Advertisement
ކ. މާލެ
|
17 ނޮވެންބަރ 2025 | ހޯމަ 15:15
ހެލްތް މިނިސްޓްރީ ހުންނަ އިމާރާތް
ހެލްތް މިނިސްޓްރީ ހުންނަ އިމާރާތް
ރާއްޖެއެމްވީ
އިހުމާލުން މީހަކު މަރުވި މައްސަލައެއް
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
އެ މީހާ މަރުވީ މިމަހުގެ 15 ވަނަ ދުވަހު ދަތް ނަގައި ކުޑަ އިރުކޮޅެއްގެ ތެރޭގައި
ދަތް ނެގުމަށް ދެ އިންޖެކްޝަނެއް ޖަހާފައިވޭ
މި މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ބަލަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނޭ

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އެ އާއިލާ މީހެއް ބުނީ، އެ އަންހެން މީހާ ދަތުގައި ރިއްސާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ޓްރީޓޮޕް ޑޮކްޓަރަށް ދެއްކި ކަމަށެވެ. އަދި ވަރަށް ބޮޑަށް ތިން ދަތް ވެސް ހަލާކުވެ އިންފެކްޓް ވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށާއި، ދަތް ނަގަން ޖެހޭ ކަމަށް އެންގި ކަމަށެވެ.

އެގޮތުން މި މަހުގެ 15 ވަނަ ދުވަހު ޓްރީޓޮޕަށް ދަތް ނެގުމަށް ދިޔަ ކަމަށާއި، ދަތް ނެގުމުގެ މަސައްކަތް ކުރި ކަމަށެވެ. އިންޖެކްޝަނެއް ޖެހުމަށްފަހު، ހުޅުމާލޭގައި ހުންނަ ދަތުގެ ފަރުވާދޭ އޯރާކެއަރ ޑެންޓަލް ކްލިނިކަށް ދިއުމަށް ޑޮކްޓަރު އެދުނު ކަމަށެވެ. އެއީ ދަތް ނެގުމަށް ޕްރޮސަސް މާރަނގަޅަށް ނޭނގޭތީ ޑޮކްޓަރު ވިދާޅުވި ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

އެހެންކަމުން އެމީހާ ގޮވައިގެން ކްލިނިކަށް ދިއުމުން ދެ ވަނަ ފަހަރަށް އިންޖެކްޝަނެއް ޖަހައި، ތިން ދަތް ނެގި ކަމަށް އާއިލާއިން ބުންޏެވެ. ދަތް ނެގުމަށްފަހު އައިސްކްރީމް ގަންނަން ފިހާރައިގައި ހުއްޓާ އެ އަންހެން މީހާ ވެއްޓުނީ ކަމަށެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، މާ ގިނައިރުތަކެއް ނުވެ މަރުވި ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ އާއިލާއިން ބުނީ އެ އަންހެން މީހާ މަރުވީ ޝޮކެއް ޖެހިގެން ކަމަށާއި، ދަތް ނެގުމުގެ ސަބަބުން ތިން ނާރެއް ބްލޮކް ވެފައިވާ ކަމަށެވެ. އަދި ޝޮކް ޖެހިފައިވަނީ ތިން ނާރު ބްލޮކް ވުމުގެ ސަބަބުންނެވެ.

މީގެ އިތުރުން އެ އަންހެން މީހާއަކީ ހައި ރިސްކް މީހަކަށްވާއިރު، މިފަދަ ގޮތަކަށް އަމަލު ކޮށްފައިވާތީ އާއިލާއިން ވަނީ މި މައްސަލަ ޓްރީޓޮޕް އަދި ހެލްތް މިނިސްޓްރީ އަށް މައްސަލަ ހުށަހަޅާފަ އެވެ.

ކުއްލި ގޮތަކަށް އެ އަންހެން މީހާ މަރުވުމާ ގުޅިގެން ފަރުވާގެ ކަންކަމުގައި އުޅުނު އެ އަންހެން މީހާގެ 23 އަހަރުގެ އަންހެން ދަރިއެއް ވަރަށް ބޮޑަށް ނަފްސާނީ ވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

ރާއްޖެއެމްވީ އަށް މި މައްސަލައާ ގުޅޭގޮތުން ޓްރީޓޮޕުން ބުނީ މައްސަލާގެ ތަފްސީލާއެކު އީމެއިލް އެއް ކުރުމަށް އެދޭ ކަމަށާއި، މިވަގުތު ޖަވާބެއް ދެވެން ނެތް ކަމަށެވެ. އަދި އޯރާކެއަރ ޑެންޓަލް ކްލިނިކުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ހެލްތް މިނިސްޓްރީގެ މީޑީއާ އޮޕިޝަލް ވިދާޅުވީ މި މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ބަލަމުންދާ ކަމަށެވެ.

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް މަރުވެފައިވާއިރު، މިފަހުން ސިއްހީ އިހުމާލުން ގިނަ ބައެއްގެ ފުރާނަ ގެއްލޭ މައްސަލަތައް ވަނީ ބޮޑުވެފަ އެވެ.

- ކޮމެންޓް