އަންނަ އަހަރު އެމެރިކާގައި އޮންނަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ރަސްމީ ގުރު ނަގައިފި އެވެ.
ހުކުރު ދުވަހުގެ ރޭ އެމެރިކާ ގެ ވެރި ރަށް ވޮޝިންޓަން ގައި ކުރިއަށް ދިޔަ ގުރު ނެގުމުގެ ހަފްލާ ގައި، އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. މީގެ އިތުރުން، ދުނިޔޭ ގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ އެ ހަފްލާގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެންނެވެ.
މުބާރާތު ގެ ގުރޫޕް އޭގައި އޮތީ މެކްސިކޯ، ސައުތު އެފްރިކާ އަދި ސައުތު ކޮރެއާ އެވެ. ދެން މި ގުރޫޕުން ޖާގަ ލިބޭނީ ޔޫރަޕު ގެ ޕްލޭ އޮފްގައި ކުޅެގެން ޖާގަ ލިބޭ ޓީމަކަށެވެ. އެއީ އަޔަލެންޑް، ޑެންމާކް، ޗެކް ރިޕަބްލިކް ނުވަތަ ނޯތު މެސެޑޯނިއާ ގެ ތެރެއިން ޓީމެކެވެ.
ގުރޫޕު ބީގައި އޮތީ ކެނެޑާ އާއި، ޤަތަރު އަދި ސްވިޒަލެންޑެވެ. ދެން މި ގުރޫޕުން ޖާގަ ލިބޭނީ ޔޫރަޕުގެ ޕްލޭ އޮފްގައި އިޓަލީ އާއި، ބޮސްނިއާ، ވޭލްސް އަދި ނޮދަން އަޔަލެންޑް ކުޅެގެން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ގުރޫޕް ސީގައި އޮތީ އެންމެ ގިނަ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލްގެ އިތުރުން، މޮރޮކޯ، ހައިޓީ އަދި ސްކޮޓްލެންޑް އެވެ. މުބާރާތް ބާއްވާ ޤައުމެއް ކަމަށްވާ އެމެރިކާ އާއި، ޕެރަގުއޭ އަދި އޮސްޓްރޭލިއާ އޮތީ ގުރޫޕް ޑީގަ އެވެ. ދެން މި ގުރޫޕުން ޖާގަ ލިބޭނީ ޔޫރަޕްގެ ޕްލޭ އޮފްގައި ތުރުކީ، ރުމޭނިއާ، ކޮސޯވޯ އަދި ސްލިވާކިއާ ކުޅެގެން މޮޅުވާ ޓީމަކަށެވެ.
ގުރޫޕް އީގައި އޮތީ ޖަރުމަނުގެ އިތުރުން، ކުރަސާއޯ، އައިވަރީ ކޯސްޓް އަދި އެކުއެޑޯ އެވެ. ގުރޫޕް އެފްގައި ނެދަލެންޑްސް، ޖަޕާން އަދި ޓިއުނީޝިއާ ހިމެނުނުއިރު، ދެން މި ގުރޫޕުން ޖާގަ ލިބޭނީ ޔޫރަޕްގެ ޕްލޭ އޮފްގައި ޕޮލެންޑް، އަލްބޭނިއާ، ސެވިޑެން އަދި ޔުކްރެއިން ކުޅެގެން މޮޅުވާ ޓީމަކަށެވެ.
ގުރޫޕް ޖީގައި ބެލްޖިއަމް އާއެކު ދެން ހިމެނުނީ، މިޞްރު، އިރާން އަދި ނިއުޒިލެންޑް އެވެ. ގުރޫޕް އެޗްގައި ހިމެނެނީ ސްޕެއިން އާއި، ކޭޕް ވާޑާ، ސައުދީ އަރަބިއްޔާ އަދި އުރުގުއޭ އެވެ.
އަންނަ އަހަރުގެ މުބާރާތުގެ އެންމެ ފޯރި ގަދަ ގުރޫޕެއް ކަމަށް ބެލެވެނީ ގުރޫޕް އައި އެވެ. މި ގުރޫޕުގައި ހިމެނެނީ ފްރާންސްގެ އިތުރުން، ނޯވޭ އަދި ސެނެގާލް އެވެ. ދެން މި ގުރޫޕުން ޖާގަ ލިބޭނީ ޔޫރަޕްގެ ޕްލޭ އޮފްގައި ބޮލީވިއާ، ސުރިނާމް އަދި އިރާޤުގެ ތެރެއިން ޓީމަކަށެވެ. މި ގުރޫޕްގައި ހިމެނޭ ފްރާންސްގައި ކީލިއަން އެމްބާޕޭ ހިމެނޭއިރު، ނޯވޭގައި އާލިން ހާލަންޑް ހިމެނޭނެ އެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރި އާޖެންޓީނާ ހިމެނިފައި އޮތީ ގުރޫޕް ޖޭގަ އެވެ. އާޖެންޓީނާ އާއެކު މި ގުރޫޕުގައި ދެން އޮތީ އަލްޖީރިއާ، އޮސްޓްރިއާ އަދި ޖޯޑަން އެވެ. ގުރޫޕް ކޭގައި ހިމެނެނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުން އަންނަ ޕޯޗުގަލްގެ އިތުރުން، އުޒެބެކިސްތާން އަދި ކޮލަމްބިއާ އެވެ. ދެން މި ގުރޫޕުން ޖާގަ ލިބެނީ ޔޫރަޕްގެ ޕްލޭ އޮފްގައި ޖެމެއިކާ، ނިއު ކެލަޑޯނިއާ އަދި ކޮންގޯގެ ތެރެއިން ޓީމެކެވެ.
އެންމެ ފަހު ގުރޫޕަކަށް އޮތް، ގުރޫޕް އެލްގައި ހިމެނެނީ އިންގްލެންޑުގެ އިތުރުން، ކްރޮއޭޝިއާ، ގާނާ އަދި ޕަނަމާ އެވެ. މި ގުރޫޕަކީ ވެސް ފޯރި ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ގުރޫޕެކެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް ފެށުމަށް ތާވަލް ކޮށްފައި ވަނީ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ. އެމެރިކާ އާއި މެކްސިކޯ، އަދި ކެނެޑާ އިން ވެސް އަންނަނީ މުބާރާތް ހޯސްޓު ކުރުމަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.