ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 18:23
"ރިޕިލް ފެއަރ 2017" ފަށައިފި
"ރިޕިލް ފެއަރ 2017" ފަށައިފި
ސިމާހާ ނަސީމް
ރިޕިލް ފެއަރ
"ރިޕިލް ފެއަރ 2017" ފަށައިފި
ފެއަރ އަށް ވަނުމުގެ ޓިކެޓްގެ ފީ އަކީ 10 ރުފިޔާ
ފެއަރ ހުކުރު ދުވަހުގެ ހަވީރު ފަށާފައިވާއިރު ފެއަރ ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 10 އަކާއި ހަމައަށް

ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލްގެ ޕީޓީއޭގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ "ރިޕިލް ފެއަރ" މިއަދު އެ ސުކޫލްގައި ފަށައިފިއެވެ.

ފެއަރ ހުޅުއްވައިދެއްވީ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު ޝަހީރު އެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލްގެ ޕީޓީއޭގެ ވައިސް ޗެއާރޕަސަން މުހައްމަދު ފާހިރް ވިދާޅުވީ މި ކަހަލަ ފެއަރއެއް ސުކޫލްގެ ޕީޓީއޭގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވުމުގެ މަޤްސަދަކީ ސުކޫލްގެ އެކި ކަންތައްތައް ކުރުމަށް ފައިސާ ހޯދުމުގެ ގޮތުން ކަމަށެވެ.

ފާރިހް ވިދާޅުވީ މުޅި ފެއަރގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް ގޭސް ކަމަށެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ޕަސްކުއާލް އާއި ދިރާގު ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ފެއަރގައި ބެލެންވެރިންގެ ފަރާތުން ތަފާތު ސްޓޯލްތައް ބަހައްޓާފައިވާއިރު ކުދި ވިޔަފާރީ ތަކުންވެސް ވަނީ އެމީހުންގެ ސްޓޯލްތައް ބަހައްޓާފައެވެ. އެގޮތުން ކްލިކް ކޮމްޕިއުޓާޒް އާއި ސޯސަން ފިހާރައިންވެސް އެމީހުންގެ ސްޓޯލް ވަނީ ބަހައްޓާފައެވެ.

މި ފެއަރގައި ހުރި ބައެއް ސްޓޯލްތަކުން ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތަކަށް ބަލާއިރު ހީނާފަތް އެޅުމާއި، ސޯކަރ ކުޅުމާއި، ޓްރެމްޕޯލައިންގައި ފުންމުމާއި، ހޯގްވާޓްސްގެ މޭޒް ބަލާލުން ހިމެނެއެވެ.

މީގެ އިތުރުން ފެއަރގައި ވަނީ ވާހަކަ ފޮތްތަކާއި ހެދުންތަކާއި ގަހަނާތަކުގެ ސްޓޯލްތައް ބަހައްޓާފައެވެ. އަދި މި ފެއަރގައި ވަނީ ސުކޫލްގެ ބެލެނިވެރިންގެ ފަރާތުން ކާ އެއްޗެހި ތައްޔާރުކޮށްގެން ކެންޓީންގައި ވިއްކާފައެވެ. އެގޮތުން ހެދިކާގެ ތަފާތު ބާވަތްތަކާއި ޕާނީފޫރީ، ކަފަ ލޮލީ، ޕޮޕްކޯން ވަނީ ވިއްކާފައެވެ.

ފެއަރގައި ފާހަގަކޮށްލެވުމުނު ޙާއްސަ ކަމަކީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާ ރެޕްލިން ހަރަކާތެވެ.

ފެއަރ ހުކުރު ދުވަހުގެ ހަވީރު ފަށާފައިވާއިރު ފެއަރ ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 10 އަކާއި ހަމައަށެވެ.

ފެއަރ އަށް ވަނުމުގެ ޓިކެޓްގެ ފީ އަކީ 10 ރުފިޔާއެވެ. އަދި ސްޓޯލްތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ކޫޕަންތައް ވައްކަނީ ތަފާތު ސްޓޯލްތަކަށް ތަފާތު އަގު ތަކުގައެވެ. އެގޮތުން 5 ރުފިޔާ 10 ރުފިޔާ އާއި ދެމެދު އަގުތަކެއްގައި ކޫޕަންތައް ވަނީ ވިއްކާފައެވެ.

މިރޭ ފެއަރގައި މަޝްހޫރު ލަވަކިޔުންތެރިންގެ ލައިވް ޝޯއެއް ކުރިއަށްދޭނެ ކަމަށް ފާރިހް ވިދާޅުވިއެވެ.

މީގެ ކުރިންވެސް މި ފެއަރ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ވަނީ ވަރަށް ގިނަ ބަޔެއްގެ ތަރުޙީބު ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް