މާލީ ގޮތުން ކުރިމަތިވާ "ތޫފާނެއް" ހަމަ ކޮންމެ ހިނދަކު ވެސް އަތުވެދާނެ ކަމަށާއި އެކަމަށް މަރުކަޒީ ބޭންކުން ތައްޔާރުވެ ތިބެންޖެހޭ ކަމަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
މަރުކަޒީބޭންކް (އެމްއެމްއޭ) އިން ކުރިއަށް ގެންދާ "އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2025" ގައި ތަގުރީރުކުރައްވަމުން އަޒީމާ ވިދާޅުވީ އާއްމު ގޮތެއްގައި، ތޫފާނު އަންނާނީ އެންމެ ހީނުކުރާ ވަގުތު ކަމަށާއި ބައެއް ފަހަރު އެއީ ނިދާފައި ތިބޭ ވަގުތު ކަމަށެވެ. ނަމަވެސް ރާއްޖެ ފަދަ ކުދި އިގްތިސާދުތަކުގައި، "ޝޮކެއް ނުވަތަ ތޫފާނެއް" އަތުވެދާނެތޯ މީހުން ސުވާލު ނުއުފައްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޒީމާ ވިދާޅުވި ގޮތުގައި މާލީ ހާލަތާ ދޭތެރޭ އޮންނަ ކަންބޮޑުވުންތަކެއް މީހުންގެ މެދުގައި އޮންނާނެއެވެ. މީހުން ކަންބޮޑުވާނީ އޭނާ ވިދާޅުވި ގޮތުގައި ލިބޭ މުސާރައިން އެ މީހުން ބޭނުންވާ ކާނާ ގަނެވޭނެތޯ އާއި ބޭންކް ކާޑުން ކުރަމުން އައި ކަންތައް ކުރެވިދާނެތޯ ކަމަށެވެ.
ކުރީގެ ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި ކުދި އިގްތިސާދުތަކުގައި މާލީ ހާލަތުގައި ކުއްލި ބަދަލުތައް އައުމަކީ ވަރަށް ގާތް ކަމެކެވެ. އެހެންކަމުން މުއައްސަސާތައް އެފަދަ ހާލަތްތަކަށް ތައްޔާރުވެ ތިބުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް އާޒިމާ ފާހަގަ ކުރެއްވި އެވެ.
ތައްޔާރަށް ތިބުމުގެ މާނައަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްގެން ތިބުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ތޫފާނަކަށް ނުވަތަ ޝޮކަކަށް ތައްޔާރުވާން ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ "ސްޓްރެޓެޖިކް ފޯ ސައިޓް" ނުވަތަ ކުރިމަގުގައި ކަންވެދާނެ ގޮތްތައް ލަފާކޮށް އެ އިން ކޮންމެ ހާލަތަކާ ގުޅިގެން ގެންނަން ޖެހިދާނެ ބަދަލަކަށް ތައްޔާރުވުމެވެ. މިއީ މާލީ ނިޒާމު ރައްކާތެރިކޮށް، އިގްތިސާދީ ސްޓެބިލިޓީ ދެމެހެއްޓުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައްކަން އާޒިމާ ފާހަގަކުރެއްވި އެވެ.
އެމްއެމްއޭ ރިސާޗް ކޮންފަރެންސްގައި އިލްމީ ދިރާސާ ކަރުދާސްތައް ގިނަ އަދަދަކަށް ހުށަހަޅާފައިވާއިރު އެ ކޮންފަރެންސްގައި 40 ދިރާސީ ޕޭޕަރު ހުށަހަޅަން ހަމަޖެހިފައިވެ އެވެ. މި ކޮންފަރެންސް އަކީ މިދިޔަ އަހަރުން ފެށިގެން ބާއްވާ ކޮންފަރެންސް އެކެވެ.