Advertisement
ކ. މާލެ
|
4 ޑިސެންބަރ 2025 | ބުރާސްފަތި 13:58
ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތާ އެތެރެ ހުރި ގޮތް
ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތާ އެތެރެ ހުރި ގޮތް
ރާއްޖެއެމްވީ
ފެނަކަ
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
ގަމު އިންޖީނުގޭގައި ބުދަ ދުވަހުގެ މެންދުރު ފަހު ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ގާތްގަނޑަކަށް 8 ގަޑިއިރު ފަހުން ރަށަށް ކަރަންޓު ދީފައިވޭ
އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕާއި ގުޅިފައި އިން ލައިނުގައި، 1 ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވޭ

ލ. ގަމު ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ ކަމަށާއި، މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަަރަންޓް ދީފައިވާ ކަމަށް ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވެއްޖެ އެވެ.

ގަމު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގީ ބުދަ ދުވަހުގެ މެންދުރު ފަހު އެވެ. މި އަލިފާނުގެ ހާދިސާއާއެކު ރަށުން ގާތްގަނޑަކަށް 8 ގަޑި އިރު ފަހުން ރަށަށް ކަރަންޓު ވަނީ ދީފަ އެވެ.

މިކަމާއި ގުޅޭގޮތުން ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒަކީ ވިދާޅުވީ ބުދަ ދުވަހުގެ ރޭ 11 ޖެހި ފަހުން ކަރަންޓް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިންޖީނުގޭގައި ރޯވި ނަމަވެސް ޖަނަރެޓަރުތައް ރަނގަޅު ކަމަށެވެ. ޒަކީ ވިދާޅުވީ އަލިފާނުގެ އަސަރު 1 ޖަނަރޭޓަރަށް ކޮށްފައިވާ ކަމަށެވެ. ރޯވީ ގުދަނެއްގެ ބައެއްގައި ކަމަށާއި، އަލިފާން ބޮޑަށް ހިފީ ސީލިން އާއި ފުރާޅާއި ދޭތެރޭގައި ކަމަށާއި، އެތަނުގައި ހުރި ލަކުޑި ފަތިތަކުގައި ރޯވެ އިންޖީޏުގެ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

ޒަކީ ވިދާޅުވީ ރޯވި ގުދަނާއި ކައިރީގައި އިން ޖަނަރޭޓަރުގެ ބައެއް ހޮޅިތައް ވިރިފައިވާ ކަމަށެވެ. އެހެން ނޫނީ އިތުރު މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެމްއެންޑީއެފް އިން ވެސް ވަނީ މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ބުނެފަ އެވެ.

އިއްޔެގެ 2:15 ހާއިރު ރޯވެފައި އިންނަނީ. 4 ޖަހާ ބޮޑުވި އިރު ނިއްވާލެވުނީ. އެމްއެންޑީއެފް އާއި ކައްދޫ އެއަރޕޯޓު ފަޔަރ ވެހިކަލް ވެސް އައި. އެމްއެންޑީއެފުން ބޮޑު މަސައްކަތެއް ކުރީ. ގިނަ މުއައްސަސާތަކުން ވެސް އުޅުނު. އެހާ އަވަހަށް ކަރަންޓް ދެވުނީ ގަމުގެ ރައްޔިތުންނާއި އަދި އިތުރު މުއައްސަސާތަކާއި ބައިވެރިވެގެން ކުރި ބުރަ މަސައްކަތުން އެމްއެންޑީއެފް އާއި ޕޮލިހުންގެ އެހީތެރިކަމާ އެކީގައި. އެއްވެސް މީހަކަށް އަނިޔާވެފައި ނުވޭ. ޑީސަލް ލައިނުގައި ދީމާވި މައްސަލައެއްކަމަށް ބޮޑަށް މި ބެލެވެނީ.

ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ

ޒަކީ ވިދާޅުވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި އަލިފާން ހިފައިގެން ބޭރުގައި އޮތް ޑީސަލް ޓޭންކަކަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

ގަން އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ބުދަ ދުވަހުގެ މެންދަމާ ހިސާބު ކަރަންޓް އަނބުރާ ދީފައިވާ އިރު ފެނަކައިން ބުނެފައިވަނީ ގެއްލުންވެފައި ވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށް ކަމަށެވެ. މި ހާދިސާގެ ސަބަބުން އިންޖީނު ގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްްކަތް ފެނަކައިން ކޮށްފައި ވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

- ކޮމެންޓް