ސަރުކާރުން ހުށަހަޅައިގެން ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް، ފިސްކަލް ޒިންމާގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މުއިއްޒު ވަނީ ޑިސެމްބަރު 2 ވަަނަ ދުވަހު ތަސްދީގު ކުރައްވާފަ އެވެ. ސުވާލަކީ މާ ބޮޑަށް ރައްޔިތުންނަށް ހިލަމެއް ނުވާ ގޮތައް، އަޑެއް ބަޑެއް ނުއިއްވާ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން މި ބަދަލު އަވަސް އަރުވާލައިގެން މި ގެނައީ ކީއްވެގެން ހެއްޔެވެ؟
2020 ން 2024 ށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ކުރިއަށް ގެންދިޔަ މިޝަންތަކުގެ ރިޕޯރޓުތަކުގައި ދައުލަތުގެ މާލިއްޔަތާ ގުޅޭ ގޮތުން ބުނެފައި އޮތީ، އޭރު އަމަލު ކުރަމުން ދިޔަ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު (7/2013) އަށް ހަރުދަނާ އިސްލާޙުތަކެއް ގެނެސް ދަރަނީގެ ހިސާބުތަކާއި ދައުލަތުގެ ފިސްކަލް ކަންކަން ދެފުށް ފެންނަ ގޮތަކަށް ބައްޓަންކުރުމަށާއި ޒަމާނީ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން އެ ޤާނޫނުގެ ބަދަލުގައި ދައުލަތުގެ ދަރަނީގެ ހަމަތައް ވަކިން ބަޔާން ކުރުމަށް ދައުލަތުގެ ދަރަންޏާ ބެހޭ ޤާނޫނު (2024/29) އަދި ބަޖެޓް ކުރުމުގެ ހަމަތަކާއި މާލީ ހިސާބުތަކުގެ ހާމަކަންބޮޑު ކުރުމަށް އިސްކަންދީގެން އެކުލަވާލި ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނު (30/2024) 2024 ވަނަ އަހަރު ތަސްދީޤުކުރެވި އެ ޤާނޫނުތަކަށް 03 ޖޫން 2025 ގައި އަމަލު ކުރަން ފެށި އެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ މަޤްޞަދަކީ ދައުލަތުގެ މާލީ ނިޒާމު ދެފުށް ފެންނަ، ޒިންމާދާރު ގޮތެއްގައި ހިންގުމާއިގުޅޭ ހަމަތައް ގާއިމު ކުރުމާއި، ދައުލަތުގެ މާލީ ސިޔާސަތުތައް ހިންގުމުގައި މިއަދުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން މުސްތަޤްބަލުގެ ޖީލުތަކަށް ބުރައަކަށް ނުވާފަދަ ގޮތައް "އިންޓަރ ޖެނެރޭޝަނަލް އިކުއިޓީ" ގެ އުސޫލުގެ މަތިން، ދައުލަތުގެ މެދުރާސްތާގެ މާލީ ކަންކަން ހިންގުމުގެ އަމާޒުތައް އެކުލަވާލުމެވެ.
އޭގެ އިތުރުން ދައުލަތުގެ ފިސްކަލް ޕޮލިސީ ހިނގާނުހިނގާ ގޮތް ރައްޔިތުންގެ މަޖިލީހުން ބެލުމަށް މަގު ފަހި ކުރުމާއި، ފިސްކަލް ނިޒާމު ހިނގާގޮތް އަދި ޙާސިލު ކުރެވެމުންދާ ނަތީޖާ ރައްޔިތުންގެ މަޖިލީހާ ޙިއްސާ ކުރުމާއި، ފިސްކަލް ކަންކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމާ ބެހޭ އުސޫލުތައް ބަޔާން ކޮށް އެ ގޮތުގެ މަތީން މާލީ ކަންކަން ކުރިއަށް ގެންދިއުމެވެ.
ފިސްކަލް ޒިންމާގެ ގާނޫނުގެ 7 ވަނަ މާއްދާގައި ފިސްކަލް ޒިންމާގެ ޗާޓަރުގެ ވާހަކަ ބަޔާން ކޮށްފައި ވެއެވެ. މަޤްޞަދަކީ، އެ ޤާނޫނު ގައި ބަޔާން ކުރާ ހަމަތަކުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން އެކުލަވާލާ ފިސްކަލް ޕޮލިސީ އަށް ބިނާކޮށް ކޮންމެ ރިޔާސީ ވެރިކަމެއްގެ 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ދައުލަތުން ޙާޞިލުކުރުމަށް ބޭނުންވާ ފިސްކަލް އަމާޒުތައް ކަނޑައެޅުމާއި ދެފުށް ފެންނަ ގޮތެއްގައި މާލީ ކަންކަން ހިންގުމެވެ. ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ 6 މަސްދުވަސް ހަމަވުމުގެ ކުރިން، އެ ރިޔާސީ ދައުރުގެ މުއްދަތަށް ޢަމަލު ކުރަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރެއް ޢާއްމު ކުރަން ޖެހޭ ގޮތައް ގާނޫނު ގައި އޮތީ ހިމަނާފަ އެވެ.
މި ޤާނޫނު ގައި ބަޔާންކުރާ އުސޫލުތަކަށް ފާއިތުވި އަހަރު ސަރުކާރުން ޢަމަލުކޮށްފައިވާ މިންވަރު ވަޒަންކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮކްޓޯބަރ މަސް ނިމުމުގެ ކުރިން އޮޑިޓަރޖެނެރަލް ރިޕޯރޓެއް އެކުލަވާލަންޖެހެއެވެ. އަދި މި ރިޕޯރޓު ގައި އިސްލާޙު ކުރަންޖެހޭ ކަމަށް ފާހަގަ ކުރާ ކަންކަން އިސްލާޙު ކުރަން އަޅާ ފިޔަވަޅުތަކާއި ޙާޞިލުކުރެވުނު ނަތީޖާތަކަށް ބިނާކޮށް 5 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްއިން ރިޕޯރޓެއް ހަދަންޖެހެއެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އެއްވެސް ޤާނޫނެއް ފާސްކުރުމުގެ ކުރިން ނުވަތަ ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ފަދަ އެއްވެސް ނިންމުމެއް ނިންމުމުގެ ކުރިން، މި ޤާނޫނު ގައި ބަޔާންކުރާ ފިސްކަލް ޕޮލިސީގެ ހަމަތަކާއި ސަރުކާރުން އެކުލަވާލަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ އަމާޒުތަކަށް ކުރާނެ އަސަރު ވަޒަންކޮށް، އެ އަމާޒުތައް އެގޮތުގައި ދެމެހެއްޓޭނެ ގޮތް އަންގައިދޭ، ފިސްކަލް އިމްޕެކްޓް އެނެލިސިސް އެއް ހަދާ ޢާއްމުކޮށް ޝާއިޢުކުރަންޖެހޭ ގޮތައް ވެސް ގާނޫނޫ ގައި އޮތީ ހިމަނާފަ އެވެ.
ކުރިން ބަޔާން ކުރި ހަމަތައް ބަޔާންކޮށްފައިވާ މި ޤާނޫނު ހިނގަންފެށީ 3 ޖޫން 2025 ގައެވެ. އެ ޤާނޫނުގެ 39 ވަނަ މާއްދާ ގައި ބަޔާން ކުރަނީ، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަސް ތެރޭގައި ސަރުކާރުގެ ދައުރުގެ ނިޔަލަށް އެކުލަވާލާ ފިސްކަލް ޒިންމާގެ ޗާޓަރު ޢާއްމު ކުރަންވާނޭ ކަމަށެވެ.
މި ގޮތުން މި ހިނގާ ޑިސެމްބަރ 3 ވަނަ ދުވަހަށް އެމުއްދަތު ހަމަވާއިރު، މި މަސައްކަތް ކުރެވިފައެއް ނެތެވެ. ގާނޫނުގައި ބުނާ މުއްދަތުގައި ފިސްކަލް ޒިންމާގެ ޗާޓަރު ޢާއްމުނުކުވިގެން މި ހެދި ގޮތަކީ، މި މާއްދާގައި ބަޔާންކުރާ 6 މަސްދުވަހުގެ މުއްދަތު 24 މަސްދުވަހަށް ނުވަތަ 2 އަހަރަށް އިތުރުކުރުމަށް 26 ނޮވެމްބަރ 2025 ގައި މަޖިލީހަށް ގާނޫނަށް ބަދަލު ގެންނަން ހުށަހަޅައި، 1 ޑިސެމްބަރ 2025 ގައި އަވަސް އަރުވާލައިގެން ފާސްކޮށް 2 ޑިސެމްބަރުގައި ތަޞްދީޤު ކުރީ އެވެ. ނިކަން އަތްމަތި އަވަސް ކޮށް މަޖިލީހުގައި އޮތް ސުޕަރ މެޖޯރިޓީގެ ބޭނުން ހިފައިގެން ގާނޫނަށް ބަދަލު ގެނެސް ނިންމާލި އިރު އެ ޤާނޫނުގައި ބަޔާންކުރި 6 މަސް ދުވަސް ހަމަވާން ބާކީ އޮތީ އެންމެ ދުވަހެކެވެ. އަދި މިވަރަކުން ނުނިމެ އެވެ. ފިސްކަލް ޒިންމާގެ ޤާނޫނާއި ގުޅޭ ޤަވާއިދު ހެދުން ވެސް 24 މަސްދުވަހަށް އިތުރު ކުރީ އެވެ.
ރައީސް މުއިއްޒު އަށް މަޖިލީހުގައި ލިބިފައި އޮތް ބާރުގެ ބޭނުން ކޮށްގެން މި ކުރި ކަންތަކުގެ ނަތީޖާ އަކީ، ފިސްކަލް ޒިންމާގެ ގާނޫނު ގައި ކަށަވަރުކޮށްދީފައިވާ ދެފުށް ފެންނަ މާލީ ނިޒާމެއްގެ ހަމަތަކުން މި ސަރުކާރުން ޑިސެމްބަރު މަހުގެ ކުރީކޮޅު އެކުލަވާލަން އޮތް ފިސްކަލް ޕޮލިސީ ހިންގާނޭ ގޮތުގެ ފިސްކަލް ޗާޓަރު ހެދުން އިންތިހާ އަށް ފަސްކުރީ އެވެ. ނުވަތަ ބޮލުން ނައްޓާލީ އެވެ. މިހާރު މި ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން އެފަދަ ޗާޓަރެއް ދެން އެކުލަވާލަން ޖެހޭނީ، އަދި މި ޤާނޫނު ފުރިހަމަ އަށް ހިންގޭނެ ޤަވާއިދެއް އެކުލަވާލެވޭނީ މި ސަރުކާރުގެ ދައުރު ނިމެން ދޮޅު އަހަރަށްވާއިރު 2027 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. އަދި އެހިސާބަށް ދާއިރު އަނެއްކާ ގާނޫނަށް ބަދަލު ނުގެންނާނެ ކަމެއް ވެސް ނޭނގެއެވެ.
ފިސްކަލް ޗާރޓަރ އަކީ އާއްމުގޮތެއްގައި އިދާރީގޮތުން ދައުލަތުގެ މާލީ ހިންގުން ކުރިއަރާފައިވާ ޤައުމުތަކުގައި ދިގުމުއްދަތަށް އެކުލަވާލެވޭ މާލީ އަމާޒުތަކެކެވެ. މި ޤާނޫނުގެ ހަމަތަކުން ފިސްކަލް ޗާރޓަރ ބިނާވަނީ ކޮންމެ ސަރުކާރެއްގެވެސް ދައުރުގެ ތެރޭގައި އެ ސަރުކާރެއްގެ މާލީ ސިޔާސަތުތައް ބިނާވާ ގޮތުގެ މައްޗަށެވެ. އަދި ޤާނޫނުގައި ބުނާގޮތުން މި ޗާރޓަރ އުފެދިގެން އަންނަން ޖެހޭނީ އެ ޤާނޫނުގެ ދަށުން އެކުލަވާލާ ފިސްކަލް ޕޮލިސީ އަށް ބިނާކޮށެވެ. ދިވެހިރާއްޖޭގައި ފިސްކަލް ޕޮލިސީ އޭކިޔާ ލިޔުމެއް ތައްޔާރުނުކުރި ނަމަވެސް، މިހާރު އުވާލެވިފައިވާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުން 3 އަހަރުގެ "މީޑިއަމް ޓާރމް ފިސްކަލް ސްޓްރެޓެޖީ" މިނިސްޓްރީ އޮފް ފިނޭންސްއިން ތައްޔާރުކޮށް ޢާއްމުކުރަން ޖެހޭނެ އެވެ. މިކަން މިހެން އޮތް ނަމަވެސް އެންމެ ފަހުން 2024-2026 އަށް މި ލިޔުން ޢާއްމު ކުރީ 2024 ވަނަ އަހަރުގައެވެ.
ފިސްކަލް ޗާރޓަރ އަދި ފިސްކަލް ޒިންމާގެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދު ހެދުން 6 މަސް ދުވަހުން 24 މަސްދުވަހަށް ލަސްކުރުމުގައި ސަބަބުތަކެއް ވާކަމަށް ޤަބޫލުކުރެވެއެވެ. މި ގޮތުން؛
1) ކުރިން އަމަލު ކުރަމުން އައި ގޮތައް ޢާއްމުކުރާ މީޑިއަމް ޓާރމް ފިސްކަލް ސްޓެރެޓެޖީ 2024 ގެ ފަހުން ޢާއްމުނުކޮށް އޮތުމާއި، އެންމެފަހުން މާރޗް 2025 ގައި އައިއެމްއެފް އިން އާރޓިކަލް 5 ގެ ދަށުން ރާއްޖޭގެ މާލީ ހާލަތު ދިރާސާ ކުރުމަށް ފަހު ތައްޔާރުކޮށްފައިވާ ރިޕޯރޓު މިވަގުތު އާއްމު ނުކުރުމަށް އެ ޖަމިއްޔާ ގައި އެދިގެން އަދިވެސް ޢާއްމު ނުކޮށް އޮތުމާއި، އެމްއެމްއޭ ގެ ފައިނޭންޝަލް ސްޓެޓިސްޓިކްސް ގައި ވެސް އަދާހަމަކޮށް ހިސާބު ހިމަނާފައި ނެތުމުން، ރާއްޖޭގެ ދަރަނީގެ ނިސްބަތާއި ދައުލަތުގެ ޚަރަދުތައް ހިނގާފައިވާ މިންވަރުގެ ހަޤީޤީ އަދަދަކީ މިވަގުތު ރައްޔިތުންނަށް ހާމަވެފައިވާ އަދަދުތަކަށް ނުވާތީ، މި ޗާރޓަރ ހުށަހަޅާނަމަ، މި އަދަދުތައް ސިއްރު ކޮށްފައި ބޭއްވޭނެ އެވެ.
2) ދައުލަތުގެ ބަޖެޓުގައި ދައުލަތުން ދަރަނި ނަގާނޭ މިންވަރުތަކެއް ކަނޑައަޅާފައި އޮތުމާއެކު، ޚަރަދުކުރާނޭ ގޮތާއި، ދަރަނި ނަގާނޭގޮތް ފިސްކަލް ޕޮލިސީ ގައި ކަނޑައަޅާ މި ދައުރުގެ ފިސްކަލް ޗާރޓަރގައި ހިމަނައިފި ނަމަ، އަދި އެ ޗާރޓަރ ގައި ބަޔާންކޮށްފައިވާ ވަރަށް ވުރެ އިތުރުވެއްޖެ ނަމަ، ގާނޫނާ ޚިލާފު ވުން ކަމަށް ބެލެވިދާނެ އަތީ، އިތުރަށް ދަރަނި ނެގުމާއި، ބޭނުންގޮތަކަށް ޚަރަދު ކުރުމުގެ ބޭނުމުގައި ފިސްކަލް ޗާޓަރ ފަސްކުރީ ކަމަށް ބެލެވެއެވެ.
3) މި ޤާނޫނުން އެނގޭގޮތުން، ފިސްކަލް ޗާރޓަރ ކަނޑައެޅުމަށްފަހު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކޮންމެ ޤާނޫނެއް ފާސްކުރުމުގެ ކުރިން އެ ޤާނޫނެއްގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އަސަރު ކުރާނަމަ ފިސްކަލް ޕޮލިސީގެ ހަމަތަކާއި ފިސްކަލް ޗާރޓަރގައި ކަނޑައަޅާފައިވާ އަމާޒުތަކަށް އަސަރުކުރާނޭ މިންވަރު އެނގޭ "ފިސްކަލް އިމްޕެކްޓް އެނެލިސިސް" އެއް ހަދާ ޢާއްމު ކުރަންޖެހެއެވެ. އެހެން ކަމުން، މި ޗާރޓަރ ލަސްކުރުމުގެ އަނެއް ބޭނުމަކީ، ރައްޔިތުންގެ މަޖިލީހުން އިސްލާޙު ގެންނަ ޤާނޫނުތަކުގައި މާލީ ބަދަލުތަކެއް ހިމަނާނަމަ، އެކަމުން ކުރާނޭ އަސަރު ޢާއްމުކޮށް ރައްޔިތުންނަށް ފޮރުވުން ކަމަށް ބެލެވެ އެވެ.
ހަގީގަތުގައި މުއިއްޒުގެ ސަރުކާރުން މި ކުރި ކަމަކީ ސަރުކާރަށް މަތިވެފައި އޮތް ބޮޑު ޒިންމާ އަކުން ރެކުނީ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެ ނާޖާއިޒު ބޭނުން ހިފައި ދައުލަތުގެ މާލިއްޔަތަށް ޒިންމާ ވުމަށް ގާނޫނުން ކުރަން އަންގާފައި އޮތް ކަމެއް ނުކޮށް ދޫކޮށްލެވޭނެ ގޮތް ހެދީ އެވެ. އޭރުން ފޮރުވައިގެން ރައްޔިތުންނަށް ނޭނގި މާލީ ކަންކަން ބޭނުން ގޮތަކަށް ކުރިއަށް ގެންދެވޭނެ ގޮތް ހެދީ އެވެ.
ބާރު އޮތީތީ މިކަން މިހެން ކުރިޔަށް، މިއީ ޒިންމާދާރު، ރައްޔިތުންގެ މުދަލާ ފައިސާ އަށް އަމާނާތްތެރިވުމުގެ ސިފަ ހުރި ސަރުކާރަކުން ކުރާނެ ކަމެއް ނޫނެވެ.