ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 17:18
ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސިޓީ
ޓްވިޓަރ
ޓޫރިޒަމް މިނިސްޓްރީ
ރާއްޖޭގައި އެއާޕޯޓް އެޅުމަށް އިންޑިއާގެ ކުންފުންޏަކަށް ދައުވަތު ދީފި
މިހާރުގެ ސަރުކާރުގެ އިސްވެރިން ވަނީ އިންޑިއާގެ ޖީއެމްއާރަށް އެއަރޕޯރޓް ހިންގަން ދިނުމާ ދެކޮޅު ހަދާފައި

ބިޑަކާ ނުލައި ރާއްޖޭގައި ބައިނަލްއަޤްވާމީ އެއަރޕޯރޓެއް އެޅުމަށް އިންޑިއާގެ ހަތިޔާރުގެ ވިޔަފާރިކުރާ މީހެއްގެ ކުންފުންޏަކަށް ދިވެހި ސަރުކާރުން ދައުވަތު ދީފިއެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައިނަލްއަޤްވާމީ އެއަރޕޯރޓެއް އެޅުމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ސޮއެކުރައްވައި ދައުވަތު ދީފައި ވަނީ އޮލިއާލިއާ އިންޑިއާ ކިޔާ ކުންފުންޏަކަށެވެ. މިކުންފުންޏަކީ އިންޑިއާގައި ހަތިޔާރުގެ ވިޔަފާރިކުރާ އަބީޝެކް ވަރުމާގެ އަންހެނުން އަންކާ ވަރުމާގެ ކުންފުންޏެކެވެ. އުމުރުން 30 އަހަރުގެ އަންކާ ވަރުމާއަކީ ރޫމޭނިއާގެ ކުރީގެ ރީތީގެ ރާނީއެވެ. އަދި އަބީޝެކް ވަރުމާއަކީ ވިޔަފާރީގައި ސިއްރު މުއާމަލާތްތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އަދި ތަހުޤީޤް ކުރަމުންދިޔަ އޭނާގެ ވިޔަފާރީގެ މައްސަލައެއްގައި ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތު ނުދީ ފިލައިގެން އުޅުނު މައްސަލައިގައި ޖަލަށް ވެސް ލީ މީހެކެވެ.

ހަމައެއާ އެކު އިންޑިއާގެ ސަރުކާރުގެ ބްލެކްލިސްޓްގައިވާ ޖަރުމަންވިލާތުގެ ހަތިޔާރު ކުންފުންޏެއް އެލިސްޓުން އުނިކުރަން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައި ވެއެވެ. މިމައްސަލައިގައި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސްއިން ވަނީ އޭނާގެ އަންހެނުން، އަދި މިނިސްޓަރ ޒަމީރު ސިޓީ ފޮނުއްވި އަންކާ ވަރުމާގެ މައްޗަށް ވެސް ދައުވާކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން އަންކާ ވަރުމާއަށް އެޑްރެސްކޮށް އޮލިއާލިއާ އިންޑިއާއަށް ސިޓީ ފޮނުވި ނަމަވެސް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ގޮތުގައި ދިއްލީގައި ހުންނަ ރެޖިސްޓްރަރ އޮފް ކޮމްޕެނީސްގައި ރަޖިސްޓަރކޮށްފައި ވަނީ އަބީޝެކް ވަރުމާގެ އިތުރުން އާރޮން ސިދޫ ނަމަކަށް ކިޔާ މީހެކެވެ.

އަބީޝެކް ވަރުމާ އާއި އޭނާގެ އަންހެނުން އާ ވިޔަފާރިތަކާ ދިމާއަށް ދާން މިފެށީ ހަތިޔާރުގެ ވިޔަފާރި އާއި އެހެނިހެން ވިޔަފާރިތަކުގައި އަޑިނޭނގޭ ކަންތައްތައް ހިނގާ ކަމަށް ކުރެވޭ ތުހުމަތުތަކާއި، ކޮރަޕްޝަންގެ ތުހުމަތުތަކުގެ އިތުރުން އަބީޝެކް ވަރުމާގެ ޖަލު ހުކުމަށް ފަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުންފުންޏަށް ހުށަހަޅާފައި ވަނީ "ބިލްޑް، އޯން، ޓްރާންސްފަރ" މޮޑެލްގައި 50 އަހަރު ދުވަހުގެ މުއްދަތަށް އެއަރޕޯރޓެއް ހިންގުމަށެވެ. މި މޮޑެލްގެ ދަށުން އެކުންފުންޏަށް ޖެހޭނީ އެއަރޕޯރޓެއް އަޅައި، 50 އަހަރަށް ހިންގުމަށް ފަހު އެއަރޕޯރޓް ސަރުކާރަށް ހަވާލުކުރާށެވެ. 

އެތައް ކުށެއްގެ ތުހުމަތުކުރެވިފައިވާ އިންޑިއާ މީހެއްގެ ކުންފުންޏަކަށް ބިޑްކުރުމެއް ނެތި ރާއްޖޭގައި ބައިނަލްއަޤްވާމީ އެއަރޕޯރޓެއް އެޅުމަށް ދިވެހި ސަރުކާރުން ދައުވަތު ދިންއިރު، އެމްޑީޕީގެ ވެރިކަމުގައި ހުޅުވާލެވިފައިވާ ބައިނަލްއަޤްވާމީ ބިޑެއްގެ ތެރެއިން އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް އެއަރޕޯރޓް ހިންގަން ދިނުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނެވެ. ޖީއެމްއާރަކީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް