ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޚިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު، މުހައްމަދު ނިޔާޒް ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔަރ ކުރައްވައިފި އެވެ.
ދިވެހި ޝަރުއީ ދާއިރާއަށް 23 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ނިޔާޒް މަގާމުން ރިޓަޔާ ކުރެއްވީ ސިއްހީ ސަބަބުތަކަކަށްޓަކައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ މަހު ފަނޑިޔާރު ނިޔާޒުގެ ރިޓަޔާމަންޓް ބަލައިގެންފައި ވާއިރު، ކޮމިޝަނުން ނިންމި ގޮތަށް އަންގާރަ ދުވަހުން ފެށިގެން ނިޔާޒު ވަނީ ޝަފަރުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔާކުރައްވައިފަ އެވެ.
ފަނޑިޔާރު ނިޔާޒް ހައިކޯޓާ ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. އެއަށްފަހު ހައިކޯޓުގައި ހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރެއްވި އެވެ. މީގެ އިތުރުން ނިޔާޒް ވަނީ 2002 ވަނަ އަހަރުން ފެށިގެން ހދ. ވައިކަރަދޫ އާއި ހދ. ކުޅުދުއްފުށީގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޚިދުމަތް ކުރައްވާފަ އެވެ. އަދި ހދ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން ވެސް ނިޔާޒު ކުރައްވާފައިވެ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނިޔާޒް އައްޔަނުކުރެވުނީ 2022 ވަނަ އަހަރުގަ އެވެ. ނިޔާޒް ވަނީ (ޖޭއެސްސީ) ގެ ނައިބު ރައީސްކަަން ވެސް ކުރަށްވާފަ އެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ނިޔާޒު މަގާމުން ރިޓަޔާވުމަށް ހުށަހެޅުއްވި އިރު، އޭނާއާ ގުޅޭ ފަސް ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން ދިޔައީ ބަލަމުންނެވެ. ނަމަވެސް އޭނާގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ނިޔާޒް ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލްކުރެއްވީ މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. އަދި އިނގިރޭސިވިލާތާއި އެމެރިކާ އިން ވެސް ނިޔާޒް ވަނީ ޤާނޫނީ ދާއިރާ ގެ ތަޖުރިބާ ހޯއްދަވާފަ އެވެ.