Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 06:28
ރައީސް ޑރ.މުހައްމަދު މުއިއްޒު: ވިލިމާލެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލު ވުމުގެ ތެރެއިން
ރައީސް ޑރ.މުހައްމަދު މުއިއްޒު: ވިލިމާލެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލު ވުމުގެ ތެރެއިން
ރައީސް އޮފީސް
ޑރ. މުހައްމަދު އިޔާޒް
ވާނުވާ ބަންދަކީ ރައްޔިތުން ނިޒާމުން ގެއްލުވާލުމަށް ސަރުކާރުން ބޭނުންކުރާ ޓޫލެއް: ޝެއިޚް އިޔާޒް
ވާނުވާ ބަންދުގައި އަހަރު ދެ އަހަރުވާއިރު ޝަރީޢަތުގެ އަޑުއެހުމެއްވެސް ނުބާއްވާ އެބަހުރިކަމަށް ޝެއިޚް އިޔާޒް ވިދާޅުވި
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވާނުވާ ބަންދު އުވާލާނެކަމަށް ވައުދުވެފައި ވީނަމަވެސް ދެ އަހަރު ފަހުން ވެސް އެކަން ހައްލުވެފައެއް ނުވޭ

ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ވާނުވާ ބަންދަކީ، ސަރުކާރުން އާއްމު ރައްޔިތުން ނިޒާމުން ގެއްލުވާލަން ބޭނުންކުރާ ޓޫލް އެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ޝެއިޚް އިޔާޒް ވިދާޅުވީ ވާނުވާ ބަންދަކީ ސަރުކާރުން އެމީހަކު ނިޒާމުން ގެއްލުވާލަން ބޭނުންކުރާ ޓޫލެއްކަން، "ވާނުވާ" ގެ ތާރީހަށް ބެލީމަ ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށެވެ. އިޔާޒް ފާހަގަކުރެއްވި ގޮތުގައި މި ނިޒާމުގެ ދަށުން އަހަރު ދެއަހަރުވާއިރު ޝަރީޢަތުގެ އަޑުއެހުމެއްވެސް ނުބާއްވާ އެބަހުއްޓެވެ.

ވާނުވާ ބަންދުގެ މައްސަލައިގެ ސީރިއަސްކަން ފާހަގަކުރައްވަމުން އިޔާޒް ވިދާޅުވީ ތަޙްޤީގަށް މުއްދަތު ޖަހާފައިވެސް ސުވާލެއް ކޮށްނުލާ ބައިތިއްބާފަ، ކޯޓަށް ގޮސް އައިއޯ ބުނަނީ އިތުރު 15 ދުވަސް ބޭނުން ކަމަށް ކަމަށެވެ. އިޔާޒް ފާހަގަކުރެއްވި ގޮތުގައި ޚުދު އައިއޯ ވެސް އެގޮތަށް އެދެނީ އޭނާގެ އަމިއްލަ އިޚްތިޔާރަކު ނޫންކަމަށާއި، މަތިން އަންގައިގެން، އެނޫންގޮތެއް ނެތިގެން ވަޒީފާގެ ބިރަށް އެކަން ކުރަން ޖެހޭތީ ކަމަށެވެ.

އިޔާޒް ފާހަގަކުރެއްވި ގޮތުގައި ޙަޤީގަތް ބެލުމެއްނެތި، މަޤާމު ގެއްލިދާނެކަމުގެ ބިރަށް ޤާޟީން މުއްދަތު ޖަހައިދޭކަމީ ވަރަށް ހިތާމަހުރި ކަމެކެވެ.

ވާނުވާ ބަންދާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ޖަލްސާގެ ބައެއް ބައިވެރިން ވަނީ މި މައްސަލައާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. ނަމަވެސް އާދައިގެ މަތިން މިކަމަށް އެކަށީގެންވާ ޖަވާބެއް ރައީސް މުއިއްޒަކަށް ނުދެއްވުނެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް މުއިއްޒު ވަނީ ޕީއެންސީގެ ވެރިކަމެއްގައި ޝަރުއީ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ވާނުވާ ބަންދު އުވާލާނެ ކަމަށް ވައުދުވެފަ އެވެ. ތ. ތިމަރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ވާނުވާ ނޭނގުމުގެ ތެރޭގައި އެތައް އަހަރެއް ބަންދުގައި ހުންނަން ޖެހުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މީހަކާ މެދު ގޮތެއް ނުނިންމައި ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 48 ގަޑިއިރު ވަންދެން ކަމަށެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ވާނުވާ ބަންދު އުވާލުމުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އެމަނިކުފާނު ދައްކަވަނީ ކޯޓް ކޮމްޕްލެކްސް އަޅާ ވާހަކަ އާއި ކޯޓުތަކުގެ އިދާރީކަންކަން ރަނގަޅު ކުރުމުގެ ވާހަކަ އެވެ. ދެ އަހަރު ދުވަހު ހަނު ހުންނެވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރަން ޖުޑީޝިއަރީ އިން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެންމެ ފަހުން ރައީސް މުއިއްޒު މި ވަނީ ވާނުވާ ބަންދު އުވާލުމަށް ދިވެހި ރައްޔިތުން ބޭނުންނުވާ ކަމަށް ދެއްކެވުމުގެ ގޮތުން އެ މޭރުމުން ވާހަކަ ދައްކަވާފަ އެވެ. މާފަންނު ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ވާނުވާ ބަންދުގަ ތިބި ފަރާތްތައް ދޫކޮށްލުމަށް ރައްޔިތުން ބޭނުންވޭތޯ ސުވާލުކުރައްވާފަ އެވެ. އަދި ވާނުވާ ބަންދުގަ މިހާރު ތިބި މީހުންގެ ތަފާސް ހިސާބުތައް ވިދާޅުވެ، ވާނުވާ ބަންދުގައި މުޅީންވެސް ތިބީ ނުރައްކާތެރި ކުއްވެރިން ކަމަށް ވިދާޅުވެފަ އެވެ.

- ކޮމެންޓް