Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 18:51
ބޭންކް އޮފް މޯލްޑިވްސްއިން މާސްޓަރކާޑް ބިޒްނަސް ޕްރީޕެއިޑް ކާޑު ތައާރަފްކުރުން
ބޭންކް އޮފް މޯލްޑިވްސްއިން މާސްޓަރކާޑް ބިޒްނަސް ޕްރީޕެއިޑް ކާޑު ތައާރަފްކުރުން
ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް
މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓް އާއި ހޮޓެލް ބުކިންގ އަށާއި ޞިއްހީ ފަރުވާ އަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ލިމިޓް ކަނޑައަޅާފައިވެ އެވެ.

ބޭންކް އޮފް މޯލްޑިވްސް ކަސްޓަމަރުންގެ ފަސޭހަ އަށް ގެނެސްފައިވާ ކާޑުލިމިޓްގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީީ 11 ނޮވެމްބަރ 2025 އިން ފެށިގެން ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓްކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރުކޮށް، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓްއާއި ހޮޓެލް ބުކިންގ އަށާއި ޞިއްހީ ފަރުވާ އަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ލިމިޓް ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް މި ލިމިޓްތައް ނަހަމަ ގޮތުގައި ބޭނުން ކުރާކަން ބޭންކަށް ވަނީ ފާހަގަކުރެވިފައި ކަމަށާއި މިގޮތުން ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަންގަވާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ދިނުމާއި އެގޭ ތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރު ފައިސާ ހޯދުމަށްޓަކައި ވަކި މާރޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުޢާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންގ އަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުން ވެސް ހިމެނޭ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިގޮތަށް ތިންވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުން ކުރުމަކީ ކާޑުގެ ވެރި ފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެއް ކަމަށާއި މީގެ އިތުރުން ޕަރސަނަލް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރި ފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

އެހެންކަމުން މިފަދަ މުޢާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުޢާމަލާތްތަކަށްވާތީވެ، ކުރިޔަށް އޮތްތާނގައި މިފަދަ މުޢާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅަމުންގެންދާނެ ބީއެމްއެލް އިން ބުންޏެވެ.

އަދި މިގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާރޗެންޓްތަކުގައި މުޢާމަލާތް ނުކުރެވޭ ގޮތް ހެދުން ފަދަ ފިޔަވަޅުތައް ބޭންކުން އަޅަން ޖެހިދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ބޭރު ފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރައްވާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީ އެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށާއި އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ދެވޭނީ، ނަހަމަގޮތުގައި ކާޑު ބޭނުން ކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

އެހެންކަމުން ކާޑުގެ ވެރި ފަރާތުގެ އެކައުންޓްގެ ރައްކާތެރި ކަމަށާއި، ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރު ކުރުމަށާއި، ބޭންކުން ދީފައިވާ މިފަދަ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެންގެވުމަށް ނުދެއްވުމަށް މި ބޭންކުން އިލްތިމާސް ކުރެ އެވެ.

މަސްދަރު: ބީއެމްއެލް
- ކޮމެންޓް