ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި އެވެ.
ބުދަ ދުވަހު ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓާއި، އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 6 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި ތަންތަނުގެ ތެރެއިން ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކުރުމާއި، ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އިދާރާތައް ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދެ އެވެ. ސެޕްޓެންބަރު މަހުގެ 20 ނިޔަލަށް ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ޑީޕޯޓު ކޮށްފައިވާކަން ސަރުކާރުން ހާމަ ކޮށްފައިވެ އެވެ.
މީގެ އިތުރުން ދުންފަތު ބާވަތްތައް އިމްޕޯޓު ކުރުމަށާއި، ރީއެކްސްޕޯޓު ކުރުމަށާއި، އަދި ރާއްޖޭގައި ވިއްކުމަށް ގާނޫނު ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު އަދި އެގާނޫނު އަދި އެގާނޫނުގެ ދަށުން އާއްމު ކޮށްފައިވާ ''ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ގަވާއިދު ބަޔާންކުރާ ގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނަގަން ޖެހެ އެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ރަސްމީކޮށް ހިންގުމަށް މިހާތަނަށް 209 ފަރާތަކަށް ލައިސެންސް ދޫ ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ލައިސަންސަށް އެދި ހުޅުވާލި ފުރުސަތު މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ހަމަވިއިރު، އެކި ބާވަތްތަކުގެ 767 ފޯމު ހުށަހަޅާފައިވެ އެވެ. އަދި މިހާރު ވެސް ވެރިފިކޭޝަންސްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.