ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 14:23
މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ފަޒީން
މީޑިއާ ކައުންސިލް
ކޮމެޓީއަށް މީޑިއާ ކައުންސިލް ހާޒިރު ކުރުމާމެދު ޕީޕީއެމް މެމްބަރުންގެ މެދުގައި ދެބަސްވުން!
އެމްޑީއޭގެ މެމްބަރު އާމިރާއި ޕީޕީއެމްގެ ބައެއް މެމްބަރުން ބޭނުންވީ މީޑިއާ ކައުންސިލާ ބައްދަލުކުރަން
ރިޔާޒު ރަޝީދު ދެކޮޅު ހެއްދެވި
އިދިކޮޅު މެމްބަރުން ވަނީ ކޮމެޓީ ދޫކުރައްވާ ނިކުންނަވާފައި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް އެދުމުން އެކަމާ، މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންވާ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެދުގައި ދެބަސްވުންތައް އުފެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ މަސައްކަތްތަކަށް އެކަށީގެންވާ ގޮތަކަށް ބަޖެޓް އިތުރު ނުވާ މައްސަލައާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް މާލިއްޔަތު ކޮމެޓީއާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށްއެދި މީޑިއާ ކައުންސިލުން މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން ހޯމަ ދުވަހުގެ މާލިއްޔަތު ކޮމެޓީގައި މަޝްވަރާ ކުރައްވަމުން ސަރުކާރު ކޯލިޝަން އެމްޑީއޭގެ ނާއިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވީ މީޑިއާ ކައުންސިލްގެ ކަންބޮޑުވުންތައް އަޑުއަހާލުން ރަނގަޅު ކަމަށާއި މީޑީއާ ކައުންސިލަށް އެކަށީގެންވާ ގޮތެއްގައި ބަޖެޓް ނެތުމުން ދިމާވާ ދަތިތަކަކީ ކޮބައިތޯ ބެލުމަށް ކޮމެޓީން އެފުސަތު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

އާމިރުގެ އެވާހަކަތަކަށް ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ތާއީދު ކުރައްވާފަ އެވެ.

ނަމަވެސް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ މީޑިއާ ކައުންސިލުން ބެޖެޓްގެ ތާށިކަން ފާހަގަކުރި ނަމަވެސް  ދިމާވެފައިވާ ދަތިތަކާއި މައްސަލަތައް ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި މިއަހަރު ދެން ބަޖެޓް އިތުރު ނުކުރެވޭނެ ކަމަށާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމުން މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން މަޝްވަރާ ކުރިވިދާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ. 

މީގެއިތުރުން ރިޔާޒު ވިދާޅުވީ، މީޑިއާ ކައުންސިލް މަސައްކަތް ކުރުމަށް ދަތިތަކެއް ހުރުމުން، ނުވަތަ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މީޑިއާ ކައުންސިލުން ކުރަންހުރި ކަންކަން ކުރުމަށް ދަތިތަކެއް ހުރިނަމަ އެފަދަ ކަންކަން ބަލާނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ކަމަށެވެ. 

މީޑިއާ ކައުންސިލާ ބައްދަލު ކުރުމަށް ރިޔާޒު ދެކޮޅު ހެއްދެވުމުން، އެކޮމެޓީގައި އެވަގުތު ތިއްބެވި އިދިކޮޅު މެމްބަރުން ކަމަށްވާ  އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) އާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރު ފައިސަލް ނަސީމް ވަނީ ސަރުކާރުން ނުރުހޭ ކަމެއް ނަމަ މަޖިލީހުން ތެރެއިން އަދި ކޮމެޓީގެ ތެރެއިން ވެސް ކުރެވެން ނެތް ކަމަށެވެ.  އެ މެންބަރުން ވަނީ ކޮމެޓީ ދޫކުރައްވާ ނިކުންނަވާފަ އެވެ.  

ކޮމެޓީގައި މިމައްސަލައަށް ބަހުސް ކުރެއްވި ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންވެސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ދާދިއެއް މަސައްކަތެއް ކުރާ ދެ މުއައްސަސާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ މީޑިއާ ކައުންސިލް އުވާލުމަށް ފަހު މީޑިއާ ރެގިއުލެޓް ކުރުމަށް އެއް މުއައްސަސާ ބޭއްވުމަށް މެމްބަރުންގެ މެދުގައި މީގެކުރިން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. 

އިދިކޮޅު މެމްބަރުން ވިދާޅުވީ މީޑިއާ ކައުންސިލް ދެމިއޮތްހާ ދުވަހަކު އެމުއައްސަސާގެ ގާނޫނީ ޒިންމާ އަދާކުރުމަށް އެކަށީގެންވާ ބަޖެޓެއް ހަމަޖެއްސުމަކީ މަޖިލީހުންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 އޮކްޓޯބަރ 2017 | ހޯމަ 15:18
އަޑުފޮށި
މީޑިއާކައުންސިލާއި ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖީލީހުގެ މެމްބަރުންގެ ކިބައިގައި ނެތުމަކީ މިއަދު އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ ކަމެއް. އަދި ހަމައެހެންމެ މީޑިއާ ކައުންސިލުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން މަތިކޮށްފައިވާ އަބުރުގެ ޤާނޫނުގައި މަތިކޮށްފައިމަސައްކަތް ތަކަކީ 75000ރ. މެމްބަރަކަށް ދީގެންވެސް ނުކުރެވޭ ވަރުގެ މަސައްކަތެއް. އަޅުގަޑަކީ ޤާނޫނީ މީހަކަށް ވާތީ މިޤާނޫނު ވަރަށް ރަގަޅަށް ދިރާސާކޮށްފައި މިބުނަނީ. ވީމާ ތިޔަ ބޭފުޅުންނަށް ފާސްކުރައްވާ ޤާނޫނުތައް އެނގިވަޑައި ނުގަންނަވާނަމަ އެއަށް ޢަމަލުކުރަން ދަންނާނެ ބަޔަކުވެސް ނުތިބެނެކަން ކަށަވަރު. އަދި އެ ތަންފީޒު ކުރަން ދަންނާނެ ބަޔަކުވެސް ނުތިބޭނެކަން ކަށަވަރު. ވީމާ އަޅުގަނޑު ވަރަށް އަދަބުވެރިކަަމާއި އިޙްތިރާމާއި އެކީ މިދަންނަނަވަނީ ތިޔަ މުއައްސަސާ ތިއޮތީ ފެއިލް ވެފައޭ. މިކަމުގެ ސާބިތު ދިރިހުރި ހެކިތަކޭ މިފެންނަނީ. ވީމާ ފުރަތަމަ އުވާލަންވީ ތިޔަ މުއައްސަސާކަން ކަށަވަރު