާ އުފާ ރަމްޒުކޮށްދިނުމަށް "'ބްލަޝް" އިމޯޖީ ބޭނުންކުރައްވާފައެވެ.

ސަރުކާރުން ފާރިސް ހައްޔަރުކޮށް، އޭނާ ޖަލަށްލައި، ސިޔާސީ ގޮތުން އެތައް އުނދަގުލެއް ކުރިމަތިކުރަމުންދާއިރު، ސަރުކާރުގެ އިސް މަޤާމެއްގެ އަދިވެސް ހުންނެވި ފާރިސްގެ އަނެއް ދައްތަ، ދުންޔާ މައުމޫން، ބުދަދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރިސް ފެނުމުން އުފާވެއްޖެ ކަމަށާއި، ފާރިސްއަށް ސިއްޙަތު ރަނގަޅު، ދިގު އުމުރެއް ދެއްވުން އެދި ދުޢާކުރާ ކަމަށެވެ.

ފާރިސް ގެއަށް ބަދަލުކުރުމާ ވިދިގެން ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރިސް މައުމޫން ގެއަށް ބަދަލުކުރި ޚަބަރަކީ އުފާވެރި ޚަބަރެއް ކަމަށާއި، ފާރިސް އާއި އާއިލާއަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައިސާ އައިމިނަތު ނާދިރާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ފާރިސްގެ މައްޗަށް ކޮށްފައިވާ ނުޙައްޤު ދައުވާތައް އަނބުރާ ގެންދަން ޖެހޭ ކަމަށާއި، ފާރިސްއަކީ ގޭބަންދުގައި ބަހައްޓަން ޖެހޭ މީހެއް ނޫން ކަމަށެވެ.  

ފާރިސް ގެއަށް ބަދަލުކުރުމާ ގުޅިގެން، ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ކުރީގެ ޕީއޭ، އަޙުމަދު ޞަފްވާން ވެސް ވަނީ އެކަން ފާހަގަކޮށް ޓްވީޓްކޮށްފައެވެ.

ފާރިސްއާ އެކު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާ އެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސް ގެއަށް ބަދަލު ކުރުމުން އުފާކުރާ ކަމަށެވެ. މަޚްލޫފްގެ ޓްވީޓްގައި އޭނާ ވަނީ ރައީސް ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި، ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންގެ އިތުރުން މޭޑޭގެ މުޒާހަރާތަކާއި ގުޅިގެން ހައްޔަރުކޮށް، ޖަލުގައި ތިބި ފަރާތްތައް ވެސް ދޫކޮށްލުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން މަޚްލޫފް ވަނީ ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ވެސް މި ޓްވީޓްގައި ގޮވާލައްވާފައެވެ.

ކުރީގެ ބަންޑާރަނައިބު، ދިޔާނާ ސައީދު ވިދާޅުވީ، ފާރިސް ގެއަށް ބަދަލުކުރުމުން ނުފުދޭ ކަމަށާއި، ނުޙައްޤުން ފާރިސްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަށް އަނބުރައި ގެންގޮސް، ފާރިސް މިނިވަންކުރަންޖެހޭ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް، ފުއާދު ތަޢުފީޤް ވިދާޅުވީ، ފާރިސް ގެއަށް ބަދަލުކުރުމުން ހިތްހަމަޖެހުން ލިބިވަޑައިގެންފި ކަމަށެވެ. ފުއާދު ވިދާޅުވީ، ފާރިސްއަކީ ކުށްވެރިއެއް ނޫން ކަމަށާއި، ދާއިރާ ތަމްޞީލު ކުރުމަށް ފާރިސް މިނިވަން ކުރަންޖެހޭ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފާރިސްގެ އާއިލާ އާށް މަރުޚަބާ ދަންނަވާފައެވެ. 

 

މީގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ ފާރިސް ގެއަށް ބަދަލުކުރުމާ ގުޅިގެން އެކިއެކި ޝުޢޫރުތައް ފާޅުކޮށްފައެވެ.

ބުދަ ދުވަހުގެ މެންދުރުފަހު 15:40 ފާރިސް ބަދަލުކޮށްފައި ވަނީ އޭނާ ދިރިއުޅުއްވަމުން ގެންދަވާ މއ. ސްނޯރޯސް އަށެވެ.

ރާއްޖެއެމްވީއަށް މަޢުލުމާތު ދެއްވަމުން، ކަރެކްޝަނުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވަނީ، ބުދަ ދުވަހުގެ މެންދުރު ފަހު ފާރިސް ގޭބަންދަށް ބަދަލުކުރެވިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ލުގުމާން ވިދާޅުވީ ފާރިސް ގޭބަންދަށް ބަދަލުކުރެވުނީ މާފުށި ޖަލުގައި ފާރިސް ބަހައްޓާފައި ހުރި ޔުނިޓުގެ މަރާމަތުގެ މަސައްކަތެއް ކުރިއަށް ގެންދިއުމަށް ކަމަށާއި، މަރާމާތުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ފާރިސް އަނބުރާ ޖަލަށް ބަދަލުކުރާނެ ކަމަށެވެ.

ރިޝްވަތު ދިންކަމަށް ބުނާ މައްސަލައިގައި ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައި ވަނީ ކަރެކްޝަންސްގެ ބެލުމުގެދަށުން މާފުށީ ޖަލުގައެވެ.

ބަންދުގައި ބަހައްޓައިގެން މި މައްސަލައިގެ ތަހުގީގު ނިންމައި ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ކޮށްފައިވާއިރު އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް