ކ. މާލެ
|
10 އޮކްޓޯބަރ 2017 | އަންގާރަ 13:24
ސަސްޕެންޑްކޮށްފައިވާ ބައެއް ވަކީލުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ:--
ސަސްޕެންޑްކޮށްފައިވާ ބައެއް ވަކީލުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ:--
މުހައްމަދު ޝަރުހާން
ވަކީލުން ސަސްޕެންޑް ކުރުން
ވަކީލުންގެ ސަސްޕެންޝަން އުވާލުމުގައިވެސް ހަމައެއް، އުސޫލެއް ނެތް: ވަކީލުން
56 ވަކީލަކު ސަސްޕެންޑް ކުރިތާ އެއްމަސް ވަނީ ވެފައި
މިހާރުވެސް ސަސްޕެންޝަންގައި 27 ވަކީލުން އެބަ ތިއްބެވި
29 މީހެއްގެ ސަސްޕެންޝަން ވަނީ އުވާލާފަ

ސަސްޕެންޑް ކޮށްފައި ތިބި ވަކީލުންގެ ސަސްޕެންޑް އުވާލުމުގައިވެސް ޖުޑީޝަލް އެޑިމިނިސްޓްރޭޝަނުން އަމަލުކުރުމުގައި އެއްވެސް ހަމައެއް އުސޫލެއް ނުގެންގުޅޭ ކަމަށް ސަސްޕެންޑް ކޮށްފައި ތިއްބެވި ވަކީލުން ވިދާޅުވެއްޖެ އެވެ.

 

ޝަރުއީ ދާއިރާގައި އިސްލާހް ކުރަން ހުރި މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން އުޅުނު މައްސަލާގައި 56 ވަކީލަކު ސަސްޕެންޑް ކުރިތާ އަންގާރަ ދުވަހަށް އެއް މަސްވެފައިވާއިރު މިހާރުވެސް ސަސްޕެންޝަންގައި 27 ވަކީލުން އެބަ ތިއްބެވި އެވެ. އަދި 29 މީހެއްގެ ސަސްޕެންޝަން ވަނީ އުވާލާފަ އެވެ.

 

ޝަރުއީ ދާއިރާ އިސްލާހްކުރުމަށް މަސައްކަތްކުރާ ވަކީލުންގެ ފަރާތުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަމިއްލައަށް އިސްނަންގަވައިގެން ވަޑައިގެން ބަޔާން ދެއްވާފައިވާ 16 ވަރަކަށް ވަކީލުން ތިއްބެވިއިރު ސަސްޕެންޝަން އުވާލާފާއިވަނީވެސް އޭގެ ތެރެއިން ބައެއް ވަކީލުންގެ ކަމަށެވެ. އަދި ސަސްޕެންޑްކުރި ވަކީލުން ބަޔާނެއް ދޭން ޖެހޭނެކަން ވެސް އަންގާފައިނުވާއިރު ބަޔާނެއް ނެގުމަށް އެތަނުން ގުޅާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

" އެ ބޭފުޅުންނެއް ވަކި އުސޫލެއް ނުގެންގުޅުއްވާ. ހަމައެކަނި ޕެޓިޝަނުގައި ސޮއި ކުރެއްވި ވަކީލުން އެބަ ތިއްބެވި އަދިވެސް ސަސްޕެންޝަނުގައި. އެދުވަހު ސުޕްރީމް ކޯޓުކައިރިއަށް ވަޑައިގެން ޕެޓިޝަން ހުށަހަޅުއްވަން ވަޑައިގެންވި ބޭފުޅުންނާއި އަނެއް ދުވަހު ބަންޑާނަ ނައިބު އޮފީހަށް ވަޑައިގެންނެވި ބޭފުޅުން އެބަ ތިއްބެވި ސަސްޕެންޝަން ލިފްޓްކުރައްވާފައި. މާފަށް އެދިވަޑައިގެން، ސުޕްރީމް ކޯޓަށް ވަޑައިނުގެންވި ބޭފުޅުން އަދިވެސް އެބަ ތިއްބެވި ސަސްޕެންޝަނުގައި،" ހިސާން ވިދާޅުވި އެވެ.

 

އޭގެ އިތުރުން ހިސާން ވިދާޅުވީ ޕެޓިޝަނުގައި ސޮއި ކުރެއްވި ބައެއް ވަކީލުންއެކަން ކުރެއްވީ ބަޔަކު އެމީހުންގެ ގާތު އެދިގެން އޮޅުވާލައިގެން ކަމަށް ސުޕްރީމް ކޯޓުން ގަބޫލުކުރާ ފަދަ ގޮތަކަށް ބައެއް ވަކީލުންންނާ ސުވާލު ކުރައްވާ ކަމަށެވެ.

 

ފުންނާބު އުސް ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ މީހެއްގެ ހައްގުތަކަށް އަސަރުކުރާނެ އެއްވެސް ކަމެއް ނިންމޭނީ އެމީހަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހުގަ ކަމަށެވެ. އެނޫން ގޮތަކަށް ފިޔަވަޅެއް އެޅުމަކީ ގާނޫނީ ހަމައެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެހެންމެ ބައެއް ގާނޫނީ ވަކީލުންނަށް އެމީހުން ސަސްޕެންޑްކުރިކަން ވެސް އެމީހަކަށް އަންގާފައިނުވާ ކަމަށެވެ. އަދި ބައެއް ވަކީލުންނާމެދު ޒާތީ ގޮތްތަކެއް ގެންގުޅޭ ކަމަށް ސުއޫދު ވަނީ ތުހްމަތު ކުރައްވާފަ އެވެ.  

 

" އަޅުގަނޑު ދެކޭ ގޮތުގައި ހުރިހާ ވެސް މައްސައަކީ ވެސް ޒާތީ ތައައްސަބު. ހާއްސަކޮން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމާ ހަވާލުވެ އެ ހުންނެވި ހަސަން ސައީދު. އަޅުގަނޑުމެން އެތައް ވަކީލުންނެއް އެ ބޭފުޅާއާ ބައްދަލު ކުރަންވެސް އެދެފިން. އެކަމު އެކަމެއްވެސް ނުވި. އެހެންވީމަ އެބަ އިނގޭ އެ ބޭފުޅުންގެ ތެރޭގައިވެސް ބައެއް ވަކީލުންނާމެދު ރުޅިވެރިކަމެއް އެބަ އުޅޭކަން،" އޭނާ ވިދާޅުވި އެވެ.

 

މާފަށް އެދުނު ވަކީލުންގެ ތެރޭގައި ގާނޫނީ ވަކީލް ހުސެއިން ޝަމީމް ހިމޭނޭއިރު އޭނާ ވިދާޅުވީ ޖުޑިޝަލް އެޑިމިނިސްޓޭޝަނުން ތަހްގީގެއް ހިންގަވަމުންދާކަން ފާހަގަ ކުރެވިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ޝަރުއީ ދާއިރާގައި ހިނގާ ނުރަނގަޅު ކަންކަމުގެ ވާހަކަ ދެއްކުމަކީ ގޯހެއް ކަމަށްވާނަމަ އެކަމަށް މާފަށް އެދުނު ނަމަވެސް މިހާރުވެސް ކުރަމުންދާ މަސައްކަތް ކުރައްވާނެ ކަމަށެވެ.

 

"އަޅުގަނޑު އަމިއްލައަށް ގުޅައިގެން ހަމަ މާފަށް އެދޭ ހިތުން މާފަށް އެދުނީ. އަޅުގަނޑު ދަންނަވާފައިވާ އޮންނާނީ އަޅުގަނޑު މިހާތަނަށް ކުރެވިފައިވާ ކުށްތަކާއި އަދި ކުރަން ހުރި ކުށްތަކަށް މާފަށް އެދެމޭ،" ޝަމީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް