ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 13:59
ކުޅުދުއްފުށީ ހޮސްޕިޓަލް
ކުޅުދުއްފުށީ ހޮސްޕިޓަލް
ގޫގުލް
ހެލްތު މިނިސްޓްރީ
އެންއައިއައި އަށް ބަދަލުވާން ބޭނުންވާ މުވައްޒަފުން އެކަން އެންގުމަށް ހެލްތު މިނިސްޓްރީން އެދެފި
05 ނޮވެންބަރު 2017 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން ހދ. އަތޮޅު ހެލްތު ސަރވިސް ސެކްޝަންއަށް ހުށަހަޅަންޖެހޭ
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ލެވަލް އަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެން އައި އައި އާއި ވަނީ ހަވާލުކޮށްފައި

ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) އަށް ބަދަލުވާން ބޭނުންވާ މުވައްޒަފުންނާއި ބަދަލުވާން ބޭނުންނުވާ މުވައްޒަފުން އެކަން އަންގައިދޭ ލިޔުން ފުރިހަމަ ކުރެއްވުމަށް ފަހު އެންގުމަށް ހެލްތު މިނިސްޓްރީން އެދެފިއެވެ.

ހެލްތު މިނިސްޓްރީން އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޓާރޝަރީ ލެވަލް އަށް ޙިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެން އައި އައި އާއި 10 ޖުލައި 2017 ވަނަ ދުވަހުވަނީ ހަވާލު ކޮށްފައި ކަމަށެވެ. އެހެން ކަމުން އެކުންފުނީގެ ދަށަށް ބަދަލުވެގެންދާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުން ބަދަލުވެގެންދާނީ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ކަމަށްވުމުން މިހާރު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުން ނިންމާ ގޮތެއްގެ ލިޔުން 05 ނޮވެންބަރު 2017 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން ހދ. އަތޮޅު ހެލްތު ސަރވިސް ސެކްޝަންއަށް ހުށަހެޅުމަށް ބުނެފައިވެއެވެ.

އެކަމަށް ހުށަހަޅަން ޖެހޭ ލިޔުން މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގެ ކައުންޓަރުންނާއި ހދ. އަތޮޅު ހެލްތު ސަރވިސް ސެކްޝަނުން ލިބެންހުންނާނެ ކަމަށާއި މިގޮތުން ފޮނުވާ ލިޔުމުގެ ސިޓީއުރައިގެ ބޭރުގައި "އެން އައި އައި އަށް ބަދަލުވުމާއި ގުޅޭ" ލިޔެފައި އޮންނަންވާނެ ކަމަށް ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ. އެން އައި އައިއަށް ބަދަލުވާން ބޭނުންނުވުމުގެ ސަބަބުން ސިވިލް ސަރވިސްގެ ތެރޭން ވަޒީފާ ހަމަޖައްސައި ނުދެވިގެން ވަޒީފާއިން ދޫކޮށްލެވޭ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 224 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިނާޔަތްދެވޭނެ ކަމަށާއި މިމުއްދަތުގެ ތެރޭގައި ލިޔުމުން ހުށަނާޅުއްވާ މުވައްޒަފުން އެން އައި އައި ގެ މުވައްޒަފުންގެ ގޮތުގައި ހަމަޖެއްސޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

އަދި މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރައާއި އިނާޔަތްތަކަށް ވުރެ މަދުނުވާ ގޮތެއްގެ މަތިން މުސާރައާއި އިނާޔަތްތައް މުވައްޒަފުންނަށް ހަމަޖައްސަވައި ދެއްވާނޭ ކަމުގައި އެން އައި އައި އާއި ދިވެހި ސަރުކާރާއި މެދު ވަނީ އެއްބަސްވެވިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

 

ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) އަށް ބަދަލުވާ މުވައްޒަފުންނާއި ދެމެދުވެވޭ އެއްބަސްވުމާއި "ހިއުމަން ރިސޯސް ޕޮލިސީ" އާއި ބެހޭ މައުލޫމާތު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލިބިވަޑައިގަންނަވާނެކަމަށާއި އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންނަމަ 3014434/ 3014439/ 6527694 ނަންބަރ ފޯނަށް ރަސްމީގަޑިގައި ގުޅުމަށް އެދޭކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.  އަދި[email protected] / [email protected] މެދުވެރިކޮށްވެސް އިތުރު މަޢުލޫމާތު ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް