ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނު ދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި އެވެ.
ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސްއާއި މިނިވަންކަމާއެކުގަ ކަމަށާއި މިކަން ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަރނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާއިރު، ބޭންކުން ހިފަހައްޓަމުންދަނީ ބައިނަލްއަގުވާމީ ބޭންކިންގ ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތައް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އެގޮތުން ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިންގ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމް.އެމް.އޭ އިން ކަނޑަ އަޅުއްވާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑަރޑް ތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑަރޑްތަކަށް ކަމަށާއި މީގެ އިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފަރމްތައް ދަނީ ގަވައިދުން ބޭންކު އޮޑިޓްކުރަމުންނެވެ. އަދި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވޭ ކަމަށްވެސް ބީއެލްއިން ބުންޏެވެ.
ބޭންކު ހިނގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކިދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީ ތަކާއި އެއްގޮތަށް ބޯޑުން ނިންމަވާ ނިންމެވުމާއި ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށްވާއިރު، ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާއި އެގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށާއި ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވަރ އެކްސްޕޯޝަރ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝަރ އަށްވެސް ބަލާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
އަދި ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލާއިރު، ލޯނު ދޭނީ އަންޑަރ ރައިޓިން އުސޫލާ އެއްގޮތަށެވެ. މިއީ ކޮންމެ ހާލަތެއްގައިވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލެވެ.
ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށާއި، ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ ކަމަށް ބޭންކުން ބުންނެވެ.
މީގެ އިތުރުން އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނެ އެވެ.
ބޭންކުގެ އުސޫލުތަކާއި ހަމަތައް އެކުލަވާލާފައިވާ ގޮތުން ވަކި މުވައްޒަފަކަށް ލޯނާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރެއް ނޯންނަ އިރު، އެކަން މިހާރު ހިނގަމުން ދަނީވެސް އަދި ކުރިޔަށް އޮތްތާގައި ހިނގަމުންދާނީވެސް ކުރިން ބަޔާންކުރި ފަދައިން ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ޕޮލިސީތަކާއި ބޭންކުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ބޭންކުން ވަނީ ބުނެފަ އެޗެ.
މިއަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. މިހާތަނަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތަކުގައި ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ހުރި ޖުމްލަ އަދަދުތަކަކީ:
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ތަރައްގީއާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭންކަކަށް ވާއިރު، ބޭންކުން އަމަލުކުރަމުންދާނީ ބޭންކުގެ ޑިޕޮސިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމުކުރެވިފައިވާ ހަރުދަނާ ގަވަރނަންސް އުސޫލުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެހެންކަމުން އެ ބޭންކާ ގުޅޭ ގޮތުން އާންމުންނަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކަމުގެ މަޢުލޫމާތު ރަގަޅަށް ނުހޯއްދަވާ، ބައެއް ފަރާތްތަކުން ވަކި މަގުސަދެއް ހާސިލްކުރުމަށްޓަކައި މި ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ޚިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަމެވެ.