ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓް ވަޒީރަކަށް ވެސް އިސް ވެރިއަކަށް ވެސް ރާއްޖޭގެ މަލީ ހާލަތެއް ރަނގަޅަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެނގޭނަމަ ހާސްކަމެއް ނެތި ނުތިބޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ރަށްރަށުގައި ފަށާފައި ހުރި ޕްރޮޖެކްޓްތައް ހުއްޓިފައިވާ އިރު ވެސް ސަރުކާރުގެ އެއްވެސް ހާސްކަމެއް ނެތް ކަމަށެވެ. އަދި ވިޔަފާރިތައް ބަނގުރޫޓުވެ ތަކެތީގެ އަގުބޮޑުވެ އިގްތިސާދު އަދި މާލީ ކަންކަން ވަރަށް ގޯހުން ގޯހަށްދާކަމަށެވެ. އަމީރު ވިދާޅުވީ މިހާރުވެސް އާއިލާތައް އުޅެނީ ކިރިޔާ މެނޭޖްކުރެވޭ ހާލަތުގައި ކަމަށެވެ.
އަމީރު ވިދާޅުވީ ކަމެއްވާކަން ނޭނގޭނަމަ އިންސާނާ ހުންނާނީ ހިތްހަމަޖެހިފައި ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައި ތިިބި މިނިސްޓަރުންނަށްވެސް އަދި ވަޒީރުންގެ ދަށުގައި ތިބި ފަރާތްތަކަށް ވެސް ރާއްޖޭގެ މާލީ ހާލަތު އޮތްގޮތް އެނގޭ ކަމަށް ގަބޫލެއް ނުކުަރައްވާ ކަމަށެވެ.
މިނިސްޓްރީ އޮފް ފިނޭންސްގައި ތިބި ޓެކްނިކަލް މީހުންނަށް އެނގިވަޑައިގެންފާނެ. އެކަމަކު ކެބިނެޓުގައި ތިއްބެވި މިނިސްޓަރުންނަށް ވެސް އަދި ސަރުކާރުގެ އިސްވެރިންނަށް ވެސް، އަޅުގަނޑަށް ހިއެއް ނުވޭ ރާއްޖޭގެ މާލީ ހާލަތު ރަނގަޅަށް އެނގޭނެހެން. އަދި މާލީ ހާލަތު ހުރިގޮތުން އަރައިގަންނާނީ ކޮންކޮން ސިޔާސަތަކެއް ގެނެސްގެސްތޯ، ކޮންކޮން ރިފޯމްތަކެއް ގެނެސްގެންތޯ އެބޭފުޅުންނަށް އެނގޭ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އެހެންވީމަ އެ ހާސްކަމެއް ނުފެންނާނެތާ.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު![]()
އިގްތިސާދު މެނޭޖްކުރަން މި ސަރުކާރަށް ނޭނގޭ ކަމަށް އަމީރު ވިދާޅުވި އިރު، ކުރީގެ އަންދާޒާ އާ އެއް ގޮތައް އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވަނީ، އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަަޅާ ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ޖީޑީޕީ ކުރިއަރާފައި ވަނީ 2.5% އަށް ކަމަށެވެ.
2025 ވަނަ އަހަރުގެ މޭ މަހު ސަރުކާރުން ތައްޔާރު ކުރި ފޯކާސްޓް ތަކުގައި، 2025 ވަނަ އަހަރުގެ އަހަރީ ޖީޑީޕީ އަސާސީ ސިނާރިއޯގައި 4.5% އަށް ކުރިއަރާނެ ކަމަށާއި އަދި އޯލްޓަރނޭޓިވް ސިނާރިއޯ އެއް ގައި 5.6% އިން ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.
އެހެން ނަމަވެސް އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓު ބުނާ ގޮތުން މި އަންދާޒާ ތަކާ އެއްގޮތައް އިގްތިސާދު ކުރިއަރަމުން ގޮސްފައެއް ނުވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ޝާއިއު ކުރި އިކޮނޮމިކް އަޕްޑޭޓް ގައި ބުނެފައިވަނީ މި ދެ ސިނާރިއޯ އާ އެއް ގޮތައް އިގްތިސާދު ކުރިއަރާނެ ކަމަށް ނުފެންނާތީ، 2025 ވަނަ އަހަރަށް އިގްތިސާދު ކުރި އަރާނެ ކަމަށް ލަފާ ކުރެވޭ މިންވަރު މިހާރު ވަނީ ދަށްކުރެވިފައި ކަމަށެވެ.
އިގްތިސާދު ކުރިއަރާނެ ކަމަށް އަންދާޒާ ކުރާ މިންވަރު މިއަހަރަށް ދަށް ކުރީ، ހުސްވި އަހަރު އަންދާޒާ ކުރި މިންވަރަށް ވުރެ ދަށް ކޮށް ކުރިއަރާފައިވާތީއެވެ. ހުސްވި އަހަރު ޖީޑީޕީ ކުރިއެރީ 3.3% އަށެވެ. އެއީ ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ ވުރެ 2.2 ޕަސެންޓޭޖް ޕޮއިންޓް ދަށް އަދަދެކެވެ.