Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2025 | ހޯމަ 17:02
ޑރ. މުހައްމަދު އިޔާޒް (ކ) އަދާލަތު ޕާޓީގެ ޖަލްސާއެއްގައި
ޑރ. މުހައްމަދު އިޔާޒް (ކ) އަދާލަތު ޕާޓީގެ ޖަލްސާއެއްގައި
އެކްސް
ޑރ. މުހައްމަދު އިޔާޒް
ސިވިލް ސާރވިސް ގައި މޫނު ބުރުގާ އަޅަން ހުއްދަ ދީގެން ދިވެހި ރައްޔިތުންނަށް މުއިއްޒު ދެމުންދާ ގެއްލުންތަކުގެ މަތި ނޭޅުވޭނެ ކަމަށް ޑރ އިޔާޒް ވިދާޅުވެއްޖެ
ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ނޫން ކަމެއް ކުރައްވާ ތަނެއް ނުފެންނަ ކަމަށެ ޑރ. އިޔާޒް ވިދާޅުވި
ރައީސް މުއިއްޒު އަމިއްލަ މުށުތެރެއަށް ނުލައްވާ އެއްކަމެއްވެސް ނެތްކަމަށް ޑރ އިޔާޒް ފާހަގަކުރެއްވި
ވެރިކަމަށް ވަޑައިގަތީއްސުރެ ދުވަހުން ދުވަހަށް ޤައުމުގެ ހާލަތު ދަނީ ދަށަށް ކަމަށް ޑރ އިޔާޒް ވިދާޅުވި

ސިވިލް ސާރވިސް ގައި މޫނު ބުރުގާ އަޅައިގެން ޚިދުމަތް ދެވޭ ގޮތައް ހަމަ ޖެއްސުމަކީ ވަރަށް ރަގަޅު ނިންމެވުމެއް ކަމަށާއި އެހެން ނަމަވެސް މި ނިންމުމުން ސަރުކާރުން މެދުކެނޑުމެއްނެތި ދިވެހި ރައްޔިތުންނަށް ދެމުންގެންދާ ގެއްލުންތަކުގެ މަތިނޭޅުވޭނެ ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު "އަމިއްލަ މުށުތެރެ އަށް ނުލައްވާ އެއްކަމެއް ވެސް ނެތް،" ކަމުގައެވެ.

ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެ އަށް ލެއްވުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާޑު ވިދާޅުވަމުން ޑރ. އިޔާޒް ވިދާޅުވީ، "ނުވީތަނަކަށް އިންތިޚާބަކުން ކާމިޔާބު ނުވެދާނެ ކަމަށް ބިރަށް ރިޔާސީ ދައުރުވެސް ދަންމާލަން ގޮނޑި ކޮއްކޮ މަޖިލީހަށް ބިލެއް ފޮނުއްވީ،" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު “ރަސްކަމަކަށް” ބަދަލު ކުރެއްވުމުގެ މަލަތި ފެންނަން ފެށީ ކަމަށެވެ.

2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ، ހުވާކުރެއްވުމާއި ދެމެދު ދިޔަ ދުވަސްތަކުގައި މޮޓޯ ކޭޑުގައި ރައީސް މުއިއްޒު އެކި މިސްކިތްތަކަށް ފަތިސް ނަމާދަށް ވަޑައިގެންނެވިތަން ފެނުނު ކަމަށާއި. ނަމަވެސް، މިހާރު އެމަންޒަރު ނުފެންނަނީ ކީއްވެތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ނޫން ކަމެއް ކުރައްވާތަނެއް ނުފެންނަ ކަމަށެވެ.

ވެރިކަމަށް ވަޑައިގަތީއްސުރެ ދުވަހުން ދުވަހަކަށް ޤައުމުގެ ޙާލަތު ހުރިހާ ގޮތަކުންވެސް ދަނީ ދަށަށް ކަމަށާއި، އިތުބާރު ކުރައްވާ، އަދި މަޝްވަރާއެއް ޤަބޫލު ކުރައްވާ ހަމަ އެކަކުވެސް ނެތް ކަމަށް އިޔާޒް އެކްސްގައި ހޯމަ ދުވަހު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

"މިވަރުގެ ބޭފުޅުން ވެރިކަން ކުރައްވާނީ ކިހިނަކުންތޯ؟" އަދާލަތު ޕާޓީގެ ފަނޑިޔާރުގެ މަޖިލީހުގެ އިސް ފަނޑިޔާރު ޑރ. އިޔާޒް ވަނީ އައްސަވާފައެވެ.

ސިވިސް ސާރވިސް ގައި މަސައްކަތް ކުރާ ފަރާތްތަކަށް މޫނު ބުރުގާ އެޅޭ ގޮތައް ބަދަލު ގެނައުމުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް އެމްއެންޔޫގައި އެސިސްޓެންޓް ޕްރޮފެސަރ ކަން ކުރިން އަދާކުރެއްވި ޑރ. އިޔާޒް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މަސްދަރު: އެކްސް
- ކޮމެންޓް