ކ. މާލެ
|
10 އޮކްޓޯބަރ 2017 | އަންގާރަ 11:16
މަސީހު މަޖިލީހުގެ ރިޔާސަތުގައި
މަސީހު މަޖިލީހުގެ ރިޔާސަތުގައި
ރާއްޖެ އެމްވީ
މަސީހުގެ އިތުބާރު މައްސަލަ
"ކޮށިގަނޑު"ގެ ތެރޭގައި އިންނެވި މަސީހުގެ ހަމްދަރުދީ މެމްބަރުންނަށް!
މަސީހު އިންނަވާ ރިޔާސަތު މޭޒުގެ ވަށައިގެން އުސްކޮށް، ކޮށިގަނޑެއް ވަނީ ޖަހާފަ
މަޖިލީހުގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވޭ
މަޖިލީހުގެ މެޖޯރިޓީ ބުނެފައިވަނީ މަސީހަކީ މަޖިލީހުގެ ރައީސް ނޫންކަމަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި "ކޮށިގަނޑެއް" ޖަހައިގެން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު، މަޖިލީހުގެ މެމްބަރުންނަށް ހަމްދަރުދީ ވާކަމަށް ވިދާޅުވެއްޖެ އެވެ.

މަސީހު ހަމްދަރުދީގެ ވާހަކަ ވިދާޅުވެފައި ވަނީ އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަމުންދަނިކޮށް އިދިކޮޅު މެމްބަރުންނަށް ނިސްބަތްކޮށް ކަމަށް ބެލެވެއެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އިއްޒަތްތެރި މެމްބަރުންނަށް ވަރަށް ބޮޑަށް ޝުކުރު ދައްނަވަމޭ. އިއްޒަތްތެރި މެމްބަރުންނަކީ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހޮއްވަވާފައިވާ އިއްޒަތްތެރި މެމްބަރުންކަމުގައި އަޅުގަނޑު ގަބޫލުކުރާ ވާހަކަ ދަންނަވަން. އަދި އަޅުގަނޑު ހަމްދަރުދީ އަދާކުރަންޖެހޭ އިއްޒަތްތެރި މެމްބަރުންނަށް ވެސް އަޅުގަނޑުގެ ހަމްދަރުދީ އޮތް ވާހަކަ އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން،" ރިޔާސަތުގައި އިންނެވި މަސީހު ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުންގެ މެޖޯރިޓީއަށް ވުރެ ވެސް އިތުރަށް މެމްބަރު ސޮއި ކުރައްވާ މަޖިލީހުގެ ރައީސަކީ މަސީހު ނޫން ކަމަށް ބުނެ، މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅުމުން، މަސީހު ވަނީ މިލިޓަރީ ބޭނުން ކުރައްވައިގެން މަޖިލިސް "ހިސޯރު" ކުރައްވާފައި ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މަޖިލީހުގެ ރައީސް ހޮވަނީ މަޖިލީހުގެ މެމްބަރުން މެޖޯރިޓީންނެވެ. އަދި މަޖިލީހުގެ ކަންކަން ނިންމުމުގެ ބާރު އޮންނަނީ ވެސް މަޖިލީހުގެ މެޖޯރިޓީއަށެވެ.

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލި މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމާ އެކު މަޖިލީހުގެ އިދާރާއަށް ގިނަ އަދަދެއްގެ ސިފައިން ވައްދާ ފޯރިމަރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

މަޖިލިސް ހިސޯރު ކުރައްވައިގެން މަސީހު އިންނެވި ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވާއިރު، މިހާރު މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ބާއްވަމުން ގެއްދަވާކަމަށް ބުނާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށް ވެސް އިދިކޮޅު މެމްބަރުން ވިދާޅުވެއެވެ. އަދި މިޖަލްސާތަކުގައި ފާސްކުރާ ކަންކަން ފަހުން ބާތިލް ކުރާނެ ކަމަށް ވެސް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރައީސަކީ މަސީހު ކަމަށް ގަބޫލުކުރާނެ ހަމައެކަނި ގޮތަކީ މަޖިލީހަށް ހުށަހަޅާފައިވާ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އައްސަވާ، އެވޯޓް މަސީހު ކާމިޔާބު ކުރައްވައިފި ނަމަ އެކަނި ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ޖަލްސާތަކާއި އަދި މަޖިލީހުގެ ކަންކަން ހިންގަމުން ދަނީ މަޖިލީހުގެ ގަވާއިދާއި އުސޫލްތަކާއި ހިލާފަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް