ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 11:29
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރަމުންދާ ސަރަޙައްދު
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރަމުންދާ ސަރަޙައްދު
ގޫގުލް
ބްރިޖުގެ މަސައްކަތް
ބްރިޖާއި ކައިރިވާ އުޅަނދުތަކާއިމެދު ފިޔަވަޅު އަޅަނީ
މާލެ އާއި ހުޅުލެ އާއި ދެމެދު އޮންނަ ކަނޑުއޮޅިއަށް ވަނުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މަނާކޮށްފަ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރަމުންދާ ސަރަޙައްދަށް ވަންނަ ކަނޑުއުޅަނދުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިންގ މިނިސްޓްރީން ދީފިއެވެ.

މިފަދައިން އިންޒާރުދީ އެ މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބްރިޖުގެ މަސައްކަތް ކުރަމުންދާ ސަރަޙައްދުގައި، މާލެ އާއި ހުޅުލެ އާއި ދެމެދު އޮންނަ ކަނޑުއޮޅިއަށް ވަނުން 2016 ވަނަ އަހަރުން ފެށިގެން ޓްރާންސްޕޯޓް އޮތޯރިޓީން މަނާކޮށްފައިވާ ކަމަށެވެ.

ބްރިޖްގެ މަސައްކަތާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ގާދޫކޮލު ބަންދުކޮށްފައިވަނީ ނިމިގެން ދިޔަ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ޓްރާންސްޕޯޓް އޮތޯރިޓީން ބަންދުކޮށްފައިވާ ގާދޫކޮލު ސަރަޙައްދު ވަކިވާނެހެން އެ ސަރަޙައްދުގައި ބޮއިވެސް ހަރުކޮށްފައިވާނެ ކަމަށާ، ނަމަވެސް ފަހަކަށްއައިސް އެ ސަރަޙައްދަށް ބައެއް ކަނޑުއުޅަނދު ވަދެހަދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި މިފަދައިން ޓްރާންސްޕޯޓް އޮތޯރިޓީގެ ނިންމުމާއި ޚިލާފުވާ ފަރާތްތަކާއި މެދު އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، އާންމު އުޅަނދުފަހަރު ގާދޫކޮލުން ވަދެއުޅުމަކީ، ބްރިޖް މަސައްކަތަށް ހުރަސް އެޅޭނެ ކަމެކެވެ. އަދި އެފަދައިން އެ ސަރަޙައްދަށް ވަދެ އުޅުމަކީ، އާންމު ފަރާތްތަކަށް އޮތް ނުރައްކަލެއް ކަމަށްވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ގާދޫކޮލު ބަންދުކުރަން ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީން އޭރު ބުނެފައިވަނީ ކަނޑުއޮޅި ބަންދުކުރީ ބްރިޖް އެޅުމަށް ރާއްޖެގެންނަ ތަކެތި ހިފައިގެން ރާއްޖެއަންނަ ބޯޓުތަކުން އެ ސަރަޙައްދު ބޭނުންކުރުމަށް ކަމަށެވެ. ގާދޫކޮލު ބަންދުކުރުމަށްފަހު، ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މާލެއާއި ތިލަފުށިން ފުރައިގެން ހުޅަނގަށް ދަތުރުކުރާ އުޅަނދުފަހަރުން ދުވާލުގެ އަލިކަމުގައި ގިރާވަރު އުތުރު ކަނޑާއި ތިލަފުށީ އިރުމަތީ ކަނޑުއޮޅި އަދި ތިލަފުށީ ހުޅަނގު ކަނޑުއޮޅި ބޭނުން ކުރުމަށް އިރުޝާދު ދީފައެވެ.

ގާދޫކޮލު ބަންދުކުރިއިރު ޓްރާންސްޕޯޓުން ބުނެފައިވަނީ މި ނިންމުމާއި ޚިލާފުވާ ފަރާތްތައް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ޗައިނާގެ ލޯނު އެހީން ބޮޑު ޚަރަދެއްކޮށްގެން ހަދާ މި ބްރިޖްގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ މެދުތެރޭގައި ބްރިޖްގެ ބޭނުން ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ބްރިޖްމަތީގައި ކައިވެނި ހަފްލާ ފަދަ ހަފްލާތައް ބޭއްވުމުގެ ފުރުޞަތު ދޭނެ ކަމަށާ، އެފަދަ ހަފްލާތަކުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް