އިންޑިއާ އިން ބޭނުންވާ މިންވަރަށް ތެޔޮ ފޯރުކޮށްދީ، ތެލުގެ ސަޕްލައި ދަމަހައްޓަން ތައްޔާރަށް ހުންނެވި ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެ އެވެ.
ޕުޓިން މިހެން ވިދާޅުވެފައި ވަނީ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރަސްމީ ދަތުރުފުޅުގައި ޕުޓިން އިންޑިއާ އަށް ވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހު އެވެ. ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ޕުޓިން އެނބުރި ވަޑައިގެންފައި ވަނީ ހުކުރު ދުވަހު އެވެ.
ރަޝިޔާ އިން ތެޔޮ ގަތުން ހުއްޓާލުމަށް އެމެރިކާ އިން އިންޑިއާ އަށް ބޮޑެތި ފިއްތުން ތަކެއް ކުރިމަތި ކުރަމުން އަންނަ ވަގުތެއްގައި، ހުކުރު ދުވަހު ޕުޓިން ވިދާޅުވެފައި ވަނީ އިންޑިއާ އިން ބޭނުންވާ މިންވަރަށް ތެލުގެ ސަޕްލައި ދަމަހައްޓަން އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.
މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އިންޑިއާގެ ގިނަ އުފެއްދުން ތަކުން 50 އިންސައްތައާ ހަމައަށް ޓެރިފް ނެންގެވުމަށް ނިންމަވައިފަ އެވެ. އެއީ އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަންނަމުން އަންނަ ކަމަށް ވިދާޅުވެ ޓްރަމްޕް އެޅުއްވި ފިޔަވަޅެކެވެ. އެމެރިކާ އިން ބުނެފައިވާ ގޮތުގައި، ތެޔޮ ވިއްކައިގެން ލިބޭ ފައިސާ ރަޝިޔާ އިން ބޭނުން ކުރަނީ ޔުކްރެއިންގެ ހަނގުރާމަ އަށެވެ.
އިންޑިއާާގެ ވެރި ރަށް ނިއު ދިއްލީގައި ކުރިއަށް ދިޔަ ސަމިޓުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ޕުޓިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ސަމިޓުގައި އެންމެ ބޮޑަށް މަޝްވަރާ ކޮށްފައި ވަނީ ހަކަތަ އާއި، ދިފާއީ ކަންކަން އަދި ވިޔަފާރީގެ ދާއިރާ އަށެވެ. އެ ސަމިޓުގައި މޯދީ ވަނީ، ރަޝިޔާގެ ރައީސް ޕުޓިންގެ ފަރާތްޕުޅުން އިންޑިއާ އަށް ލިބޭ އިންތިހާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މޯދީއާ ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވަނީ، އިންޑިއާގެ ހަކަތައިގެ ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ ތެލާއިި، ގޭސް، ކޯލާ އަދި އެހެނިހެން ބާވަތްތައް ވެސް ފޯރުކޮށްދިނުމުގައި އެންމެ އިތުބާރު އޮންނާނެ ޤައުމަކީ ރަޝިޔާ ކަމަށެވެ. އިންޑިއާގެ އިޤްތިސާދު އަންނަނީ އިންތިހާ ބާރު މިނުގައި ކުރި އަރަމުންކަން ފާހަގަ ކުރައްވައި ޕުޓިން ވިދާޅުވީ، އިންޑިއާ އަށް ބޭނުންވާ ތެލުގެ ސަޕްލައި ދެމެހެއްޓުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވިދާޅުވެފައި ވަނީ ހަކަތައިގެ ސެކިއުރިޓީ އަކީ އިންޑިއާ އާއި ރަޝިޔާގެ ގުޅުން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ، އަދި އެ ގުޅުން އިތުރަށް ވަރުގަދަ ކޮށްދޭ މުހިންމު ބާރެއް ކަމަށެވެ. މޯދީ މިހެން ވިދާޅުވެފައިވާއިރު، ރަޝިޔާާ އިން ޔުކްރެއިން ހަނގުރާމަ ފެށި ފަހުން އެ ޤައުމުގެ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ޤައުމަކީ އިންޑިއާ އެވެ.
މިދިޔަ 2024 ވަނަ އަހަރަށް ބަލާއިރު، އިންޑިއާ އަށް އެތެރެ ކުރާ ހުރިހާ ކްރޫޑް ތެލުގެ ގާތް ގަނޑަކަށް 36 އިންސައްތަ އެތެރެ ކުރަނީ ރަޝިޔާ އިންނެވެ. މިއީ ދުވާލަކު ގާތް ގަނޑަކަށް 1.8 މިލިއަން ބެރަލް ޑިސްކައުންޓްގެ ތެލެވެ. މިފަހުން އައިސް، އެމެރިކާގެ ބާރުވެރި ކަމުގެ ސަބަބުން އިންޑިއާ އިން ވަނީ ރަޝިޔާ އިން އެތެރެ ކުރާ ކްރޫޑް ތެލުގެ އަދަދު ކޮންމް ވެސް ވަރަަކަށް މަދު ކޮށްފަ އެވެ.
އިންޑިއާ އަށް ޕުޓިން ކުރެއްވި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރެއް ކަމަށް ފާހަގަ ކުރެވެ އެވެ. ޚާއްސަކޮށް މިއީ، ޔުކްރެއިންގެ ހަނގުރާމަ ފެށުނު ފަހުން ޕުޓިން އިންޑިއާ އަށް ވަޑައިގެންނެވި ފުރަތަމަ ފަަހަރެވެ. އެމެރިކާގެ ފިއްތުންތަކާ އެކު ވެސް، އިންޑިއާ އިން ވަނީ ރަޝިޔާއާ އެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށް ހާމަ ކޮށްފަ އެވެ.