ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 19:07
މިޔަންމާގެ ސަރުކާރުން ހިންގާ އުދުވާނުގައި އެތައް ސަތޭކަ ކުށެއް ނެތް މުސްލިމުން ވަނީ މަރާލާފަ
މިޔަންމާގެ ސަރުކާރުން ހިންގާ އުދުވާނުގައި އެތައް ސަތޭކަ ކުށެއް ނެތް މުސްލިމުން ވަނީ މަރާލާފަ
ހިއުމަން ރައިޓްސް ވޮޗް
ރޮހިންޖާ މުސްލިމުން
ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟
އިސްލާމީ އުންމަތުގެ ވެރިންނަށް ރޮހިންޖާގެ އަޑު އިވޭ ހެއްޔެވެ؟
މުޅި އިސްލާމީ އުންމަތް ވޭން އަޅާއިރު ވެރިން ކޮބައިތޯ އެވެ؟
މި އަޑު އަހާނެ ކަންފަތެއް، މި ކެކުޅުން ދެކޭނެ ލޮލެއް ނެތީތަ؟

އަހަރެންނާއި ތިބާ އަށް ފިނި ކޮޓަރީގައި، އަރާމު ދާންތަކުގައި ނިދުމުގެ ފުރުސަތު މިވަނީ ލިބިފަ އެވެ. މުޅި މަހު ތެޅިގެން ހޯދާ އާމްދަނީ އިން ވިޔަސް ކުލި ދައްކާލައިގެން ދިރި އެބެ އުޅެވެ އެވެ. މި ތިބެނީ ހަމައަށް ތިން އިރު ކާލައިގެންނެވެ. އަނބިދަރިންގެ ގާތުގަ އެވެ. އަމިއްލަ ވަޒަނުގަ އެވެ. ނަމަވެސް، އެއީ ހަމަ އަހަރެމެން ފަދަ އިންސާނުންނެވެ. އެމީހުންގެ ހިތުގައި ވެސް ވޭން އަޅާނެ އެވެ. ހިތްދަތިކަން އިހުސާސް ކުރެވޭނެ އެވެ. ލޮލުން ކަރުނަ އޮހޮރޭނެ އެވެ. އެމީހުން ވެސް އުފާވެރިކަމާއެކު އަނބިދަރިން ގާތު އުޅެން ބޭނުންވާނެ އެވެ. ހަމައަށް ތިން އިރު ކާލައިގެން އަމިއްލަ ވަޒަނުގައި ދިރުއުޅެން ބޭނުންވާނެ އެވެ. ނަމަވެސް، ވަކި ނަސްލެއްގެ ބަޔަކަށްވާތީ ރޮހިންޖާ މުސްލިމުންގެ ކިބައިން މި ހައްގުތައް މިވަނީ ނިގުޅައިގަނެވިފަ އެވެ.

މިޔަންމާގެ ރަޚައިން ސްޓޭޓްގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚްތުންގެ ކިބައިން ނިގުޅައިގަނެވިފައިވަނީ ހަމައެކަނި އެންމެ ހައްގެއް ދެ ހައްގެއް ނޫނެވެ. އެންމެ މުހިންމު ހައްގު ކަމަށްވާ ދިރިހުރުމުގެ ހައްގު ނިގުޅައިގަނެވިފަ އެވެ. އަމިއްލަ ވަޒަނުގައި އުޅުމުގެ ހައްގު ނިގުޅައިގަނެވިފަ އެވެ. ފުރާނަ ސަލާމަތް ކުރުމަށް ކަރުތާ ފެނުގައި އަތް މައްޗަށް ކުޑަދަރި ހިއްލާލައިގެން ދާންޖެހިފަ އެވެ. ލާއިންސާނީ އަނިޔާތައް ލިބެނީ އެވެ. ގެތައް އަންދާ އަޅިއަށް ހަދާލަނީ އެވެ. އުމުރު ދުވަހުގެ މަސައްކަތުން ދިރިއުޅުން އާރާސްތު ކުރުމަށް ކޮށްފައި ހުރި ހުރިހާ މަސައްކަތެއް ލޯ ކުރިމަތީގައި ސުންނާފަތި ކޮށްލަނީ އެވެ. މިވަރުން ނިމުނީއެއް ނޫނެވެ. ނަފްސު ސަލާމަތް ކުރުމުގެ ހައްގެއް ނެތެވެ. ލޯ ކުރިމަތީގައި އަނބިދަރިން މަރާއިރު ބައްޕަ ހުންނަން ޖެހިފައިވަނީ އަތެއް ވެސް ހިއްލާނުލެވި އެވެ. މިފަދަ ހާލަތެއްގައި ބަފައެއްގެ ހިތުގައި އަޅާނެ ވޭން ތަސައްވަރު ވެސް ކޮށްލެވޭތޯ އެވެ؟ ފިރިމީހާ އާއި ދަރިންގެ ލޯކޮނެ، އަތްފައި ބުރިކުރާއިރު، މަންމަ ހުންނަން ޖެހެނީ ގިސްލާ ރޯށެވެ. މި ހާލަތުގައި މައި މީހާގެ ހިތުގައި އަޅާނެ ވޭން، ކުރެވޭނެ ހިތްދަތި އިހުސާސް ތަސައްވަރު ވެސް ކޮށްލެވޭތޯ އެވެ؟

ކުޑައެއް ބޮޑެއް ބެލުމެއް ނެތި ރޮހިންޖާ ނަސްލު ކަތިލަމުންދާއިރު، އެ ނިކަމެތި މުސްލިމުން ކުރަމުންދަނީ ހަމަ އެންމެ ސުވާލެކެވެ. އަހަރެމެންގެ އުންމަތް ކޮބާ؟ އަހަރެމެންގެ އުންމަތް ކޮބާ؟ އަހަރެމެންގެ އުންމަތް ކޮބާ؟ މަދަދަށް އެދި ގޮވަމުންދަނީ އުންމަތަށެވެ. ޔާ އުންމަތީ، ޔާ އުންމަތީ، ޔާ އުންމަތީ.. އަހަރެމެން ސަލާމަތް ކުރާށެވެ. މި ވޭނާއި ހިތާމައިން މިންޖު ކުރާށެވެ. އަހަރެމެންގެ އަނބިދަރިންގެ އިއްފަތް ސަލާމަތް ކޮށްދޭށެވެ. އަހަރެމެންގެ ދަރިން މި އަނިޔާއިން މިންޖު ކޮށްދޭށެވެ. އަހަރެމެންނަކީ އެއް އުންމަތެކެވެ. މުހައްމަދުގެފާނުގެ މިއްލަތެވެ. ބަލަހައްޓައިގެން ތި ތިބެނީ ކީއްވެ ހެއްޔެވެ؟ އަންނާށެވެ. މަދަދުވެރިވާށެވެ. މި އަޑު އަހާނެ ކަންފަތެއް، މި ކެކުޅުން ބަލާލާނެ ލޮލެއް ހަމަ ނެތީ ހެއްޔެވެ؟

އިސްލާމީ އުންމަތުގެ ވެރިން ކޮބައިތޯ އެވެ. ރަނުން ފެން ވަރައިގެން، ޗުއްޓީތަކަށް ބިލިއަނުން ޚަރަދުކުރާ ވެރިން ކޮބައިތޯ އެވެ. ދެ ހަރަމުގެ ބެލެނެވެރިން ކޮބައިތޯ އެވެ. ދުނިޔޭގެ އިރުން ދެކުނަށް އިސްލާމީ އުންމަތް ވޭން އަޅަނީ އެވެ. ރޮހިންޖާ އިން ފެށިގެން ފަލަސްތީނުގެ ބިމާ ހަމައަށެވެ. ޔަމަނާއި ސީރިއާއާއި އިރާގުގައި މުސްލިމުން ވޭން އަޅަނީ އެވެ. ނުހަނު ބޮޑެތި އަނިޔާއަށް ހުށަހެޅިފަ އެވެ. މި ހާލުގައި މުސްލިމުން އެކި ކަންކޮޅުތަކުގައި އުޅޭ އިރު އުންމަތް ކޮބައިތޯ އެވެ؟ ޔާ އުންމަތީ، ޔާ އުންމަތީ، ޔާ އުންމަތީ.. އަހަރެމެންގެ އުންމަތް ވެއްޓިފައިމިވާ ހާލަތާ މެދު ވިސްނާލަ ބައްލަވާށެވެ.

ކީރިތި ރަސޫލާ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "މުއުމިނުން އެކަކު އަނެކަކަށް، އަދި އެއްބަޔަކު އަނެއްބަޔަކަށް ލޯބިވެ، ރަޙުމްކޮށް، އޯގާތެރިވުމުގައި، އެއުރެންގެ މިސާލީ އެއްހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުން ގުނަވަނެއްގައި ވޭންއަޅަންފަށައިފިނަމަ، މުޅި ހަށިގަނޑު ހޭލާހުރުމުންނާއި، ހުންއައުމުން، އެގުނަވަނާއި އެއްބައިވަންތަކަން ޤާއިމްކުރެ އެވެ."

މިއީ އަޞްޙާބުބޭކަލުންގެ މެދުގައި ޤާއިމުވެ އޮތް ގުޅުމެކެވެ. އަޅައިލުމާއި، ރަޙުމާއި، ހަމްދަރުދީ އޮތެވެ. އެހެންކަމުން ލޯތްބާއި ރަޙުމާއި ކުލުނާއި އެކުވެރިކަމަކީ، މުޖުތަމަޢުގެ އެންމެހައި އަފުރާދުންގެ މެދުގައި ގުޅުން ބަދަހިކޮށްދޭ އެންމެ މުހިންމު އަސާސް ކަމުގައި ވެގެންދިޔަ އެވެ. މިއީ ކީރިތި ރަސޫލާގެ އަޞްޙާބުން ދައްކަވައިފައިވާ ނަމޫނާއެވެ.އިސްލާމީ އުންމަތަށް ދޫކުރެއްވި ފިލާވަޅުތަކެވެ. މިގޮތުން ހިނގައިދިޔަ އެއް ހާދިސާއެއް ދަންނަވާލާނަމެވެ.

ޔަރުމޫކު ހަނގުރާމައިގެ ދުވަހު އަޞްޙާބު ބޭކަލުން ޒަޚަމުވެ، މަރާ ހަނގުރާމަ ކުރައްވަމުން ގެންދެވި ހިނދު ވެސް ކޮންމެ ބޭކަލަކު ވެސް އިސްކަން ދެއްވީ އަނެއް ބޭކަލެއްގެ މަޞްލަޙަތަށެވެ. އެބޭކަލެއްގެެ ފުރާނަ ސަލާމަތް ކުރެއްވުމަށެވެ. ޔަރުމޫކު ހަނގުރާމަ ނިމުމުން ހަނގުރާމައިގެ މައިދާނުގައި ޒަޚަމުވެ ވަޑައިގެން ތިއްބެވި ޞަޙާބީންނަށް ފެންފޮދު އެރުވުމަށް އުޅުއްވި ބޭކަލަކު، ޢިކުރިމާ ބިން އަބީޖަހުލު ރަޟިޔަﷲ ޢަންހަށް ފެން ފޮދު އަރުވަން އުޅުއްވިއެވެ. އެހިނދު ސުހައިލް ބިން ޢަމްރޫ ރަޟިޔަﷲ ޢަންހު ފެން ފޮދަކަށް ކުކުރެއްވި އަޑު އިވިވަޑައިގަތުމުން، ޢިކުރިމާ ބިން އަބީޖަހުލު އިޝާރާތް ކުރެއްވީ ކިހިނަކުން ތޯއެވެ. ފުރަތަމަ ސުހައިލް ބިން ޢަމްރޫ އަށް ފެން ދެއްވުމަށް އިޝާރާތް ކުރެއްވިއެވެ. އަދި ސުހައިލު ވެސް ފެންފޮދު ހިންޕަވަން އުޅުއްވަނިކޮށް، އަލްޙާރިޘް ބިން ހިޝާމް ރަޟިޔަﷲ ޢަންހު ފެނަށް އެދިލެއްވި އަޑަށް އަލްޙާރިޡްއަށް ފުރަތަމަ ފެންފޮދު އެރުވުމަށް އިޝާރާތް ކުރެއްވިއެވެ. ނަމަވެސް ފެން ދެއްވަން އުޅުއްވި ޞަޙާބީ އަލްޙާރިޘުގެ ގާތަށް ވަޑައިގެންނެވުނު އިރު އެކަލޭގެފާނު ވަނީ އަވަހާރަވެފައެވެ. އަދި އެނބުރި ސުހައިލް އާއި ޢިކުރިމާގެ އަރިހަށް ވަޑައިގެންނެވުނު އިރު އެދެބޭަކަލުން ވެސް ތިއްބެވީ އަވަހާރަވެފައެވެ.

އަހަރެމެންނަށް މި އުޅެވޭ ގޮތާ މެދު ވިސްނާލަ ބަލާށެވެ. އަހަރެމެން ދީނާ ދުރުވެ، ދުނިޔެ ހޯދަން އުޅުމުން ވެއްޓިފައިމިވާ އަނދަވަޅާ މެދު ވިސްނާލަބަލާށެވެ. މުސްކުޅިން ބުނެ އުޅޭ ފަދައިން، ދުނިޔެ ތަރުތީބު ވެގެން، ދުވަސްތައް ކުރަހަމުން އަންނައިރު ހާދަހާ ގިނަ އިބްރަތްތަކެއް ލިއްބައިދެ އެވެ. މުޅި އުންމަތް ވެއްޓިފައި މިވާ ހާލަތުން އަރައިގަންނަން އަހަރެމެން އެއްބަޔަކު އަނެއް ބަޔަކަށް އެހީވާން އެބަޖެހެ އެވެ. ކިތަންމެ ދުރު ހިސާބެއްގައި އުޅޭ މުސްލިމެއްގެ ހަށިގަނޑުގައި އަޅާ ވޭނަކީ ހަމަ އަހަރެމެންގެ ހަށިގަނޑުގައި އަޅާ ވޭނެއް ކަމަށް ދެކެންޖެހެ އެވެ. އަހަރެމެން އެންމެންނަކީ އެއް ހަށިގަނޑެކެވެ. އެއް އުންމަތެކެވެ. 

- ކޮމެންޓް
10 ސެޕްޓެންބަރ 2017 | އާދީއްތަ 22:05
ޖުލައިގެ
ޖުލައިގެ ނިޔަލަށް އާމްދަނީ 12.8 ބިލިއަން،! މީގެން ބައެއް ރޮހިންޖާއަށް ދިނަސް ފަރުވާލެއް ނެތް، އަހަރުމެންނަށް ނުފެންނަ ފައިސާއިންވެސް ރޮހިންޖާއަށް ފައިދާކޮށްފާނެ!