އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ކައިރިން ނެޝަނަލް ގާޑުގެ ދެ މެމްބަރުންގެ ގަޔަށް ބަޑި ޖަހައި ލިބުނު ޒަޚަމުތަކާ ގުޅިގެން އެ ދެ މީހުން މަރުވެއްޖެ އެވެ.
ވެސްޓް ވާޖީނިއާގެ ގަވަރުނަރު ޕެޓްރިކް މޮރިސީ ވިދާޅުވީ، ބުދަ ދުވަހު އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހިނގައި ދިޔަ ހާދިސާގައި އަނިޔާވި ނެޝަނަލް ގާޑުގެ ދެ މެމްބަރުން މަރުވެފައިވާ ކަމަށެވެ. އަދި އެއީ އެ ދެ މެމްބަރުންނަށް ލިބުނު ޒަޚަމުތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ވައިޓް ހައުސްއާ ގާތް ގަނޑަކަށް ދެ ބްލޮކް ދުރުގައި ހިނގި މި ހާދިސާގައި، ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ހާދިސާ ހިނގި ސަރަހައްދުގެ ކައިރީގައި ހުރި އޭއެފްޕީގެ ނޫސްވެރިޔަކު ބުނެފައި ވަނީ، ވަޒަން ޖެހި އަޑު ވަރަށް ބާރަށް އިވުނު ކަމަށެވެ. އަދި އޭގެ ފަހުން ވައިޓް ހައުސް އާއި، ސަބްވޭ ސްޓޭޝަންތަކާ ކައިރީގައި ހުރި ސަރަހައްދު ތަކުން މީހުން ދުވަމުން ދިޔަ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ، މިވަގުތު ފްލޮރިޑާގައި ހުންނެވި އެ ޤަައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އެ ހާދިސާގެ މައުލޫމާތު ވަގުތުން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ފަހުން، އިތުރުން 500 ނެޝަނަލް ގާޑު ސިފައިން ހޯދުމަށް ޓްރަމްޕް، ޕެންޓަގަންގައި އެދިވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ވަނީ ވިދާޅުވެފަ އެވެ.
އެ ސަރަހައްދުގެ އިދާރާ ތަކުން ހާމަ ކޮށްފައިވާ ގޮތުގައި، ކުއްލި ޙާލަތުގައި ޚިދުމަތް ދޭ ފަރާތްތަކުން ވަނީ ވަޒަން އެރި ތިން މީހަކު ވަގުތުން ހޮސްޕިޓަލް އަށް ގެންގޮސްފަ އެވެ. އެ ވަގުތު އެމެރިކާގެ ސީކްރެޓް ސާވިސްގެ އޮފިޝަލުން ފެނިފައި ވަނީ، ފުލުހުން ދަމާފައިވާ ޓޭޕުގެ ފަހަތުގައި ހަތިޔާރާ އެކު ތިބި މަންޒަރެވެ.
އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ވެރިކަން ކުރަމުން އަންނަ ވޮޝިންޓަންގެ އިތުރުން ލޮސް އެންޖަލިސް އަދި މެމްފިސް އަށް ނެޝަނަލް ގާޑުގެ ސިފައިން ފޮނުވުމަށް ޓްރަމްޕް ނިންމަވާފައި ވަނީ، ކުށުގެ މައްސަލަތައް ހައްލު ކުރުމާއި، އެއްވެސް ލިޔެ ކިޔުމެއް ނެތި އުޅެމުން އަންނަ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށް ބުނެ އެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އާއި ކުރީގެ ރައީސް ބަރަކް އޮބާމާގެ އިތުރުން، ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.