Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 13:53
ބ.ތުޅާދޫގެ 100 ހައުސިން ޔުނިޓްތައް
ބ.ތުޅާދޫގެ 100 ހައުސިން ޔުނިޓްތައް
އަމްނާ އިމާދު
ބ.ތުޅާދޫ
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް
ހައުސިން މިނިސްޓްރީން މަސައްކަތް ކުރަނީ ހުދުމުހުތާރު ކަންމަތީގައި ހައުސިން ޔުނިޓްތައް ބަހާލުމަށް
އައު އުސޫލެއްގެ ތެރެއިން މިކަން ކުރާނަމަ ގިނަ ބަޔަކު ކޯޓަށް ދާނެ
ކުރީ ސަރުކާރުން އިމާރާތް ކުރި 100 ހައުސިންގ ޔުނިޓް ދޫނުކުރެވި، އެ ޔުނިޓް ތައް މިހާރު ވަނީ ހަލާކުވާން ފަށާފައި

ބ.ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރުމަށް ހައުސިން މިނިސްޓްރީން ބޭނުން ވަނީ އައު އުސޫލަކާއެކު، އައު ފެށުމަކުން މުޅި އެ މަސައްކަތް ފަށަން ކަމަށް ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިމަނިކު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިމަނިކު ވަނީ ވަރަށް ބޮޑަށް މިސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ކައުންސިލުން ކުރާ މަސައްކަތްތަކަށް އެއްވެސް ބެލުމެއް ނެތި މިސަރުކާރުން ހުދުމުހުތާރުކަން މަތީގައި މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލިމަނިކު ވިދާޅުވީ ހައުސިން ޔުނިޓްތައް އަވަހަށް ދޫކޮށްލަން ބޭނުންވާ ކަމަށާއި، ކޯޓުގައި އޮތް މައްސަލަ ނިމުމާއެކު އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް މިހާރު ހައުސިން މިނިސްޓްރީން ބޭނުންވަނީ ހުރިހާ އުސޫލެއް ބާތިލް ކުރުމަށްފަހު އަލުން ހައުސިން ޔުނިޓްތައް ދޫކުރުމުގެ މަސައްކަތްތައް އައު އުސޫލެއްގެ ދަށުން ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިގޮތަށް އަމަލު ކުރުމުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، އެތައް ބަޔަކު މި ބޯހިޔާވަހިކަމުން މަހުރޫމްވާ ކަމަށާއި، މާ ގިނަ ބަޔަކު މި މައްސަލައާ ގުޅިގެން ކޯޓަށް ދާނެ ކަމަށެވެ.

މީގެ އިތުރުން އަލިމަނިކު ވިދާޅުވީ ހައުސިން ޔުނިޓްތައް ދޫނުކޮށް އެތައް އަހަރެއް ވެފައިވާއިރު، މިހާރު ވެސް ހާލަތު ވަރަށް ބޮޑަށް ބަދަލު ވެފައިވާ ކަމަށެވެ.

އަލިމަނިކު ވިދާޅުވީ ހައުސިން މިނިސްޓްރީން މަސައްކަތް ކުރަނީ ހުދުމުހުތާރު ކަންމަތީގައި ހައުސިން ޔުނިޓްތައް ބަހާލުމަށް ކަމަށާއި، ކައުންސިލްގެ މަސައްކަތަށް ބެލުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މިއަދު ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމެއްނެތި ބާރުގެ ބޭނުން ކޮށްގެން ބޭނުން ގޮތެއް ހެދި ނަމަވެސް އަބަދު އެ ބާރުވެރިކަން ނޯންނާނެ ކަމަށެވެ.

ތުޅާދޫގައި ވޭތުވެދިޔަ ސަރުކާރުން އިމާރާތް ކުރި 100 ހައުސިން ޔުނިޓް މި ރައްޔިތުންނަށް ހައްގުވެރިންނަށް ދިނުމަށްޓަކައި ފުރަތަމަ ފަހަރަށް އިއުލާން ކުރެވި އަދި ފަހުން ގެނެވުނު އިސްލާހުތަކާ އެއްކޮށް ދެވަނަ ފަހަރަށް އިއުލާން ކުރެވި ދެން އޭގެފަހުގައި ކޯޓު މަރުހަލާތަކެއްގެ ތެރެއިން ކޯޓުން އަޅުގަނޑުމެންގެ މައްޗަށް ހުކުމް ކުރީ އެންމެ ފުރަތަމަ އޮތް އުސޫލުގެ މައްޗަށް ދާށޭ. އަލުން އިވެލުއޭޝަންއަކަށް ގޮސްފައި މިކަން ކުރާށޭ. މިހިސާބަށް ދިޔައިރު ދެ ފަހަރެއްގެ މަތީން ހައުސިން ޔުނިޓްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހައުސިން މިނިސްޓްރީން ވެސް އެންގެވި ގޮތަށް ދެ ފަހަރެއްގެ މަތީން އިވެލުއޭޓް ކުރެވި މިހާރު މިހިސާބަށް ދިޔައިރު މިއޮތީ އަޅުގަނޑުމެންނަށް މާދަމާ ވެސް ކޯޓުގެ މަސައްކަތް ނިމިއްޖެއްޔާ ގުރުއަތު ނަގައިގެން ނުވަތަ އޭގެ ހައްގުވެރިންނަށް ފްލެޓުތައް ދެވޭ ހިސާބަށް ގޮސްފައި. އެހެން ނަމަވެސް ކޯޓުގައި ހުރި މައްސަލަތަކާ ގުޅިގެން މިހިސާބަށް މަޑުކޮށްފައި މިއޮތީ. މިހާރު މިވަގުތު ހައުސިން މިނިސްޓްރީން ބޭނުންވަނީ މުޅިން ބާތިލް ކުރަން. މިހާރު ގޮސްފައި އޮތް ހިސާބު އެއްކޮށް ބާތިލްކޮށްފައި އެބޭފުޅުން ވަޑައިގަންނަވަން. ތުޅާދޫ ކައުންސިލުން މިބުނަނީ އެއީ ވަރަށް ދިގު މަރުހަލާ އެކޭ.

ބ. ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިމަނިކު

ތުޅާދޫގައި ކުރީ ސަރުކާރުން އިމާރާތް ކުރި 100 ހައުސިންގ ޔުނިޓް ދޫނުކުރެވި، އެ ޔުނިޓް ތައް މިހާރު ވަނީ ހަލާކުވާން ފަށާފަ އެވެ. މި މައްސަލައާ ގުޅިގެން އެރަށުގައި ދޭތެރެ ދޭތެރެއިން ރައްޔިތުން ނުކުމެ މުޒާހަރާ ވެސް ކުރެ އެވެ.

މި މައްސަލައާ ގުޅިގެން 27 ނޮވެންބަރު 2025 ގައި ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ހައުސިން ޔުނިޓްތައް ދޫކުރުމުގެ މަސައްކަތް ލަސް ވަނީ ކައުންސިލްގެ ސަބަބުން ކަމަށެވެ.

މި 100 ހައުސިން ޔުނިޓަކީ ތުޅާދޫ އަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. 22 އޮގަސްޓް 2023 ގައި މި މަޝްރޫއު ނިންމައި ކައުންސިލާއި ހަވާލުކޮށްފައިވާކަން ކުރީ ސަރުކާރުން ހާމަކުރި ނަމަވެސް، މި ސަރުކާރުން އޮތީ ކައުންސިލާއި މިކަމުގެ ލިޔެކިޔުން ހަވާލު ނުކޮށެވެ.

3125 މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫގައި 100 ހައުސިން ޔުނިޓް އިމާރާތްކޮށް ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން 87 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެނެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ކޮންމެ ހައުސިން ޔުނިޓެއްގެ ޕްލޮޓް ސައިޒަކީ 1600 އަކަފޫޓެވެ.

- ކޮމެންޓް