ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 19:16
ޕެރެޑައިސް ރިސޯޓްގައި ބޭއްވި ދެވަނަ ގެސްޓްހައުސް ކޮންފްރެންސް
ޕެރެޑައިސް ރިސޯޓްގައި ބޭއްވި ދެވަނަ ގެސްޓްހައުސް ކޮންފްރެންސް
ފާތިމަތު ޝަނާ މުހައްމަދު
ގެސްޓްހައުސް ކޮންފްރެންސް
ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި
މި ކޮންފްރެންސްގައި 175 ގެސްޓްހައުސް ބައިވެރިވެފައިވޭ
ކޮންފްރެންސް ނިންމާލާފައިވަނީ ހަވީރު 05:00 ގައި
ކޮންފްރެންސްގައި ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވޭ

މޯލްޑިވްސް ގެޓަވޭސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި އެވެ.

މި ކޮންފްރެންސްއާ ގުޅޭ ގޮތުން މޯލްޑިވްސް ގެޓަވޭސްގެ އެސިސްޓެންޓް މެނޭޖަރ  ފްރާތު މުހައްމަދު ވިދާޅުވީ، މިފަހަރުގެ ގެސްޓްހައުސް ކޮންފްރެންސްގައި 175 ގެސްޓްހައުސްގެ އިސްވެރިން ބައިވެރިވާ ކަމަށެވެ. އޭގެ އިތުރަށް 20 އިންޓަރނޭޝަނަލް، ބަޖެޓް އޮޕަރޭޓަރުން ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްރާތު ވިދާޅުވީ، މީގެ ތިން އަހަރު ކުރިން ގެސްޓްހައުސް މޯލްޑިވްސް ވުޖޫދަށް އައިފަހުން ގެސްޓްހައުސްތަކަށް ވިޔަފާރީގައި ފަހި މާހައުލުތަކެއް ގާއިމް ކުރުމާއި ވިޔާފާރި އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި މި ކޮންފްރެންސްގެ ތެރެއިން ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކާ، އެހެން ބަޖެޓް ޓޫރިޒަމް އޮޕަރޭޓްކުރާ ފަރާތްތަކާ އިތުރަށް ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ސަފްލަޔަރުންނާއި އޭޖެންޓުންނާ އެއްތަނަކަށް އެއްކޮށް، އެ މީހުންނަށް ހުރި އިތުރު ފުރުސަތުތަކަކީ ކޮބައިތޯ ބެލުމަށް،" ފްރާތު ވިދާޅުވި އެވެ.

ގެސްޓް ހައުސްތަަކަށް މިވަގުތު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ބެޑް ކެޕޭސިޓީ އިތުރުވެގެންދާ ވަރަށް އެ ގެސްޓްހައުސްއަކަށް އޮންނަ ޑިމާންޑް އިތުރު ކުރުމަށް ހުރި ދަތިތައް ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަަލަތައް ހައްލު ކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ފެއާރތަކަށް ގޮސް ގެސްޓްހައުސްތައް ޕްރޮމޯޓް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ގެސްޓްހައުސް ވިޔަފާރި ކުރިއަރައިގެން ދިއުން އެއީ ގެސްޓްހައުސް މޯލްޑިވްސްގެ އެންމެ ބޮޑު ޓާގެޓް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގެސްޓްހައުސް ވިޔަފާރިއަކީ ރަގަޅަށް ކުރިއަރުވައިފި ނަމަ ރިސޯޓްތަކާއި ވާދަކޮށްލެވޭނެ ވަރުގެ ވިޔަފާރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ހެނދުނު 09:30 ހާއިރު ފެށި ގެސްޓް ހައުސް ކޮންފްރެންސް ނިންމާލާފައި ވަނީ ހަވީރު 05:00 ގަ އެވެ.

މި ކޮންފްރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިރާއްޖެއިން ވަރަށް ބޮޑު ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ އިރު ގެސްޓްހައުސް ވިޔަވާރިއަކީ  ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް އެޅޭ އިތުރު ބޮޅެއް ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ އިރު ތިމާވެށީގެ ކެމްޕެއިންތަކަށް ވެސް ރަށްރަށުގައި ހިންގަން އިސްކަން ދެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ރާއްޖޭގައި އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިވެ އާންމު ދިރިއުޅުން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ވެސް މޫދުތަކުގައި މުރަކަތައް މަރުވަމުންދާތަން އަޅުގަނޑުމެންނަށް ދަނީ ފެންނަމުން. މިކަންކަން ހައްލު ކުރުމަށް ރަށްރަށުގައި ވެސް ތިމާވެށީގެ ކެމްޕެއިންތައް ހިންގަންޖެހޭ،" ޝޯކޯ ނޯޑާ ވިދާޅުވި އެވެ.

 

- ކޮމެންޓް