ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 16:57
މަޑަވެލީ ދައިރާގެ ކުރީގެ މެމްބަރު ނާޒިމް ޖަލްސާގައި ވާހަކަ ދައްކަވަނީ
މަޑަވެލީ ދައިރާގެ ކުރީގެ މެމްބަރު ނާޒިމް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޓްވިޓަރ
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ
ސިޔާސީ ޕާޓީތަކުގެ ވެރިން ކާޅަށް ކޮށާލާ ކާންދޭތަން ބަލަން ތިބެގެން ނުވާނެ: ކުރީގެ މެމްބަރު ނާޒިމް
ހައްގަކާ ނުލާ އެއްވެސް ރައްޔިތަކަށް އަނިޔާކުރާ ހިނދު އެކަންކަން ހުއްޓުވުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާއެއް
ރައީސް ޔާމީންއަކީ މިވަގުތު ރައްޔިތުންނަށް މުހިންމު މީހެއް ނޫން

ސިޔާސީ ޕާޓީތަކުގެ ވެރިން ކާޅަށް ކޮށާލާ ކާންދޭތަން ބަލަން ތިބެގެން ނުވާނެ ކަމަށް މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ހައްގަކާ ނުލާ އެއްވެސް ރައްޔިތަކަށް އަނިޔާ ކުރާ ހިނދު އެކަންކަން ހުއްޓުވުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ޙާއްސަކޮށް ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ގާނޫނުން ބޭރުން ޝަރީއަތްތަކުން ދެމުންދާ އަނިޔާތައް ހުއްޓުވުމަކީ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ މުހިންމު މަގްސަދަކީ، ސިޔާސީ ޕާޓިތަކުގެ ބޭނުމަކީ، ހައްގަކާ ނުލައި އެއްވެސް ރައްޔިތަކަށް އަނިޔާ ކުރާ ހިނދު އަދި ޙާއްސަކޮށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން އަދި ސިޔާސީ ޕާޓީތަކުގެ އިންތާހާބުކޮށްފައި ތިބޭ ވެރިން، އެބޭފުޅުންނަށް ގާނޫނާ ގާނޫން އަސާސީން ބޭރުން އަދި ހުދުމުހްތާރު ވެރިކަން ކުރަން އަންނަ ބަޔަކު އެބޭފުޅުން ހިތުހުރި ގޮތަކަށް އަދި ޝަރީއަތް މެދުވެރިކޮށް އަދި އެނޫން ވެސް އެހެން ގޮތްގޮތުން ނާޖާއިޒް ގޮތެއްގައި ކަންކަން ކުރަމުންދާ ހިނދެއްގައި، ސިޔާސީ ޕާޓީތަކުގެ ވާޖިބަކަށް ވާން ޖެހޭނީ އެބޭފުޅުން ސަލާމަތްކުރުން. އެބޭފުޅުން ޖަލުގެ ކުޑަ ގޮޅިތަކުގައި ތިއްބަވައިގެން ރައީސް ޔާމީނުގެ އަނިޔާވެރިކަމުގެ ތެރޭގައި ކާޅަށް ކޮށާލާ ކާންދޭތަން ބަލަން އަޅުގަނޑުމެން ތިބެގެން ނުވާނެ."
  
ހަމައެހެންމެ ފުލުހުންނަށް މިވަގުތު ގާނޫނީ ލަފާ ދެއްވަން ތިއްބެވި ބޭފުޅުންނަކީ އެބޭފުޅުންނަށް އިލްމީ ގޮތުންނާއި ފަންނީ ގޮތުން ތަމްރީން ލިބިލައްވާފައިނުވާ ބޭފުޅުން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި ފުލުހުންގެ ތެރޭގައި ގާނޫނީ ގޮތުން ކިޔަވައިގެން ތިއްބެވި ބޭފުޅުން މިވަގުތު ތިބީ ހައްގަށް ބަހެއް ބުނުމުގެ ސަބަބުން އެކަހެރި ކުރެވިފައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންނަށް މިވަގުތު މުހިންމު ވަނީ ގާނޫނު އަސާސީ ކަމަށާއި ރައީސް ޔާމީންއަކީ މިވަގުތު ރައްޔިތުންނަށް މުހިންމު މީހެއް ނޫން ކަން ފާހަގަކޮށް ނާޒިމް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ބާރުލިބިލެއްވީ ރައްޔިތުންގެ ފަރާތުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް