ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކަމުން ދިޔަ ތަނަކުން ހައްޔަރު ކުރި 5 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ހޯމަ ދުވަހު ފުލުހުން ބުނީ، ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ދިވެހިރާއްޖެ އަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާ އަށް ހަށިވިއްކުވައި، ފައިސާތައް ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތު މައުލޫމާތަކާ ގުޅިގެން 2025 ނޮވެމްބަރު 29 ވަނަ ދުވަހުގެރޭ 21:49 އެހާކަންހާއިރު ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު / ކިއުބާ، ޙުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ 4 އަންހެނުން ކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ) އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ) އާއި ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ) އާއި އުމިޑަބޮނޫ ނެމަޓޯވާ (34އ) އެވެ.
މި 5 މީހުން ވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާރޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިންނެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއެޕާރޓްމަންޓް ބަލައިފާސްކުރިއިރު، 19،100 އަށްވުުރެ އެމެރިކާ ޑޮލަރާއި 18،000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ހުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް ތިން އަންހެނުންނަށް 5 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.