ދައުލަތަށް ލިބެންޖެހޭ ފައިސާ ދައުލަތަށް ހޯދައި ދިނުމަކީ މި ސަރުކާރުން އާންމުކޮށް ދައްކަމުންދާ ވާހަކައެކެވެ. ފައިސާއަކީ މި ސަރުކާރުގެ ވެރިންނާ ވަރަށް ދޯޅު އެއްޗަކަށްވާއިރު، އެކިއެކި ކޮމިޝަންތަކަށް ހަދައިން ފައިސާ ހޯދަނީ އެވެ. ކުރީގެ ސަރުކާރުތަކުގެ އެކިއެކި މަގާމުތަކުގައި ތިބި މީހުންގެ އަތުން ވެސް ފައިސާ ހޯދަން ދައުވާ ކުރަނީ އެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކެއް ކޯޓުގައި އެބަހުއްޓެވެ. މިފަދަ މައްސަލަތައް ކޯޓުގައި ހުއްޓާ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ މިފަދަ މައްސަލައެއް ވެސް މިވަނީ ފެންމަތިވެފަ އެވެ.
ބިޝާމް ބަންޑާރަނައިބުގެ އޮފީހުގައި މަސައްކަތް ކުރެއްވިއިރު، ދައުލަތުގެ ޚަރަދުގައި ކިޔަވާ ވިދާޅުވާން ވަޑައިގަތުމަށްފަހު ކޯސް ފުރިހަމަ ނުކުރައްވައި ވަޑައިގެން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ވަނީ ހުށަހަޅާފަ އެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ބިޝާމް 2010 ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރުގެ ޚަރަދުގައި އެ އޮފީހުގެ ފަރާތުން ބިޝާމްއަށް މާސްޓާރސް ޑިގްރީއަކަށް ކިޔެވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެ ކޯސް ފުރިހަމަ ކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން މުސާރަ ލިބޭ ގޮތަށް އެއް އަހަރު ދުވަހުގެ ޗުއްޓީއެއްގައި ނިއުޒިލޭންޑަށް ވަޑައިގެންނެވި ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
އެ ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށާއި، ބަންޑާރަނައިބުގެ އޮފީހާއި ބިޝާމްއާއެކު ބޮންޑު އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާ ކަަމަށް ވެސް މަހްލޫފް އޭސީސީއަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވެއެވެ. އެ އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި ކޯސް ފުރިހަމަކޮށް، އޮފީހުގެ ޚިދުމަތަށް ނުކުންނަވަން ޖެހޭ ކަމަށް ބަޔާން ކޮށްފައިވާއިރު، ކޯސް ފުރިހަމަ ކޮށްފައިނުވާނަމަ، އެ ކޯހަށް ދިޔަ ޚަރަދު ދައުލަތަށް އަނބުރާ ދައްކަންޖެހޭނެ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ. އަދި ކޯސް ފުރިހަމަކުރި ކަމަށް ބެލެވޭނީ ކޯހުގެ ސެޓްފިކެޓް އެ އޮފީހަށް ހުށަހެޅުމުން ކަމަށްވެސް އެއް އެއްބަސްވުމުގައިވާ ކަމަށް މަހްލޫފް ވިދާޅުވެފައި ވެއެވެ.
އެ ކޯހުގެ ސެޓްފިކެޓް ބަންޑާރަނައިބުގެ އޮފީހަށް ބިޝާމް ހުށަހަޅުއްވައިފައި ނުވާއިރު، އެ އޮފީހުން ތަކުރާރުކޮށް، އެ ސެޓްފިކެޓް ހުށަހެޅުއްވުމަށް ބިޝާމް އަށް އެންގި ކަމަށާއި އެހެން ނަމަވެސް ހުށަހަޅުއްވައިފައި ނުވާކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި އެއިރު ބިޝާމް ހުންނެވީ ބަންޑާރަނައިބުގެ އޮފީހުގެ އިސް މަގާމެއްގައި ކަމަށްވާތީ މަގާމުގެ ނުފޫޒު ވެސް ބޭނުން ކުރައްވައިފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ. އެ ސީޓީގައި މަހުލޫފް ވިދާޅުވެފައިވަނީ 2011 ވަނަ އަހަރުން ފެށިގެން ބިޝާމް އެކިއެކި މަގާމުތަކަށް ކުރިމަތިލެއްވުމުގެ ގޮތުން ހުށަހަޅުއްވައިފައިވާ ސީވީ ތަކުގައިވެސް މާސްޓާރސް ޑިގްރީ ހައްދަވާފައިވާކަން ނުވަތަ މާސްޓަރސް ޑިގްރީގެ ސެޓްފިކެޓް ހިމަނުއްވައިފައި ނުވަނީ އެ ކޯސް ފުރިހަމަ ނުކުރައްވާތީ ކަމަށް ބެލެވޭ ކަމަށެވެ.
ބިޝާމްގެ މިފަދަ މައްސަލައެއް އޮތްވައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ބިޝާމް ވަޑައިގެން މިފަދަ މައްސަލައެއްގައި ފައިސާ ހޯދުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްއެއްގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ. ދައުވާ ކޮށްފައިވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ދީބާނާޒް ފަހުމީގެ ކިޔެވުމަށް ދައުލަތުން ޚަރަދުކުރި ކަމަށް ބުނާ ފަސް ލައްކައެއްހާ ރުފިޔާ ހޯދުމަށެވެ. އޮކްޓޯބަރު، 31، 2012 އިން ފެށިގެން ނޮވެމްބަރު، 11، 2013 އާ ހަމައަށް ޑީޕީޖީގެ މަގާމު އަދާކުރެއްވި ދީބާނާޒްގެ މައްޗަށް ދައުވާ ކޮށްފައިވަނީ މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ވަޑައިގެންނެވުމަށް ފަހު ކޯސް ފުރިހަމަ ނުކުރައްވާ ރާއްޖެ ވަޑައިގެން ކަމަށް ބުނެ އެވެ. މިއަހަރުގެ ޖުލައި މަހު ކުރި އެ ދައުވާގެ މައްސަލަ މިހާރު އޮތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގަ އެވެ. އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ އޯގަސްޓް މަހުގެ ފަހުކޮޅު އެވެ.
ބިޝާމާ ގުޅޭ ގޮތުން ހުށަހެޅުނު މައްސަލައާ ގުޅިގެން މިއަދާ ހަމައަށް ވެސް އެކަމަނާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބެއް ވެސް ނުދެއްވަ އެވެ. ފަހަރުގައި ބަހެއް ވިދާޅުވާން ނުޖެހޭނެ ކަމަށް ގަބޫލުކުރައްވަނީ ކަމަށް ވުން އެކަށީގެންވެއެވެ.
ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެކެވެ. ގާނޫނު އަސާސީގެ ދެ ވަނަ ބާބުގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން، އެ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި ހައްގުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެއެވެ.
ހަމަ މި ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނަނީ ގާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށެވެ. އަދި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް އެ ވަނީ ބަޔާންކޮށްފަ އެވެ.
ގާނޫނު އަސާސީގައި ބަޔާން ކުރާ ގޮތަށް ގައުމުގެ ކަންތައްތައް ކުރިއަށް ގެންދާނަމަ ދީބާނާޒްގެ ކިޔެވުމަށް ދައުލަތުން ޚަރަދުކުރި ފައިސާ ހޯދަން ދައުވާ ކުރި ފަދައިން، ބިޝާމްގެ ކިޔެވުމަށް ދައުލަތުން ޚަރަދުކުރި ފައިސާ ހޯދުމަށް ދައުވާ ކުރެވެންޖެހެ އެވެ. ގާނޫނު އަސާސީ ބުނާ ފަދައިން ހަމަހަމަކަމާއި ތަފާތުނުކުރުން ދެމެހެއްޓެން އަންނަނީ އެއިރުންނެވެ. ވަކި މީހަކަށް ވަކި ގޮތެއް ހަދަމުން ދިޔަޔަސް، އެއީ ގާނޫނު ބުނާ ގޮތެއް ނޫނެވެ. އެކަންކަމަށް ޖަވާބުދާރީވާންޖެހޭނެ ދުވަހެއް އަންނާނެ އެވެ. އަބަދު އެއްބަޔަކު ވެރިކަމުގައި ނުތިބޭނެ އެވެ. ވެރިކަމާއި އާރާއި ބާރަކީ ބީވެދާ އެއްޗެއްކަން މާޒީއަށް ބަލާލުމުން ވެސް އެނގެ އެވެ. މިއަދު ނުވިއްޔާ އެ ދުވަހަކުން ދައުވާ ކުރެވޭނެ އެވެ. ދިވެހި ރައްޔިތުންގެ ފައިސާ އަނބުރާ ހޯދޭނެ އެވެ.