ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 16:41
ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު
ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު
ފާތިމަތު ޝަނާ މުހައްމަދު
ދިރާގު
ރާއްޖެއަކީ "ކޭޝްލެސް" މުޖުތަމައުއަކަށް ހެދުން ވަރަށް މުހިއްމު: މުނައްވަރު
ރާއްޖޭގައި އޭޓިއެމްގެ ހިދުމަތް ދެވެނީ ގާތްގަނޑަކަށް 30 ޕަސެންޓަށް
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުންވެސް މޮބައިލް ޕޭގެ ހިދުމަތް ދަނީ ފުޅާކުރަމުން
ރާއްޖޭގެ އިގްތިސާދުގެ 10 ޕަސެންޓް ހިއްސާ ވަނީ ކޮމިއުނިކޭޝަން ދާއިރާ

މޯބައިލް ޕޭމެންޓްގެ ހިދުމަތާއި އެކު "ކޭޝަލެސް" މުޖުތަމައު އެއް ރާއްޖޭގައި ގާއިމް ކުރުމަށް ވަރަށް ބޮޑަށް ފަސޭހައެއް ވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

 

ދިރާގު ޕޭގެ ނަމުގައި ދިގާރުން ތައާރަފް ކުރި މޯބައިލް ޕޭ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްެދެއްވާ ވާހަކަދައްކަވަމުން އަހުމަދު މުންނަވަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ 10 ޕަސެންޓް ކޮމިއުނިކޭޝަންގެ ދާއިރާ ހިއްސާ ކުރާ އިރު، އެ ދާއިރާ އިތުރަށް ފުޅާވަމުންދާ ކަމަށެވެ.

 

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާ ކުރިއަރައިގެން ދަނީ ރަނގަޅު މިސްރާބަށްކަން ފާހަގަކުރައްވާ، މިނިސްޓަރ މުނައްވަރު ވިދާޅުވީ، މިފަދަ ހިދުމަތެއް ދިރާގުން ތައާރަފު ކުރުމުން، މޮބައިލް ޕޭމެންޓްގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި ދިރާގުން ގެންގުޅޭ، ރަގަޅު މާކެޓިންގ އާއި އެކު މި ހިދުމަތަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުން ކުރާނެ ފަދަ ހިދުމަތަކަށް ވެގެންދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް މުނައްވަރު ވިދާޅުވި އެވެ.

 

"ރާއްޖޭގެ މާލީ ދާއިރާއަށް ބަލާ އިރު ގާތްގަނޑަކަށް 10 ޕަސެންޓް ހިމެނޭނީ ދައުރުވާ ފައިސާ. ސްވިޑެން އަދި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގެ މަނީ ސަޕްލައިގެ ކޭޝް އަކި 3 ޕަސެންޓް. ރާއްޖެއިން އެއަށް ވުރެއް ވެސް ކުޑަ ކުރެވޭނެ ދައުރުވާ ފައިސާގައި ހިމެނޭ ނަގުދު ފައިސާ. ސަބަބަކީ ރާއްޖޭގައި އެކަން ކުރެވޭނެ ރަގަޅު ވަސީލަތްތައް ވަނީ ގާއިމް ކުރެވިފައި." މުނައްވަރު ވިދާޅުވި އެވެ.

 

މުނައްވަރު ވިދާޅުވީ، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުންވެސް، މޯބައިލް ޕޭމެންޓްގެ ހިދުމަތް ވަރަށް ފުޅާކޮށް ދެމުންދާ އިރު، ރާއްޖެ ފަދަ ކުދި ޖަސީރާ ރައްތަކަކަށް ބެހިފައިވާ ގައުމަކަށްމީ ވަރަށް މުހިއްމު ހިދުމަތެއް ކަމަށެވެ. މުނައްވަރު ވިދާޅުވީ، ރާއްޖޭގައި ކުދި އާބާދީތަކެއް އެކި ސަރަހައްދުތަކަށް ބެހިފައިވާ އިރު މިހާރުވެސް އޭޓީއެމްފަދަ ހިދުމަތްތައް ލިބެމުންދަނީ އާބާދީގެ 30 ޕަސެންޓަށް ކަމަށެވެ.

 

ބައެއް ރަށްރަށުގެ މީހުން މުސާރަ ހޯދުމަށްވެސް އިތުރު ފައިސާ ހޭދަކޮށްގެން، އެހެން ރަށަކަށް ގޮސް ނަގަންޖެހޭ އިރު، މޯބައިލް ޕޭގެ ސަބަބުން، ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން މިއީ ރާއްޖެއަށް ވަރަށް މުހިއްމު ހިދުމަތެއް ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް