Advertisement
ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 09:00
ރަޝިޔާ ގެ ރައީސް ޕޫޓިން އިންޑިއާ އަށް ވަޑައިގަތުމުން ބޮޑުވަޒީރު މޯދީ މަރުހަބާ ދަންނަވަނީ
ރަޝިޔާ ގެ ރައީސް ޕޫޓިން އިންޑިއާ އަށް ވަޑައިގަތުމުން ބޮޑުވަޒީރު މޯދީ މަރުހަބާ ދަންނަވަނީ
އެކްސް
ރަޝިޔާ-އިންޑިއާ
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ރަޝިޔާގެ ރައީސް ޕޫޓިން އިންޑިއާއަށް ވަޑައިގަތުމުން، ބޮޑުވަޒީރު މޯދީ އާދަޔާ ޚިލާފު އަދި ވަރަށް ޚާއްޞަ މެހެމާންދާރީ އެއް އަދާކުރައްވައި އެއަރޕޯޓަށް ވަޑައިގެން ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވި. ދެ ދުވަހުގެ މި ދަތުރުފުޅުގައި ހަކަތަ، ދިފާޢީ އަދި އިޤްތިޞާދީ ގުޅުންތައް ބަދަހި ކުރާނެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބުރާސްފަތި ދުވަހު ނިއުދިއްލީ އަށް ވަޑައިގަތުމާއެކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމަނިކުފާނަށް އެއަރޕޯޓުން މަރުޙަބާ ވިދާޅުވެއްޖެ އެވެ.

މި ދަތުރުފުޅަކީ، ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން ޔޫކްރޭނު ގައި ހަނގުރާމަ ފެށުނު ފަހުން، ރަޝިޔާގެ ލީޑަރެއް އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އިންޑިއާ އަކީ ރަޝިޔާ އާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ޕޫޓިން އާއެކު ރަޝިޔާ ގެ ސީނިއަރ ވަޒީރުންނާއި ބޮޑު ވިޔަފާރި ވަފުދެއް ބައިވެރިވެ އެވެ. މޮސްކޯ އާއި ނިއުދިއްލީ އިން މަސައްކަތް ކުރަމުންދަނީ ހަކަތަ އާއި ދިފާއީ ދާއިރާ ގެ އިތުރުން އިޤްތިޞާދީ ގުޅުންތައް ފުޅާކުރުމަށެވެ.

ބޮޑުވަޒީރު މޯދީ، ރައީސް ޕޫޓިން ގެ ޝަރަފު ގައި ބުރާސްފަތި ދުވަހުގެ ރޭ ވަނީ ޚާއްޞަ ރޭގަނޑުގެ ފަރީއްކޮޅެއް ބާއްވާފަ އެވެ. އަދި ދެ ލީޑަރުން އެންމެ މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވާނީ ހުކުރު ދުވަހު އެވެ.

އާންމުކޮށް ބޭރުގެ ޤައުމުތަކުގެ ލީޑަރުންނަށް މަރުޙަބާ ދެންނެވުމަށް އެއަރޕޯޓަށް ވަޑައިގަންނަވަނީ އިންޑިއާ ގެ ސީނިއަރ ވަޒީރުންނެވެ. އެހެންކަމުން، ރައީސް ޕޫޓިން އެއަރޕޯޓަށް ވަޑައިގަތުމާއެކު ބޮޑުވަޒީރު މޯދީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމަކީ، އާދަޔާ ޚިލާފު އަދި ވަރަށް ޚާއްޞަ މެހެމާންދާރީ އެއް އަދާ ކުރެއްވުން ކަމަށް ރިޕޯޓު ތައް ބުނެއެވެ.

ރައީސް ޕޫޓިން ރަތް ދޫލައިގެ މައްޗަށް ފައިބައިވަޑައިގަތުމާއެކު، މޯދީ ވަނީ އާންމު ޕްރޮޓޮކޯލުން ބޭރުން، ބޯޓު ކައިރި އަށް ވަޑައިގެން ޕޫޓިން އަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފަ އެވެ.

އެންމެ ފަހުން، ބޮޑުވަޒީރު މޯދީ އެއަރޕޯޓުން މަރުޙަބާ ވިދާޅުވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށެވެ. މީގެ އިތުރުން، 2020 ވަނަ އަހަރު އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއް ގައި ވެސް ބޮޑުވަޒީރު މޯދީ ވަނީ އެއަރޕޯޓަށް ވަޑައިގެން މަރުޙަބާ ވިދާޅުވެފައެވެ.

- ކޮމެންޓް