Advertisement
ކ. މާލެ
|
27 ނޮވެންބަރ 2025 | ބުރާސްފަތި 16:33
ގިނީ-ބިސާއޯ ސިފައިން އެ ގައުމުގެ ވެރިކަމާ ހަވާލު ކުރި ކަން ޓީވީ މެދެވެރިކޮށް އިއުލާނު ކުރަނީ
ގިނީ-ބިސާއޯ ސިފައިން އެ ގައުމުގެ ވެރިކަމާ ހަވާލު ކުރި ކަން ޓީވީ މެދެވެރިކޮށް އިއުލާނު ކުރަނީ
އޭއެފްޕީ
ގިނީ-ބިސާއޯ
ގިނިއާ-ބިސާއޯ ގެ ސިފައިން ރައީސް ހައްޔަރުކޮށް، ވެރިކަމާ ހަވާލު ވެއްޖެ
ގިނީ-ބިސާއޯގެ ސިފައިންގެ އޮފިސަރުން ރައީސް އެމްބާލޯ ހައްޔަރުކޮށް ގައުމުގެ ފުރިހަމަ ކޮންޓްރޯލް ނަގާ، އިންތިޚާބު ވަގުތުން ހުއްޓާލައި ބޯޑަރުތައް ބަންދުކޮށްފި.

ގިނީ-ބިސާއޯ ގެ ސިފައިން އެ ގައުމުގެ ރައީސް ހައްޔަރު ކޮށް ވެރިކަމާ ހަވާލު ވެއްޖެ ކަމަށް ބުނެފި އެވެ.

ހުޅަނގު އެފްރިކާގައި އޮންނަ ގިނީ-ބިސާއޯ ގެ ސިފައިންގެ އޮފިސަރުންގެ ބަޔަކު އެޤައުމުގެ ފުރިހަމަ ކޮންޓްރޯލް ނަގާފައިވާ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

ސިފައިންގެ ބަޔަކު އެ ގައުމުގެ ކޮންޓްރޯލު ނެގިކަން ހާމަ ކުރީ އެ ގައުމުގެ ރިޔާސީ އިންތިޚާބު ގައި އެންމެ ބޮޑަށް ވާދަ ކުރި ދެ ކެންޑިޑޭޓުން ކާމިޔާބު ލިބުނު ކަމަށް، ދެ މީހުން ވެސް އިއުލާނު ކުރިތާ އެއް ދުވަސް ފަހުންނެވެ.

"ހައި މިލިޓަރީ ކޮމާންޑް ފޯ ދި ރެސްޓޯރޭޝަން އޮފް އޯޑަރ" ގެ ނަމުގައި ސިފައިންގެ ބަޔަކު ބުދަ ދުވަހު ޓީވީން ބަޔާނެއް ވަނީ ދީފައެވެ. އެ ބަޔާނުގައި، އިންތިޚާބީ ކަންކަން "ފަހުން އެންގުމެއް އަންގަންދެން" ވަގުތުން ހުއްޓާލަން އަމުރުކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.

އަދި އެއްގަމާއި، ވައިގެ އަދި ކަނޑުގެ ހުރިހާ ބޯޑަރުތަކެއް ބަންދުކުރުމަށާއި، ރޭގަނޑު ކާފިއު ހިންގުމަށް ވެސް އެ މީހުން އަމުރުކުރިއެވެ.

މި އަމުރުތައް ނެރުނީ ވެރިރަށް ބިސާއޯ ގައި ހުންނަ އިންތިޚާބާބެހޭ ކޮމިޝަންގެ މައި މަރުކަޒާއި، ރައީސްގެ ގަނޑުވަރާއި، ދާޚިލީ ވުޒާރާ ކައިރިން ބަޑީގެ އަޑުތައް ގަދަޔަށް އިވުނުތާ މާގިނައިރުތަކެއް ނުވެއެވެ.

ރައީސް އުމާރޯ ސިސޯކޯ އެމްބާލޯ އާއި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ފެނާންޑޯ ޑައަސް އާ ދެމެދު ވާދަވެރިކަން ބޮޑުވި އާދިއްތަ ދުވަހުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބުރާސްފަތި ދުވަހު އިޢުލާނު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ގިނީ-ބިސާއޯ ގެ ރައީސް އެމްބާލޯ ފްރާންސް-24 އަށް ފޯނުން ދެއްވި އިންޓަވިއުއެއް ގައި ވިދާޅުވީ އޭނާ ހުރީ މަގާމުން ދުރުކޮށްފައި ކަމަށާއި އަދި އޭނާ "މިވަގުތު ހުރީ ޖެނެރަލް ސްޓާފް ހެޑްކުއާޓާސްގައި" ކަމަށް ވެސް ވިދާޅުވިއެވެ.

ބުދަ ދުވަހުގެ މެންދުރުފަހު އަލްޖަޒީރާ އިން ރިޕޯޓުކުރިގޮތުގައި އެމްބާލޯ ހައްޔަރުކޮށްފައިވަނީ އަވައްޓެރި ސެނެގާލުންނެވެ.

އަދި މައި އިދިކޮޅު ޕީ.އޭ.އައި.ޖީ.ސީ. (PAIGC) ޕާޓީގެ ވެރިޔާ ޑޮމިންގޯސް ސިމޯސް ޕެރޭރާ ވެސް ހައްޔަރުކުރެވިފައިވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައި ވެއެވެ. އަދި، ސިފައިން އިންޓަނެޓް ކަނޑާލަން މަސައްކަތް ކުރަމުންދާ ކަމުގެ ޚަބަރު މިހާރު ލިބިފައިވާ ކަމަށާއި ކާފިއު ހިންގާފައިވާ ކަމަށް ވެސް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

އަދި މި ބަޣާވާތުގެ ގައި އިސްކޮށް ހުރީ ޕްރެޒިޑެންޝަލް ގާޑްގެ ވެރިޔާގެ މަޤާމު އަދާކުރި އޮފިސަރު ކަމަށް ވެސް އަލްޖަޒީރާގެ ރިޕޯޓަރު ވަނީ ބުނެފަ އެވެ.

ގިނީ-ބިސާއޯ އަށް 1974 ވަނަ އަހަރު ޕޯޗުގަލު ގެ އަތްދަށުން މިނިވަންކަން ލިބުނު ފަހުން އެތައް ބަޣާވާތްތެއް ހިނގާފައި ވެއެވެ. އަދި ބަޣާވާތްކުރަން ދެފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވެއެވެ.

މި ހަފްތާގެ އިންތިޚާބުގެ ގާނޫނީ ހައިސިއްޔަތާމެދު ސިވިލް ސޮސައިޓީ ގްރޫޕްތަކާއި އިންތިޚާބު ގެ ކަންކަން މޮނިޓަރ ކުރާ އެހެނިހެން ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ގިނީ-ބިސާއޯ ގައި 2019 ވަނަ އަހަރު ބޭއްވުނު އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި ވެސް މައި ދެ ކެންޑިޑޭޓުން ކާމިޔާބު ކުރިކަމަށް ދައުވާކުރުމުން، އިންތިޚާބަށް ފަހު، ހަތަރު މަސް ދުވަހުގެ މުއްދަތައް ބޮޑެތި ހަމަނުޖެހުންތައް ހިނގިއެވެ. އެ އިންތިޚާބުގައި ވެސް ވާދަކުރީ އެމްބާލޯ އާއި ޕެރޭރާ އެވެ.

ހުޅަނގު އެފްރިކާގެ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (ECOWAS) އާއި އެފްރިކަން ޔޫނިއަން އިން ގިނީ-ބިސާއޯ ގައި ބަޣާވާތަކުން ސިފައިން ވެރިކަމާ ހަވާލުވުމުން ކަންބޮޑުވާ ކަމަށް އެ ޖަމާޢަތްތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވެއެވެ.

އަދި އ.ދ.ގެ ސެކްރެޓަރީ-ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ގެ ތަރުޖަމާނު ސްޓެފާން ޑުޖެރިކް ނިއުޔޯކުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ ގިނީ-ބިސާއޯ ގެ ހާލަތު "ބޮޑު ކަންބޮޑުވުމާއެކު" ސެކްރެޓަރީ ޖެނެރަލް ބައްލަވަމުން ގެންދަވާ ކަމަށެވެ.

- ކޮމެންޓް