އުރީދޫ ފިންޓެކް މޯލްޑިވްސް އިން އީޒަޕްއާ އެކު އާ ޕާޓްނަރޝިޕެއް ގާއިމް ކޮށް އިއުލާނު ކޮށްފި އެވެ.
މި ޕާޓްނަރޝިޕްގެ ދަށުން އީޒަޕް ބޭނުންކުރާ ފަރާތްތަކަށް ޑިސެމްބަރު 1، 2025 އިން ފެށިގެން އެމްފައިސާ މެދުވެރިކޮށް ރައްކާތެރި އަދި މެދުނުކެނޑި ޑިޖިޓަލް ޕޭމަންޓްތައް ކުރެވޭނެ އެވެ.
އެމް-ފައިސާ އަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓެކެވެ. އީޒަޕްގެ އިންޓެގްރޭޝަން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ޕާޓްނަރޝިޕްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ ގެ ތަސައްވުރަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އީޒަޕްއާ އެކު ޕާޓްނަރޝިޕް ހެދުމަކީ އެމްފައިސާ މެދުވެރިކޮށް އަވަސް، ރައްކާތެރި އަދި އިތުބާރު ހިފޭ ޑިޖިޓަލް މުއާމަލާތްތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށެވެ. އޭނާ ވިދާޅުވީ މި އެއްބަސްވުމަކީ އީޖާދީ އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ސްމާޓް، ކަނެކްޓެޑް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫ އިން ކުރާމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށެވެ.
އީޒަޕްގެ ސީއީއޯ އަދި ސީއެފްއޯ އަބްދުﷲ މިއުވާން ޝަރީފް ވިދާޅުވީ އީޒަޕްގައި އަބަދުވެސް ފޯކަސް ހުރީ ކަސްޓަމަރުންގެ އާންމު ދިރިއުޅުން ފަސޭހަކޮށްދިނުމަށް ކަމަށެވެ. އަދި އެމްފައިސާ އިންޓެގްރޭޓް ކުރުމާއެކު ފަސޭހަ، ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް އޮޕްޝަނެއް ކަސްޓަމަރުންނަށް ފޯރުކޮށްދެވެނެ އެވެ. އަދި އުރީދޫ ފިންޓެކް މޯލްޑިވްސްއާ އެކު ޕާޓްނަރޝިޕް ހެދުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖެއަކީ ކޭޝްލެސް މުސްތަގުބަލަށް ވާސިލުވެ، ޔުނިވާރސަލް ޑިޖިޓަލް އެކްސެސް އިތުރުކޮށް، ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ އެވެ. އެމްފައިސާގެ މުއާމަލާތްތަކަކީ ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ މުއާމަލާތެއްކަން ކަށަވަރު ކުރެވެ އެވެ.